ads
އިޒުރޭލުން ރަފާހްއަށް އަރައިގަންނާނެ: ނަތަންޔާހޫ
އިޒުރޭލުގެ ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލަފާ އޮތީ ރަފާހްއަށް ސިފައިން ފޮނުވައި މުޅިތަން ލޫޓުވައި ސުންނާފަތިކުރާ ގޮތަށް ކަމަށް އޭނާ ހާމަކޮށްފި އެވެ.

ރަފާހް މިހާރު ނިސްބަތްވަނީ ހަމައެކަނި އެ އަވަށުގެ ރައްޔިތުންނަކަށް ނޫނެވެ.

ގާޒާއަށް ޔަހޫދީން އަރައިގަނެ ޖަރީމާތައް ހިންގަން ފެށުމާއެކު، ގާޒާގެ އާންމު ރައްޔިތުން ރައްކާތެރި ތަނެއް ހޯދަން ގޮސް މިހާރު ވަދެތިބީވެސް ރަފާހް ގައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު ގާޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ދިން ހަމަލާގެ ބަދަލުހިފުމަށް، ހަމާސް ނައްތައިނުލެވެނީސް ހަނގުރާމަ ނުހުއްޓާނެ ކަމަށް ނަތަންޔާހޫ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

"އަހަރެމެން ރަފަހްއަށް ވަންނާނަން. އެއްބަސްވުމެއް ނެތް ނަމަވެސް ހަމާސް ބަލިކުރާނަން، ރަފަހްގައި އިޒްރޭލުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލު ނުވަނީސް ހަނގުރާމަ ހުއްޓުމަކަށް ނާންނާނެ " ނަތަންޔާހޫ ވިދާޅުވި އެވެ.

އިއްޔެ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގިޓެރޭސް ވަނީ ރަފަހްގައި އުދުވާނެއް ފަށައިފި ނަމަ އެތަނުގައި ތިބި އާންމުންގެ ހާލަތު އިންތިހާ ގޯސްވެގެން ދާނެކަމަށް އިންޒާރު ދެއްވައިފަ އެވެ. އިޒްރޭލުގެ މައްޗަށް ނުފޫޒު އޮތް ހުރިހާ ފަރާތްތަކަކުން އެފަދަ އޮޕަރޭޝަނެއް ހުއްޓުވަން މަސައްކަތްކުރަން ވެސް އޭނާ ގޮވާލެއްވި އެވެ.

އިޒުރޭލު ސިފައިން ރަފާހްއަށް ނޭރުމަށް އދ އިތުރުން އެމެރިކާއިން ވެސް އޮތީ ގޮވާލައި އިންޒާރު ދީފަ އެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި އެމެރިކާ ބުނާހާ ގޮތަކަށް ޣައްޒާގެ މަސްލަހަތު އޮންނާކަށް ނުޖެހެ އެވެ. ޔަހޫދީން ސިޔާސަތު ދަމަހައްޓާނީ ޔަހޫދީންނަށް ކަމުދާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން ބުނާ ގޮތުން އިޒުރޭލު ސިފައިން ރަފާހްއަށް ވަދެގެންފިނަމަ ލިޔުމުން ބަޔާންކުރަން ދަތިވާ ހާލަތަށް އެ އަވަށުގެ "ހާލަތު" ބަދަލުވެގެން ދާނެ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުން ގާޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 34,488އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 25,000 އެއްހާ އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ. އަދި, ޒަހަމުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 77,643 އަށް އުފުލިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް