މި ލޯންނަށް އެދުމަށް މިިދޔަ މަހުގެ 28ގައި ހުޅުވާލި ފުރުސަތު ހަމަވީ އިއްޔެގެ ނިޔަލަށެވެ.
އެހެންނަމަވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ މި މުއްދަތު އަންނަ މަހުގެ 2ގެ ނިޔަލަށް އިތުރުކޮށްފައެވެ. އެއީ އަންނަ ބުރާސްފަތިދުވަހެވެ.
މި ފަހަރު ލޯނަށް އެދުމަށް ހުޅުވާލީ 500 ފުރުސަތެވެ. މި ފުރުސަތުގައި އަލަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ލޯނަށް އެދެވޭނެއެވެ.
މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލަށް ކިޔެވުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެ އިތުރުންް ނުުޅެންދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް ޕްރޮގްރާމް ފުރިހަމަ ކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި އެކަމަށް މިނިސްޓްރީ ކަނޑައަޅާ ހަރަދެއް ދިނުމަށް ވެސް ވަނީ ހަމަޖައްސައިފައެވެ.
ލޯނަށް ކުރިމަތިލށާ ފަރާތްތަކުގެ ޝަރުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތެއްނަމަ، އެދޭ ޕްރޮގްރާމަކީ ރާއްޖެއިން ހެދެން ނެތް ޕްރޮގްރާމަކަށް ވާން ޖެހައެވެ. އަދި މިނިސްޓްރީން އިއުލާނުކޮށްފައިވާ ފުލް ސްކޮލަޝިޕަށް ހޮވިފައިވާ ފަރާތަކަށް ނުވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްލޮޓަކަށް ލޯނަށް ކުރިމަތިލާނަމަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާން ޖެހޭކަމަސްވެސް މިނިސްޓްރީން ކަނޑައޅާފައިވާ ޝަރުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ދައުލަތުން ނުވަތަ އެހެން ފަރާތަކުން ހިލޭ ނުވަތަ ލޯނެއްގެ ގޮތުގައި ހަމަޖެހިފައި ނެތް ފަރާތަކަށްވުމާއި މިނިސްޓްރީ މެދުވެރިވެގެން ކުރިން ލޯނު ނަގައިފައިވާނަމަ، އެއްބަސްވެފައިވާ ގޮތަށް އެ ލޯނު ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފައިވުމާއެކު ލޯނަށް އެދި ހުށަހަޅަން ދިން މުއްދަތު ހަމަވީއިރު، އެ ލޯނުގެ ޑިފޯލްޓެއް ނެތް ފަރާތަކަށްވުންމަކީވެސް ޝަރުތެކެވެ. އަދި ލޯނު ނަގާ ފަރާތަށް އެ ލޯނުގެ ފައިސާ އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައ،ި ފައިސާ ދެއްކުމުގެ މަސްއޫލިއްޔަތު އުފުލަން އެއްބަސްވާ ގެރެންޓަރެއް ހުރި ފަރާތަކަށް ވުމާއި މިގޮތުން ހުށަހަޅާ ގެރެންޓަރަކީ ލޯނު ނަގާ ފަރާތުގެ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ އާއިލާ މެންބަރަކަށްވާން ޖެހޭނެކަމަށްވެސް ލޯނަށް ހުށައެޅުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތަކުގެ ތެރޭގައިވެއެވެ.
ލޯނަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.