އެއްގަމު އުޅަނދުގައި ބޭނުން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިއްކި ޑޮމެއިންގެ ތެރެއިން 700 ވުރެ ގިނަ ޑޮމެއިންއަކީ ފޭކް ޑޮމެއިންތަކެއްކަމަށްް ފަތުރުވެރިކަމާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
Advertisement
"އަހާ" ނަމުގައި ސަރުކާރުން ގެންދާ ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު އަމީންް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން މިހާތަނަށް 1400 ޑޮމެެއިން ވިއްކާފައިވާކަމަށެވެ. މީގެތެރެއިން 50 އިންސައްތަ ޑޮމެއިންއަކީ މިނިސްޓްރީގެ ތެރެއިން އޮޅުވާލައިގެން ލިޔުންތައް އުފައްދައިގެން ވިއްކާފައިވާ ޑޮމެއިންތައްކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
"ޓްރާންސްޕޯޓުގެ ތެރެއިން ބެކް އެންޑުން އަމިއްލައަށް ކްރިއޭޓްކޮށްގެން ސިސްޓަމް ތެރެއަށް ވަދެގެންނާއި، އަދި މިނިސްޓްރީގެ ތެރޭގައި ހިންގަވަމުން ގެންދެވި ބައެއް ފަރާތްތަކާ ގުޅިގެން ކޮށްފައިހުރި ވަރަށް ބޮޑެތި ގޯސްތައް އެއީ. އެހެންވީމަ ދައުލަތުގެ ނިޒާމުގެ ތެރެއަށް ނުވަދެ މިގޮތަށް ހަދާފައިހުރި ބައެއް ޑޮމެއިންތައް އެބަހުރި އަމިއްލަ ފަރާތްތަކަށް ވިއްކާފައިވެސް."ވަޒީރު އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޑޮމެއިން މައްސަލަ ބޮޑުވެ ކުރީ ސަރުކާރުން ޑޮމެެއިން ވިއްކުން ހުއްޓާލާފއި އޮތްކަމަށެވެ. އެހެންނަމަވެސް އެއީ ހައްލުކަމަށް މި ސަރުކާރުން ގަބޫލުނުކުރާތީ އަލުން އެ މަސައްކަތް ފަށާފައިވާކަމަށް އަމީން ވިދާޅުވިއެވެ. އަދި ސައްހަކޮށް ނޫން ގޮތުގައި ހުރި ޑޮމެއިންތައް ގާނޫނީ ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރުމަށް އެފުރުސަތު ދިނުމަށް ސަރުކާރުން ނިންމާ އެކަމަށް ވަރަށް އަވަހަށްް ހުޅުވާލާނެކަމަށް އަމީން ވިދާޅުވިއެވެ.
" އަޅުގަނޑުމެން އިޢުލާންކުރާނަން ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ވަރަށް ފަސޭހަ ނިޒާމެއްގެ ތެރެއިން އެބޭފުޅުންތަކުގައި ހުރި ރިކޯޑްސްތަކާއެކީގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ގެނެސްދެއްވައިގެން އެ އެއްޗެހި ސައްހަ ޑޮމެއިންގެ ގޮތުގައި ބަދަލުކުރަން. އެގޮތަށް ހަދަންޖެހޭ ސަބަބަކީ ފެންނަންހުރި އެވިޑެންސްތަކާއެކީގައި އަޅުގަނޑުމެންނަށް އެބަ އެނގޭ ދެވަނަ ފަރާތަކަށް ނުވަތަ ތިންވަނަ ފަރާތަކަށް ގޮސްފައި މިހިރީ ހަމައެކަނި އާންމު ރައްޔިތުންގެ ގޯސް އޮވެގެންނޫންކަން." އަމީން ވިދާޅުވިއެވެ.
އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދާ ހިލާފަށް ޑޮމެއިންތައް ދޫކުރަމުންދާ ކަން ފާހަގަކުރިގެން ކަމަށް ބުނެ ޑޮމެއިން ވިއްކުން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީއަށް ރައީސް އޮފީހުން އެންގީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ.
" ގަވާއިދުގައި ބަޔާންކުރާ ކޮމިޓީ ތިޔަ މިނިސްޓްރީން އެކުލަވާލާފައިވާ ކަމަށް ނުފެންނާތީ އާއި ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭ ފަދައަކުން، ހަވާލާދެވުނު ގަވާއިދުގެ އިސްވެ ބަޔާންކުރެވުނު މާއްދާތަކާ ހިލާފަށް ޑޮމެއިން ވިއްކުމުގެ ކަންކަން ގެންދަވާކަން މި އޮފީހަށް ވަނީ ފާހަގަކުރެވިފައި،" ޑޮމެއިން ވިއްކުން ހުއްޓާލުމަށް އަންގާ ރައީސް އޮފީހުން އޭރުގެ މިނިސްޓަރ ނަހުލާއަށް ފޮނުވި ސިޓީގައިވެއެވެ.