ޑިމޮކްރެޓްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ވަގުތީގޮތުން ގާއިމުކޮށްފައިވާ އެމްއެންޔޫގެ މެޑިކަލް ސްކޫލް ކުއްލި ގޮތަކަށް އެ ތަނުން ބަދަލު ކުރުމަށް ނިންމުމާ ގުޅިގެން، ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިލް ކަންކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމުގެ ކަންބޮޑުން އެ ދަރިވަރުން ފާޅުކުރަމުންގެންދާކަން އެ ޕާޓީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
ތައުލީމު ހާސިލުކުރުމުގައި ބޮޑެތި ދަތިތަކާއި ހުރަސްތައް ދަރިވަރުންނަށް ކުރިމަތިވިޔަ ނުދިނުމަކީ ކަމާބެހޭ އެންމެހާ ފަރާތްތަކުން އަބަދުވެސް ސަމާލުވާން ޖެހޭ ކަމެއް ކަމަށް ޑިމޮކްރެޓްސްއިން ބުނެ އެވެ. އެ ޕާޓީން ބުނެފައި ވަނީ ދަރިވަރުންނާ ގުޅޭ ކަންކަން އިންތިޒާމުކޮށް، ވަސީލަތްތައް ގާއިމުކޮށްދިނުން މަތިކޮށްފައިވާ ފަރާތްތަކުން އެ ކަންކަން މެދުކެނޑުމެއް ނެތި ކަށަވަރުކޮށް ދިނުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޔޫން ބުނެފައިވާ ގޮތުގައި އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް މެޑިކަލް ސްކޫލް ބަދަލުކުރަން ނިންމާފައި ވަނީ ވަގުތީ ގޮތުން ކަމުގަ އެވެ. މެޑިކަލް ސްކޫލުގެ ވަސީލަތްތައް އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ކަަމަށް އެމްއެންޔޫން ބުނެ އެވެ. އެމްއެންޔޫން ފާހަގަކޮށްފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށް އާންމު ރައްޔިތުންނަށް ކަންކަން ފަސޭހަކުރުމަށް އިތުރު ޖާގަ ބޭނުންވާ ކަމުގަ އެވެ. ވަގުތީގޮތުން އެމްއެންޔޫގެ މެޑިކަލް ސްކޫލު އެ ހޮސްޕިޓަލުގައި ގާއިމުކުރީ 2018 ވަނަ އަހަރު އެވެ.
އެމްއެންޔޫން ބުނީ މެޑިކަލް ސްކޫލުގެ އިންތިޒާމްތައް ޔުނިވާސިޓީގެ މައި ކެމްޕަހުގައި ހަމަޖައްސާނީ، ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެ ގޮތަށް ކަމަށެވެ. އަދި އެކަމުގެ ވަސީލަތްތައް ޔުނިވާސިޓީއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ.
މީގެ އިތުރުން ދަރިވަރުންނަށް ހޮސްޕިޓަލުން ލިބެން ޖެހޭ އަމަލީ ތަޖުރިބާތައް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާނެ ކަމަށް ވެސް އެމްއެންޔޫން ބުނެ އެވެ.
މެޑިކަލް ސްކޫލުގެ ދާއިމީ ކެމްޕަހުގެ މަސައްކަތް ސަރުކާރުން ހުޅުމާލޭގައި ފަށާފައިވާއިރު، އެމްއެންޔޫން ނިންމާފައި ވަނީ އެ މަސައްކަތް ނިމުމުން ކިޔެވުމުގެ ހުރިހާ ކަމެއް އެތަނަށް ބަދަލު ކުރުމަށެވެ.