ނިމުނު 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ވާދަކުރެއްވި 368 ކެންޑިޑޭޓުންގެ ތެރޭގައި 43 އަންހެން ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވަ އެވެ. އެއީ ޕީއެންސީގެ 2 ކެންޑިޑޭޓުންނާއި އެމްޑީޕީގެ 6 ކެންޑިޑޭޓުން އަދި އެހެން ޕާޓީތަކުންނާއި އަމިއްލަ ގޮތުން 37 ކެންޑިޑޭޓުނެވެ. އިންތިހާބުގައި ކާމިޔާބީއާ ހަމައަށް ދެވުނީ "ސަރުކާރުން" ތާއީދު ކުރާ 3 ކެންޑިޑޭޓެވެ. އެއީ:
- ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި ފާތުމަތު ސައުދާ / ޕީއެންސީ
- މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދު / ޕީއެންސީ
- ހުރާ ދާއިރާއަށް ވާދަކުރެއްވި ޑރ. އަނާރާ ނައީމް / އަމިއްލަ
މި ނަތީޖާއަކީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގައި އަންހެނުންގެ ބައިވެރިވުން އެކި ދާއިރާތަކުގައި އޮންނަން ޖެހޭ މިންވަރަށް އަދިވެސް ނުގެންދެވޭ ކަމުގެ އެއް ހެއްކެވެ. އަދި "ވޯޓުން އަންހެނުން މޮޅު ނުވުން" ބިނާވެފައި މިއޮތީ ވޯޓު ދޭން ނިކުންނަ ރައްޔިތު މީހާގެ ވިސްނުމުގައި ވެސް ސިޔާސީ ދާއިރާގައި "އަންހެނެއްގެ ނަން ފެވެން" ބޭނުންވެފައި ނެތުމުގެ މައްޗަށެވެ.
ރާއްޖޭގައި އެތައް ސިޔާސީ ޕާޓީއެއް ހިންގިޔަސް އަދި ސިޔާސީ ޕާޓީތަކުގެ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން ފެނުނަސް އިންތިހާބީ މަގާމަކަށް އަންހެނަކު އައުމަށް ސިޔާސީ ޕާޓީތަކުގެ އެތެރޭން ވެސް ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ އަންހެނުން ނަށް ދެވޭ "ޕާޓީ ސަޕޯޓް" މަދެވެ. ގިނަ ޕާޓީ ނިޒާމަކަށް މިހާ ބޮޑަށް ބަރޯސާވާ ގައުމެއްގައި ސިޔާސީ ޕާޓީއަކާ ނުލައި އަންހެނުންނަށް އިންތިހާބީ މަގާމެއްގައި ފިރިހެނެއްގެ މައްޗަށް "ގަދަވެގަނެ" ކުރިއެރުން ހޯދުން ނާދިރެވެ. އަންހެނަކު ވެސް އެކަނިމާއެކަނި ނުކުމެ ކުރާނެ ކަމެއް ނޯންނާނެ އެވެ. ދެ ޖިންސުގެ މީހަކަށް ވެސް ކުރިއެރުން ހޯދަައިދެވޭނީ ބައިވަރު މީހުންތަކެއްގެ ވެސް މަސައްކަތުން ނެވެ.
ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ މަސްލަހަތު ހުރި ކަންކަން ނިންމުމުގައި އަންހެނުންގެ ބަސް އިތުރުކުރުމާއި ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ހޯދައިދޭ ނިސްބަތް އިތުރުކުރުމަކީ ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް މުހިއްމު މަސައްކަތެކެވެ. ނަމަވެސް، އިންތިހާބުތަކުގެ ނަތީޖާ އިން މި ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އަންހެން މެންބަރުން މަދުވުމަކީ ކުރިއަށް އޮތް ތަނުގައި ވިސްނަންޖެހޭ ކަމެއްކަމަށާއި، ގިނަ އަންހެން މެންބަރުން ކުރިއަށް އޮތްތާނގައި ގާނޫނު ހަދާ މަޖިލީހުން ފެނިގެންދިއުމަކީ އުއްމީދެއްކަމަށެވެ.
އަހަރަކަށް ވުރެ އަހަރެއް މަޖިލީހަށް ހޮވިވަޑައިގަންނަވާ އަންހެން މެންބަރުންގެ އަދަދު މަދުކަން ފާހަގަކުރައްވާ ފުއާދު ކަންބޮޑުވުން ފާޅުކުރެއްވިއިރު، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ޖުމްލަ އަދަދުގެ 33 ޕަސެންޓު ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މިހާރު ވަނީ ހުށަހަޅުއްވާފަ އެވެ.
އެ އިސްލާހު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ އަަންހެނުންގެ ރޫހުގެ ރައީސާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.
- އަންހެނެއްގެ ނަން ފެވެން ފަށާ ހިސާބުން ކުރިމަތިކުރަނީ ބިރުދެއްކުމާއި ފުރައްސާރަ
މި ހިނގާ 19 ވަނަ މަޖިލީހުގެ 85 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ 4 އަންހެން މެމްބަރުން ނެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.
މީގެ ތެރެއިން 20 ވަނަ މަޖިލީހަށް ވާދަ ނުކުރައްވަނީ މިހާރު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން އެވެ. ރޮޒޭނާ 20 ވަނަ މަޖިލީހަށް ވާދަކުރެއްވި ނަމަވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ބަލިވެ 20 ވަނަ މަޖިލީހަށް ރޮޒޭނާ ފެށި ދަތުރު ވަނީ ނިމިފަ އެވެ.
20 ވަނަ މަޖިލިސް އިންތިހާބުގައި އެންމެ ގިނައިން އަންހެނުން ވާދަކުރީ އިދިކޮޅު ދަ ޑިމޮކްރެޓްސްއިންނެވެ. އެއީ 13 އަންހެން މެންބަރުންނެވެ. ނަމަވެސް އެ ޕާޓީއަށް އެއް ވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވެ އެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކަން ތިން ދައުރެއް ކުރެއްވި އީވާ އަބްދުﷲ ހިމެނެ އެވެ.
19 ވަނަ މަޖިލީހުގެ 85 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ 4 އަންހެން މެމްބަރުންގެ ތެރެއިން އިވާގެ އިތުރުން ދެން ވާދަކުރެއްވީ ހިންނަވަރު ދާއިރާގެ މިހާރުގެ މެންބަރު ޖީހާން މަހުމޫދުއެވެ. ނަމަވެސް އެމްޑީޕީން ކޮންޓްރޯލް ކުރަމުންދިޔަ ޅ. ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ޖީހާންއާއި ވާދަކުރައްވައި އެ ގޮނޑި ކާމިޔާބުކުރައްވާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނެވެ.
ޖީހާން އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރެވެ. އަދި އޭނާ އަކީ އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ކޮމިޓީގެ ރައީސާ އެވެ.
މި ކޮމިޓީގެ މައިގަނޑު ބޭނުމަކީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ކުރިއެރުވުމާ އެކު އިންސާނީ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރުމެވެ. ޖީހާން މީގެކުރިން ވަނީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފަ އެވެ.
ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުވަން އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ޔޫއެންޑީޕީއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެންގެ ތިން ވަނަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގަ މިފަހުން ވާހަކަފުޅު ދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ސިޔާސީ ދާއިރާގައި އަންހެނެއްގެ ނަން ފެވެން ފަށާ ހިސާބުން ދެން ކުރިމަތިކުރަނީ ބިރުދެއްކުމާއި ފުރައްސާރަ ކަމަށާއި ބައެއް މީހުންގެ އަދި ވެސް ބޭނުމަކީ "އަންހެނުން" ފަހަތަށް ޖައްސާލުން ކަމަށެވެ،
ޖީހާން ވިދާޅުވީ ރާއްޖޭގައި އަންހެނުންނާ މެދު އޮންނަ ވިސްނުން އަންހެނުން ނުކުމެ ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. ކޮންމެ ދާއިރާއަކުން ވިޔަސް އަންހެނުންނަށް ކުރެވޭނީ ވަކި ކަންތައްތަކެއް ކަމަށާއި ވަކި ހިސާބަކަށް ނޫނީ ނުދެވޭނެ ކަމުގެ ރޮނގު ދަމާލާފައި އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަަމަށް ވިދާޅުވި އެވެ.
އެ ވިސްނުން ބަދަލުކުރެވޭނީ, އޭނާ ވިދާޅުވި ގޮތުގައި, ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ބައިވެރިވުން އިތުރުކޮށް, ސިޔާސީ ކަންކަމުގައި ބަސްބުނުމާއި ނިންމުންތައް ނިންމުމާ ހަމައަށް ހިތްވަރާ އެކު ވާސިލްވެގެންނެވެ.
ޖީހާން ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާގައި ވެސް އަންހެނުން ފަހަތަށް ޖައްސާލަން ބޭނުންކުރަނީ ފުރައްސާރަ އެވެ. ސޯޝަލްމީޑިއާގެ ޒަރިއްޔާ އިންނާއި އެ ނޫން ގޮތްގޮތަށް އެ މީހެއްގެ ޒާތާއި ތިބޭ ގޮތާއި ހެދުން އަޅާ ގޮތާއި ވާހަކަ ދައްކާ ގޮތާއި އާއިލާ އާއި ދަންނަ މީހުންނާއި ރައްޓެހިންނާ ގުޅުވައި ވެސް ފާޑުކިއުން އަމާޒުކުރާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭނުމަކީ އެކި ގޮތްގޮތުން ދިމާކޮށް ހިތްވަރު އެލުވާލައި ބިރުގެންނެވުން ކަމަށެވެ.
އޭނާ ވިދާޅުވީ ސިޔާސީ ދާއިރާގައި މިހާރު ތިބި އަންހެނުންނާއި ކުރިއަށް ދިއުމުގެ އުއްމީދުގައި ތިބި އެންމެން މި ގައުމުގެ މާދަމާގެ އަންހެން ދަރިންނަށްޓަކައި ވެސް ހިތްވަރު ކުރަން ޖެހޭ ކަަމަށެވެ.
ސިޔާސީ ހަޔާތުގައި އެހެން އަންހެނަކަށް ދެރައެއް ލިބޭ ވަގުތު ގަންބާނުލަން ވެސް ޖީހާން އެދިވަޑައިގަތެވެ. އެ އަނބުރާ އެ މީހަކާ ހަމައަށް އައުމުގެ ބިރު އަބަދުވެސް އޮންނާނެ ކަމަށާއި އަންހެނުންނަށް އޮތް ގޮންޖެހުމަކީ އަންހެނުންނަށް ނުވުމަށް އޭނާ އެދިވަޑައިގަތެވެ.
- ދެ ޖިންސުގެ ހަމަހަމަކަން: ރާއްޖެ ފަހަތަށް
ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގައި ރާއްޖެ ފަހަތަށް ޖެހިފައިވާ ކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމުން ދުނިޔޭގައި ދެ ޖިންސުގެ ހަމަހަމަކަމާ ގުޅޭ ގޮތުން އެންމެފަހުން ނެރުނު "ގްލޯބަލް ޖެންޑާ ގެޕް" ބައިނަލްއަގުވާމީ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
މި ރިޕޯޓުގައި ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިހާރު އޮތީ 0.649 ގެ ސްކޯ އަކާ އެކު 124 ވަނައިގަ އެވެ. 2022 ވަނަ އަހަރު ރާއްޖެ އޮތީ 117 ވަނައިގަ އެވެ. ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގައި ރާއްޖެ އޮތީ ފަސް ވަނައިގަ އެވެ. މި ސަރަހައްދުގެ އެއްވަނައިގެ އޮތީ ބަންގްލަދޭޝް އެވެ.
ވަކިވަކި ދާއިރާތަކަށް ބަލާއިރު، ގާނޫނު ހަދާ މަޖިލީހުގައި އެންމެ މަދުން އަންހެނުން ތަމްސީލުވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އެއީ އެންމެ ދަށް މިންގަނޑު ކަމަށް ބަލާ ފަސް ޕަސެންޓަށް ވުރެ ދަށްވުމުންނެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލް ކުރަނީ 4.8 ޕަސެންޓެވެ. މުޅި ދާއިރާއަށް ބަލާއިރު، ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިވެފައިވާ ނިސްބަތަށް ބަލާއިރު ރާއްޖެ އޮތީ 103 ވަނައިގަ އެވެ.
ދެ ޖިންސުގެ ހަމަހަމަކަން ރާއްޖޭގައި އޮތީ ތައުލީމު ހާސިލުކުރުމުގެ ދާއިރާއިން ކަމަށް ރިޕޯޓުގައި ބުނެ އެވެ. ދުނިޔޭގެ ރޭންކިން އަށް ބަލާއިރު، ތައުލީމީ ދާއިރާއިން ރާއްޖެ އޮތީ 91 ވަނައިގަ އެވެ. އިގުތިސޯދުގައި އަންހެނުންގެ ދައުރުގައި 131 ވަނައިގަ އެވެ. މިއީ މި ސަރަހައްދުގައި އެންމެ މަތީ ސްކޯއެއް ރާއްޖެއަށް ލިބިފައިވާ ދާއިރާކަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ. ސިއްހީ ގޮތުން ރާއްޖެ 121 ވަނައިގައި އޮތް ނަމަވެސް އެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
- އަންހެނުން ބާރުވެރިކުރުމަށް ފައިސާގެ އެހީ ވެސް މުހިއްމު
ދަ އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އެލެކްޓޯރަލް ސިސްޓަމްސްއިން ވަނީ ޑިސެމްބަރު 2013ގައި ރާއްޖޭގައި އިންތިހާބީ މަގާމުތަކަށް އަންހެނުން ވާދަކުރާ މިންވަރާއި ހޮވޭ މިންވަރުގެ މައްޗަށް ދިރާސާއެއް ކޮށްފަ އެވެ. އެ ދިރާސާ އިން ދެއްކި ގޮތުން، އިންތިހާބުތަކުގައި ކެންޑިޑޭޓެއްގެ ގޮތުގައި އަންހެނުން ބައިވެރިވާ މިންވަރު މަދު ނަމަވެސް، ކެމްޕޭން ހަރަކާތްތަކުގަ އާއި ޕާޓީތަކުގެ ގްރާސްރޫޓްގައި ގިނަ އަދަދެއްގެ އަންހެނުން ހަރަކާތްތެރިވާކަން ފާހަގަކޮށްފައިވެ އެވެ.
އަންހެނުން ސިޔާސީ ކަންކަމުގައި ބައިވެރިވާ މިންވަރު ދަށްވުމުގައި ހުރި ސަބަބުތައް އެ ދިރާސާ އިން ފާހަގަކުރި އެވެ. އެގޮތުން:
- ފައިސާގެ ދަތިކަން
- މިންތީގެ ހަމަހަމަކަމަށް
- އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ކުޑަވުން
- އާންމު ތަންތަންތަނަށް އަންހެނުން ވަދެ ނިކުމެ އުޅުމުގައި ހުރި ހުރަސްތައް
- ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުޑަކުދިން ބެލުމަށް ޑޭކެއާ ސެންޓަރުތައް ގާއިމުކޮށްފައިނެތުން
- ގާނޫނީ ދަތިކަން
ސިޔާސީ މަސައްކަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތާއީދުކޮށް އަދި ނިމުނު އެމްޑީޕީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ސިޔާސީ ގިނަ އެއްވުންތަކުން ފެނިގެން ދިޔަ އަންހެނަކު ނަންނުޖެހުމަށް ޝަރުތުކޮށް ބުނީ ސިޔާސީ މަސައްކަތުގައި އަންހެނަކަށް މޮޅު ވެވޭނީ އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ކުރެވިގެން ކަމަށެވެ.
އޭނާ އިތުރަށް ބުނީ އޭޝިއާގައި އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ކުރުމަށް ދޭ އެހީގެ ތެރެއިން، ސަގާފީ އެހީއާއި ތަރައްގީގެ ކަންކަމަށް ދޭ އެހީގެ ގޮތުގައި، މިލިއަން ޑޮލަރު ހޭދަ ކުރާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައިވެސް އިންތިޒާމްވެގެން އަންހެނުން ސިޔާސީ ކުރުމަށް "ފައިސާ އިންވެސްޓް" ކުރަން ޖެހޭ ކަމަށެވެ. އަދި އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ކުރުމަށް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން އިސްނައިގެން ކުރަން ރާވާފައިވާ ކަންކަން އާއްމުކޮށް އިއުލާން ކުރަން ޖެހޭކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އަންހެނުންނަށް ފުރުސަތު ދެއްވާނެ ކަމުގެ ފޮނި ފޮނި ހުވަފެން ދައްކަވަމުންނެވެ. ތަކުރާރުކޮށް ޕޯޑިއަމްތަކުގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދަކީ އެމަނިކުފާނުގެ ސަރުކާރެއްގައި އަންހެނުން ބާކީ ނުވާނެ ކަމުގެ ވައުދެވެ. އަންހެނުން ބާރުވެރިކޮށް، އެންމެ މަތީ މަގާމުތަކުން ވެސް ފުރުސަތު ދެއްވާނެ ކަމުގެ ވައުދެވެ.
އަންހެނުންނަށް ވަކި ކަހަލަ ކަންތައްތަކެއް ނުކުރެވޭނެ ކަމުގެ ވިސްނުން މަޖިލީހާ ހިސާބުން އަދި އެހެން ދާއިރާތަކުން ވެސް ބަދަލުކުރަން ޖެހެ އެވެ. މިކަމުގައި ވޯޓުލުމުގެ ހައްގު ލިބިދޭ 18 އަހަރުންމަތީ ކޮންމެ މީހެއްގެ ދައުރު ނުހަނު ބޮޑެވެ. އަންހެނުން ކުރާ މަސައްކަތް ހިސާބުކުރެވެން ނެތްއިރު، ދިވެހިރާއްޖޭގައި ސިޔާސީ ގޮތުން "ސިޔާސަ" ފިރިހެނުން ކުރިއެރުވުމުގައި ވެސް އަންހެނުންގެ ދައުރު ބޮޑެވެ. އަންހެނުންނަށް ވަކި ކަންތައްތަކެއް ނޫނީ ނުކުރެވޭނެ ކަމަށް ގަބޫލުކުރުން ރޫޅާލައި ޝައުގުވެރިކަން ހުރި ކޮންމެ ކަމަކުން އަންހެނުން ކުރިއަރުވަން ޖެހެ އެވެ. ގައުމީ ބޮޑެތި ނިންމުންތައް ނިންމުމުގައި ހިސާބު ޖަހަން އަންހެނުން ބައިވެރިވުން ނެތް ނަމަ "ގައުމީ ދަރަނި" އަރަނި ކުރަން ދަތިވާނެ އެވެ.
މިއީ މިއަދު ރާއްޖެ ދައްކާ ހަގީގަތެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގައި ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ތެރެއިން 70 ޕަސެންޓަކީ އަންހެން ދަރިވަރުންނެވެ. އަދި ސިވިލް ސާވިސް ވަޒީފާތަކުގެ 56 ޕަސެންޓަކީ އަންހެނުންނަށްވާއިރު އޯ ލެވެލް އާއި އޭ ލެވެލް އިން މަތީ ނަތީޖާ ހާސިލްކުރާ ދަރިވަރުންގެ ތެރޭގައި ވެސް ގިނައީ އަންހެން ކުދިން ނެވެ. މިކަމުން ބުނެދެނީ އަންހެނުންނަށް ސިޔާސީ މަގާމެއް ލިބުން ހައްގުވަނީ ހަމައެކަނި އަންހެނަކަށް ވުމަކުން ނޫނެވެ. ތައުލީމާއި ތަޖުރިބާ ލިބި، ގާބިލުކަން ހުރުމުން ނެވެ.
އަދި އެއް ވާހަކަ އެވެ؛ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަކީ ވެސް އަންހެނުންނެވެ.
މި ހަގީގަތުގެ މައްޗަށް ބުރަވުމަށް ހަމައެކަނި ގާނޫނުގައި ލިޔާ މާއްދާއަކުން އަޅުގަނޑުމެންނަށް ނަތީޖާ ނުދެއްކޭނެ އެވެ. އަޅުގަނޑުމެންގެ ފިރިހެނުންގެ އެ އަޒުމް އެ ހިތްވަރު ދައްކަންވާނެ އެވެ. އެ ކެރުންތެރިކަން ހުންނަންވާނެ އެވެ. އަނބިގޮއްޔެ ގަބޫލުކުރަން ކޯޓުގައި "ކޮޅަށް ތެދުވާ" ފަދައިންނެވެ. އަންހެނުންނަށް އޮތީ ކެރުންތެރިކަމާއި ހިތްވަރެވެ. ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް ގޮސް ކާމިޔާބު ހޯދުމުގެ އަޒުމެވެ.