ފަސްޓްލޭޑީ މިހެން ވިދާޅުވެފައި ވަނީ "މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ" ގެ ދެވަނަ ދައުރު އިފުތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ހާއްސަ ހަފުލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ފަސްޓްލޭޑީ ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށާއި އޭގެ ތެރެއިން ވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިންމުވާ ކަމަށެވެ. އަންހެން ފުލުހުންގެ ދައުރު މުހިންމުވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އެކަމަނާ ވަނީ އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަ ކަމުގައި ވިދާޅުވެފަ އެވެ. ފުލުހުންގެ މުއައްސަސާގެ އެކި ހިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި އެކަނބަލުންގެ ބައިވެރިވުމާއި އެކަނބަލުންގެ އިސްކަން ވަރަށް މުހިންމު ކަމަށް ވެސް ފަސްޓްލޭޑީ ފާހަގަކުރެއްވި އެވެ.
މި ހަފުލާގައި ފަސްޓްލޭޑީ ވިދާޅުވި ގޮތުގައި ރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަހުރުވެރިވެ ވަޑައިގަންނަވާ ކަމުގަ އެވެ. އަދި އެ ގޮތުގައި ކުރިއަށް ދިއުމަށް އެކަމަނާ ވަނީ ގޮވާލައްވާފަ އެވެ. ހަމަ އެއާއެކު އަންހެން ކަނބަލުންގެ ބާރުވެރިކަން އިތުރު ކުރެވޭނެ މަގު ހޯދުމުގެ މުހިންމު ކަމަށާއި ކަނބަލުންގެ ގާބިލުކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެ ކަމުގައި ފަސްޓްލޭޑީ ވިދާޅުވި އެވެ.
މި ހަފުލާގައި ފަސްޓްލޭޑީ ވަނީ 'މޯލްޑިވްސް ވިމެން އިން ޕޮލިސިން މަންތްލީ ނިއުސް ލެޓަ'، "ސްޕެޝަލް އިނައުގުރަލް އިޝޫ" ފޮތް އިފުތިތާހު ކޮށްދެއްވާފަ އެވެ. މި ފޮތަކީ މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީން އެކުލަވާލައްވާ ޝާއިއުކޮށްފައިވާ ފޮތެކެވެ.
ހަފުލާގައި، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަލްމަރުހޫމް މުހައްމަދު ޒިޔާދުގެ ހަނދާނުގައި އެއް މިނިޓުގެ ސުކޫތެއް ގެނެސްފައިވެ އެވެ. އަލްމަރުހޫމް މުހައްމަދު ޒިޔާދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.