ads
ހޯމްލޭންޑް މިނިސްޓަރު އިހުސާން: ވިދާޅުވީ ކްރިމިނަލް ކޯޓުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ވާނުވާ މައްސަލައަށް ހައްލު ހޯދާނެ ކަމަށް - ފޮޓޯ:ހޯމްލޭންޑް މިނިސްޓްރީ
ކޯޓު އިމާރާތް ދެތިން މަސްތެރޭ ނިންމާ ވާނުވާ މައްސަލަ ހައްލުކުރަނީ
ކްރިމިނަލް ކޯޓުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ހޯދާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދާ އަހާ ސިލްސިލާގެ ތިންވަނަ ފޯރަމުގައި މިރޭ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ވަރަށް އިސްކަންދީގެން ކުރާނެ ކަމެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތްކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވެފައި ވަނީ ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރެވެން އޮތީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހިންގަން އެކަށީގެންވާ ޖާގަ ދެވިގެން ކަމަށެވެ. ޝަރީއަތް ނިމެންދެން ވާނުވާ ބަންދުގައި އެތައް އަހަރެއް ވީ މީހުން އެބަތިބިކަން އިހުސާން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމަށް ހައްލު ހޯދޭނީ ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރެވިގެން ކަމުގަ އެވެ.

ކްރިމިނަލް ކޯޓުގެ 12 ގާޒީންނަށް ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް މިހާރު ހުރީ އެންމެ ކޯޓު ރޫމެއް ކަމަށް އިހުސާން ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ ޖާގައިގެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.

"ހުޅުމާލޭގައި ހުރި އިމާރާތެއް، ކްރިމިނަލް ކޯޓުގެ އިމާރާތެއްގެ ގޮތުގައި ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކޮށް، އެއަށް ބަޖެޓު ހޯދައި، މިހާރު މަސައްކަތް ފަށަން އެވަނީ ތައްޔާރުކުރެވިފައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ބަލަނީ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އެ އިމާރާތް އެއްކޮށް ނިންމާފައި ކްރިމިނަލް ކޯޓާ ހަވާލުކުރެވޭތޯ. އެ ހިސާބުން މިވަގުތު، ޖަލުގެ ތޭރިތަކުގެ ތެރޭގައި ތިބި، ވާނުވާގައި ތިބި ހުރިހާ ކުދިންނަށް އަވަސް ނިޔާއެއް ލިބި، އެއީ ޝަރުއީ ހުކުމެއްގެ ތެރެއިން ޖަލަށް ދާން ޖެހޭ މީހުން ޖަލަށް. އެހެން ނޫނިއްޔާ ސަލާމަތްވާން ޖެހޭ މީހުން ސަލާމަތް ކުރެވިގެން ދާނެ،" އިހުސާން ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގަށް ވާނުވާ ބަންދެއްގައި އެއްވެސް މީހަކު މިހާރު ތިބެން ނުޖެހޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ތަހުގީގުތައް މިހާރު މިހާތަނަށް ނުވާހާ އަވަސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮންނަ މުއްދަތެއްގައި ޕްރޮސެކިއުޓަ ޖެނެރަލްއަށް ފޮނުވަމުންދާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް