ads
ފަސްޓްލޭޑީ ސާޖިދާ ޗައިމްސް ޕްރީސްކޫލުގެ ދަސްވެނިވުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުން - ފޮޓޯ:ރައީސް އޮފީސް
ފަސްޓްލޭޑީ، ޗައިމްސް ޕްރީސްކޫލުގެ ދަސްވެނިވުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، 'ޗައިމްސް ޕްރީސްކޫލް ގްރެޖުއޭޝަން ސެރަމަނީ – ކްލާސް އޮފް 2023-2024' ޝަރަފުވެރިކޮށްދެއްވައިފި އެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ދިޔަ މި ޖަލްސާގައި ދަސްވެނިވި 23 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވާފައި ވަނީ ފަސްޓްލޭޑީ އެވެ.

މި ޖަލްސާގައި ދަރިވަރުންނާއި ބެލެނިވެރިންނާ މުހާތަބު ކުރައްވާ ފަސްޓްލޭޑީ ދެއްކެވި ވާހަކަފުޅުގައި، ހުރިހާ ކުދިން ވެސް މުދައްރިސުންނާއި މައިންބަފައިންގެ ހެޔޮބަސް އަހައިގެން ކިޔެވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެކަމަނާ ބާރުއެޅުއްވި އެވެ. އަދި ދަރިވަރުން ވީހާވެސް 'ސްކްރީން ޓައިމް' މަދުކުރުމަށް ވެސް އެކަމަނާ ބާރުއެޅުއްވި އެވެ. ހަމަ އެއާއެކު ބެލެނިވެރިންނާ މުހާތަބު ކުރައްވާ އެކަމަނާ ވަނީ ދަރިންނަށް ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުދިންނާ އެކު ވަގުތު ހޭދަކުރުމަށް ވެސް ބާރުއަޅުއްވާފަ އެވެ.

ދަރިންނަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތު ވެގެން އަންނަ ކުދިންނަށް ހެދުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާ މިއަދުގެ ޖަލްސާގައި ފަސްޓްލޭޑީ ވަނީ ކުދިންގެ ހިތުގައި ގުރުއާނަށް ލޯބި އުފެއްދުމަށް މަސައްކަތް ކޮށްދެއްވުމަށް ބެލެނިވެރިންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން، މުދައްރިސުންނަކީ ކުދިންގެ ދެވަނަ ބެލެނިވެރިން ނުވަތަ މައިންބަފައިން ކަމަށާއި މުދައްރިސުން ކުރާ ބުރަ މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށް ޓަކައި ފަސްޓްލޭޑީ ވަނީ މުދައްރިސުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިއަދުގެ ޖަލްސާގައި ޗައިމްސް ޕްރީސްކޫލްގެ ދަރިވަރުންގެ ފަރާތުން ހާއްސަ ކުރެހުމެއް ފަސްޓްލޭޑީއަށް އެރުވި އެވެ.

ޗައިމްސް ޕްރީސްކޫލްގައި މިހާރު 117 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް