ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 10 ގައުމަކަށް ސަފީރުން އައްޔަންކުރުމަށް މަޖިލީހަށް ފޮނުވާފައެވެ. އެގޭތެރެއިން 8 ނަމަކަށް ރުހުން ދޭން ފެންނަކަމަށް މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ސަފީރުކަމަށް ރުހުންދިނުމަށް ކޮމެޓީން ނިންމި ނަންތައް
ސަފީރުންގެ ގޮތުގައި އައްޔަންކުރަން ރައީސް ފޮނުއްވާފއިވާ ނަންތަކުންގެ ކޮމެޓީން އަދި ގޮތެއް ނިންމާފައި ނުވަނީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަންކުރަން ފޮނުއްވާފައިވާ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރަން ފޮނުއްވާފައިވާ ޝިއުނީން ރަޝީދުއެވެ. މި ދެބޭފުޅުންގެ ނަން ރައީސް މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 27 ގައެވެ.
ގައުމުތަކަށް އައްޔަންކުރަން ސަރުކާރުން ފޮނުވާފައިވާ ސަފީރުންނަށް މަޖިލީހުން ރުހުން ދިނުން ލަސްކުރާކަމަށް ވިދާޅުވެ ރަޢީސް ޑރ. މުއިއްޒު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. މިމަހުގެ 11 ވަނަ ހައްދުންމަތީ މާވަށުގައި ވާހަކަދައްކަވަމުން ރަޢީސް ވިދާޅުވީ ބޭރު ގައުމުތަކަށް ސަފީރުން ފޮނުވުމަށް ނަންތައް މަޖިލީހަށް ފޮނުވުމުން އެކަމުގައި މަޖިލީހުން ލަސްކުރަމުންދާކަމަށެވެ.
ސަފީރުކަމަށް އައްޔަންކުރަން ފޮނުވި 10 ނަމުގެ ތެރެއިން 4 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވީ މިދިޔަ އަހަރުގެ ޑިސެމްބަރު 23ގައެވެ. އެއީ މޮންދުއާއި އިރުތިޝާމް އަދި އަލިނީގެ ނަމެވެ.
އޭގެ ފަހުން މަސްއޫދު އިމާދާއި ޝަބީނާ އަހްމަދާއި ގީލާގެ ނަން ރައީސް މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 6 ވަނަދުވަހުއެވެ. އަދި މިިދިޔަ މަހުގެ 13 ވަނަދުވަހުވެސް ސަފީރުކަމަށް އައްޔަންކުރުމަށް 2 ނަމެއް ރައީސް ވަނީ މަޖިލީހަށް ފޮނުވާފައެވެ. އެއީ ސަލްމާ ރަޝީދާއި ލުވޭޒްގެ ނަމެވެ.
މީގެތެރެއިން ސަލްމާއަކީ ޕީއެންސީގެ ޓިކެޓްގައި މަޖިލީހުގެ މާފަންނު މެދު ދާއިރާއަށް ވާދަކުރާ އަސްމާ ރަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އަދި ޔޫއޭއީގެ ސަފީރުކަމަށް އައްޔަން ކުރަން ރައީސް ނިންމާފައިވާ މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެނެޓްގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސެއިން ޝަރީފްގެ ބޮޑުދައިތައެވެ.