ads
ސުޕްރީމް ކޯޓު
ދަރިފުޅު ލަނޑުދިން މައްސަލަ، އިތުރު ދައުވާއަކުން މަންމަ ސަލާމަތްވެއްޖެ
ދަރިއަކު މަންމައަށް އޮޅުވާލައިގެން، މަންމަގެ ނަމުގައި ހިންގި ސްކޭމުން މަންމަގެ މައްޗަށް ސިވިލްކޯޓުން އިއްވި ހުކުމެއް އަލުން ބަލަން ސުޕްރީމްކޯޓުން އަންގައިފިއެވެ.

މި މައްސަލައަކީ ސުލްތާނާ އަހްމަދު ކިޔާ މި މީހާގެ ދަރިފުޅު އިބްރާހިމް ހުނައިން  މ. ފާގަތިގެއިން މަންމަގެ އެޕާޓްމެންޓެއް ކުއްޔަށް ދިނުމަށް މީހަކާއެކު އެއްބަސްވުމެއް ހަދައި އެޑްވާންސުގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ނަގާފައިވާ މައްސަލައެކެވެ. 

އެ މައްސަލައިގައިވާ ގޮތުން، ފާގަތިގޭގެ ތިންވަނަ ފަންގިފިލާގައިވާ 2 ކޮޓަރީގެ އެޕާޓްމެންޓަކާއި ފަސްވަނަ ފަންގިފިލާގެ 3 ކޮޓަރީގެ އެޕާޓްމެންޓެއް 15 އަހަރަށް ކުއްޔަށް ދިނުމަށް ސޮއިކޮށް މަހަކަށް 10.071.71 ރުފިޔާގެ މަގުން 1.8 މިލިއަން ރުފިޔާ ނަގާފައިވާ މައްސަލައެކެވެ. 

މި މައްސަލާގައި ދައުވާކުރީ ތަން ކުއްޔަށް ހިފި މީހާއެވެ. އޭނާގެ ދައުވާގައި ބުނެފައިވަނީ އެއްބަސްވުމުގައި ސޮއިކުށް އެޑްވާންސް ނަގާ އެތަން އެހެން ބަޔަކަށް ދީފައިވާކަމަށެވެ. އެހެންވެ އެމީހާ އެދިފައިވަނީ ކުލި އަނބުރާ ހޯދުމަށާއި  އެ އެއްބަސްވުމުގައި ސުލްތާން ސޮއިކުރި އިރު އޭގައިވާ އެއްޗެއް އޭނާއަށް އެނގި އެކަމުގައި ބައިވެރިވިަކަމަށްް ކަނޑައަޅާ ދިނުމަށެވެ. 

ސިވިލްކޯޓުން މައްސަލަ ނިންމީވެސް އެގޮތަށެވެ. ދަށު ކޯޓްގެ ނިންމުމާއި ހިތްހަމަ ނުޖެހިގެން ސުލްތާނާ ހައިކޯޓަށް ހުށައެޅުމުން އެކޯޓުންވެސް ވަނީ ދަށުކޯޓްގެ ނިންމުމަށް ތާއީދުކޮށް އެ ހުކުމް ދަމަހައްޓާފައެވެ.

ހައިކޯޓްގެ ނިންމުން ސުލްތާނާ ސުޕްރީމްކޯޓަށް ހުށައެޅިއެވެ. އެ މައްސަލަ ނިންމާ އެކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ސިވިލްކޯޓުގެ ހުކުމާއި އެ ހުކުމަށް ތާއިދުކުރި ހައިކޯޓްގެ ހުކުމްވެސް ބާތިލުކޮށްފައެވެ. 

ސުޕްރީމްކޯޓްގެ ހުކުމުގައި ބުނެފައިވަނީ އެއްބަސް ވުމުގައި ބަޔާންކުރާ މުގާބިލް ސުލްތާނާ އަދާކޮށްފައިވޭތޯ ކަށަވަރުކުރުމަށް އޭނާ އެދުނު ހެކިން ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގަންޖެހޭކަމަށެވެ. ދަށު ކޯޓް މަރުހަލާގައި މި ހެެކިތައް ހުށައެޅި ނަމަވެސް އެ ކޯޓުން އެ ހެކިތައް ބަލައިގެންފައެއް ނުވެއެވެ. 

މީ ދަރިފުޅު މަންމަ ނަމުގައި ހިންގި ބޮޑު ސްކޭމުން މަންމަ ސަލާމަތްވި ދެ ވަނަ މައްސަލައެވެ. މ. ފާގަތިގޭ ގެ ތިންވަނަ ގަންގިފިލާ ކުއްޔަށް ދިން މައްސަލާގައި މީގެކުރިންވެސް މަންމަގެ މައްޗަށް ދައުވާކުރިއެވެ. އެ މައްސަލަގައި މިދިޔަ މަހުގެ 24 ގައި ސިވިލްކޯޓުން އިއްވި ހުކުމުގައި ބުނީ އެޑްވާންސަށް ދިން ފައިސާއަކީ ހުނައިންގެ މަންމައަށް ލިބިފައިވާ ފައިސާއެއްކަމުގައި ނުވާތީ، އެ ފައިސާ އަނބުރާ ދެއްކުމަށް ހުނައިންގެ މަންމައަށް އަންގާނެ ސަބަބެއް ނެތް ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް