ads
ފަސްޓްލޭޑީ ސާޖިދާ މުހައްމަދު - ފޮޓޯ:ރައީސް އޮފީސް
ކުރިއަށް އޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރަން ޖެހޭ: ފަސްޓްލޭޑީ
ހިތްވަރާއި އޯގާތެރިކަމާ އެކު މަސައްކަތްކޮށް، ކުރިއަށް އޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ވައުދުވެ އެކަމަށް އަޒުމް ކަނޑައެޅުމަށް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިންނަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ.
Advertisement

އެކަމަނާ މިކަމަށް އެދިވަޑައިގެންފައި ވަނީ މިއަދު ހެނދުނު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.  

ފަސްޓްލޭޑީގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އަދި ހިސާބު ހިމެނޭ "ސްޓެމް" ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމުގައި ވިދާޅުވެފަ އެވެ. އަދި ދުނިޔޭގެ ދިރިއުޅުން ބައްޓަން ކުރުމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުން ނިސްބަތް ވަނީ ސްޓެމްގެ އެކިއެކި ފަންނުތަކަށްކަން ފަސްޓްލޭޑީ ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން މުޖުތަމައުގައި ސްޓެމްގެ މުހިންމު ދައުރެއް އޮތް ނަމަވެސް ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ފަސްޓްލޭޑީ ފާހަގަކުރެއްވި އެވެ. އެގޮތުން އަންހެނުންނާއި ފިރިހެނުންނަށް ވެސް ސްޓެމްގެ ދާއިރާތަކުން މަތީ ތައުލީމު ހޯދުމާއި މަސައްކަތުގައި ބައިވެރިވުމާއި ކާމިޔާބީއަށް ހާސިލުވާން ހުރަސްތަކެއް ހުރިކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި އުފެއްދުންތެރިކަމާއި ދިމާވާ ކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި "ސްޓެމް ކޮމިއުނިޓީ" އެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް ފަސްޓްލޭޑީގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.

ދަރިވަރުންނާއި ބެލެނިވެރިންނާ މުހާތަބު ކުރައްވާ ފަސްޓްލޭޑީގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ޑިގްރީ ހާސިލު ކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫން ކަމުގައި ވިދާޅުވެ، ދަރިވަރުންގެ ބުރަ މަސައްކަތް ފާހަގަކުރައްވާފަ އެވެ.

މި ރަސްމިޔާތުގައި ފަސްޓް ލޭޑީ ވަނީ ހުރިހާ ދަސްވެނިންނަށް ތަހުނިޔާ އާއި މުބާރިކްބާދީ ވިދާޅުވެ ހަޔާތުގެ ދެން އޮތް މައިދާނަށް ނުކުންނަވާއިރު އެންމެންގެ ތަފާތުވުންތައް ގަބޫލު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެކަކުވެސް ބާކީ ނުކުރައްވައި ވަޒީފާ އަދާކުރެއްވުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގެ ޖަލްސާގައި ސަނަދު ހާސިލު ކުރެއްވީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން 28 ދަރިވަރުން އަދި ސްކޫލް އޮފް ނާސިންއިން 94 ދަރިވަރުންނެވެ.

ރައީސްގެ އަނބިކަނބަލުން ވަނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން ހިންގި އެކިއެކި ޑިގްރީ އަދި މާސްޓާސް ކޯސްތައް ނިންމި ދަރިވަރުންނަށް ސަނަދު ހަވާލުކުރައްވާފަ އެވެ. މީގެ އިތުރުން ވެސް ޝަރަފުގެ އެވޯޑު ލިބުނު ފަރާތްތަކުގެ ތެރެއިން ގްރޭޑް ޕޮއިންޓް އެވްރެޖް 3.5 ނުވަތަ އެއަށް ވުރެ މަތި ލިބުމާ އެކު، އެކި ކޯސްތަކުން އެއްވަނަ ހޯދާ ރައީސް ދެއްވާ އިނާމު ހާސިލުކުރެއްވި ދެ ދަރިވަރުންނަށް ވެސް ރައީސްގެ އަނބިކަނބަލުން ވަނީ އިނާމު ހަވާލު ކޮށްދެއްވާފަ އެވެ.

ގައުމީ ޔުނިވާސިޓީގައި 3،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުންގެންދެ އެވެ. ޔުނިވާސިޓީގައި މި ވަގުތު 11 ފެކަލްޓީއަކާއި މާލޭ ކެމްޕަސް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ކެމްޕަސް ހިންގަމުންދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް