ads
ޑޭ ކެއާ ސެންޓަރެއް: ކުޑަ ކުއްޖަކު މައިންބަފައިންގެ ކުލުނާ ދުރަށް ލުމަކީ ގޯހެއް
ދަރިންކޮޅު މެއިޑާ، ނޫނީ ޑޭ ކެއާ ސެންޓަރާ ހަވާލުކޮށްގެން ތަރުބިއްޔަތަށް ހިޔަނި..!
އަހަރެމެންނަށް ގެންގުޅެ ބޮޑުކުރަން ލިބިފައިވަނީ ސާފު ތޯހިރު މައުސޫމް ތުއްތު ފުރާނައެކެވެ. އަހަރެމެން ބޭނުން ކޮންމެ ކަހަލަ މީހަކަށް އެ ކުއްޖަކު ހެދުމުގެ ކުޅަދާނަކަން އަހަރެމެންނަށް ލިބިގެން ވެއެވެ. ޒަމާނީ ތައުލީމުން ކުދިންގެ ސިކުނޑިތައް ތަރައްގީކުރަން މަސައްކަތްކުރާ ފަދައިން އިސްލާމީ ރިވެތި އަދަބު އަހްލާގުގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. ދަރިންނަށް ހެޔޮކޮށް ހިތައި އޯގާތެރިކަމާއި ލޯބި ދީގެން ގެންގުޅޭށެވެ. ދަރިންނަށް މައިންބަފައިން ދޭ ލޯތްބާއި އޯގާތެރިކަމުން އެކުދިންނަށް "ދުނިޔެ" ދައްކާށެވެ. އެކުދިން ބޮޑުވެގެން މުޅި ދުނިޔެއަށް ވެސް އޭގެ މިސާލު ދައްކާނެ އެވެ.

ހުރިހާ ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުން ލާޒިމުވާ އަދި ތައުލީމީ ދާއިރާ މުހިންމު ބަދަލުތަކެއް ގެނުވާނެ ކަމަށް އުންމީދުކޮށް ބަހުސްކުރެވި މަޖިލީހުން ފާސްކުރި "ތައުލީމުގެ ގާނޫނު" ގައި ބުނާގޮތުން ރާއްޖޭގައި ޕްރީ ސްކޫލު ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމް އަދި މަތީ ސާނަވީއަށް ކިޔަވައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު އަދި ދިވެހި ބަސް ކިޔަވައިދޭން ޖެހެ އެވެ. އޭގެ އިތުރުން ކޮންމެ ކުއްޖަކު ވެސް 18 އަހަރުވަންދެން ތައުލީމް ނުވަތަ ހުނަރު ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާކަން ކަށަވަރުކުރަންޖެހެ އެވެ. 

ބޭނުމަކީ ދިވެހިންގެ ތެރެއިން ނެތިގެން މިދާ "ތަރުބިއްޔަތު" އަބުރާ ހޯދުމެވެ. ބީވަމުންދާ އަހުލާގީ ސިފަތަށް އަބުރާ ހޯދުމެވެ. އެ މަސައްކަތަށް އާ ދިވެހި ޖީލެއް ބިނާ ކުރުމެވެ. އަމިއްލަ ނަފްސު އެއީ އޭނާގެ އަދާވާތްތެރިޔާ ކަމުގައި ނުބަލާނެ ފަދައިން މައިންބަފައިން އެމީހުންގެ ދަރިން ތަރުބިއްޔަތުކޮށް މުޖުތަމައުއަށް ނެރުމަށް އުންމީދު ކުރަނީ އޭނާގެ ނަފްސަށް އެދޭ ފަދައިން ނެވެ. "ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް" ހޯދުމަށް މައިންބަފައިން އެދި މަސައްކަތް ކުރަނީ އެނޫން ހާލަތެއްގައި މި ދުނިޔެއަށް ނޭވާ ލާންވެސް އޭނާ ބޭނުން ނުވާ ހާލުގައި އެވެ. 

ތިބާގެ އަމިއްލަ ނަފްސަށް ވެސް ހައްގެއް ވާފަދައިން މުޖުތަމައުގެ ހެވާ ލާބައަށް އަމަލީ ގޮތުން މަސައްކަތްކޮށް ހިތްވަރުދިނުމަކީ ވެސް މިއަދު "ހެޔޮ ލަފާ" ކޮންމެ މީހެއްގެ ވެސް ބޮލުގައި އެޅިފައިވާ ގައުމީ ޒިންމާއެކެވެ. އަދި ވަކިން ހާއްސަކޮށް މިކަމުގައި ނޫސްވެރިން ކުރިއަރާ ދާންޖެހެ އެވެ. އެއީ "ނުބައިން" އެކުލެވިގެންވާ ތަފާތު ގެއްލުންތަކުން މުޖުތަމައު ދިފާއުކޮށް ހޭލުންތެރި ކުރުވުމަށެވެ. 

މިއަދު އަޅުގަނޑުގެ ގަލަމުގެ ބޭނުން މި ހިފަނީ "ދަރިންކޮޅު މެއިޑާ، ނޫނީ ޑޭކެ އާ ސެންޓަރާ ހަވާލުކޮށްގެން ތަރުބިއްޔަތަށް ހިޔަނި..! މި މައުލޫ އަށެވެ.

your imageދަރިން އަހުލާގު ރަނގަޅު ބައެއްގެ ގޮތުގައި ތަރުބިއްޔަތުވުމަށް ދެމަފިރިންގެ ލޯބި ކުދިންނަށް މުހިއްމު

ހަމަޖެހޭ ދިރިއުޅުމެއް އުޅޭ އެކެއްގެ ފަރާތުން އަނެކަކަށް އުފާވެރިކަން ގެނެސް ދޭނެ ޒިންމާދާރު މުޖުތަމައުއެއް ބިނާކުރުމުގައި "ގަނަތެޅުން" ނޫން ގޮތެއް މިއަދު ދިވެހިންނަކަށް ނެތެވެ. ދަރިންނަށް ތަރުބިއްޔަތުގެ "އިންވެސްޓްމެންޓެއް" އެދޭނަމަ ފައިބާން ޖެހެނީ މާލެއަށް ކަމަށް ގަބޫލުކުރާ މައިންބަފައިން މިއަދު ގިނަވެއްޖެ އެވެ. ދަރިންނަށް ރަގަނޅު ތައުލީމަކަށް އެދި އެވެ. ސިއްހަތުގެ އަވަސް ފަރުވާ އަށް އެދި އެވެ. ޒަމާނަށް ހޭނި "މާލެއަށް ފަރިތަ" ދަރިއަކަށް ހެދުމުގެ އުންމީދާއި ވެސް އެކުއެކީގައި އެވެ. 

މި ދެންނެވި އެދުން ތަކުގެ މައްޗަށް ފަށާ ދަތުރުގައި އެންމެ ކުޑަ މިނުން މަހަކު 20000 ހާސް ނުވަތަ 25000 ހާ ރުފިޔާ ހޯދަން ޖެހެ އެވެ. އެއީ އަމިއްލަ ވަޒަން ދޫކޮށް މާލެ ހިޖުރަކުރުމުން މާލޭގެ ގެދޮރުވެރިޔާ އަށް ދައްކަންޖެހޭ މަހު ކުއްޔާ ކަރަންޓާއި ފެނާ އާއްމު ދިރިއުޅުމެއްގައި ބަނޑު މުއްތިކުރާނެ ހަރަދަށެވެ. އެހެން ކަމުން މާލެއަށް ފަށާ ދަތުރު މި ފެށެނީ ވެސް 20 ނުވަތަ 25 ހާސް ރުފިޔާ "މައިނަހު" ގައި އެވެ.

ދިރިއުޅުމުގެ ހަރަދު ބަރަދުގައި ސަލާން ޖެހުން މަދުކޮށް މީހުންނަށް ބަރޯސާވުން ކުޑަ ކުރުމަށް ދެން ފާރަލަނީ އަމިއްލަ ތަނަކުން ނަމަވެސް ވަޒީފާ އަކަށެވެ. ދައުލަތް ނުވަތަ ސަރުކާރުގެ ވަޒީފާ އަށް ބަރޯސާވުން ބޮޑު މާލޭގެ ސަރަހައްދުން ވަޒީފާ އެއް ހޯދުމަކީ މިހާރު ދެން އެހާ އުދަގޫކަމެކޭ ބުނަން އަޅުނގަޑަށް ދައްޗެވެ. ގެޒެޓް ހާވާލާ "ސިޔާސީ ވެރިއަކަށް" ކޮންޑެކްޓް ވެއްޖެ ނަމަ ދެން އެއީ މާ ދަތިކަމެއް ނޫނެވެ. މިހެން މިދެންނެވީ އަމިއްލަ މަސައްކަތް ހުއްޓާ "ސަރުކާރުގެ ސިޔާސީ ޕޭރޯލަށް" އެދޭ ދިވެހިން މިހާރު ގިނައިން ފެންނާތީ އެވެ، 

ކޮންމެ އަކަސް މިހާރު މާލެ ސަރަހައްދު އަދި މަދުން ނަމަވެސް އަތޮޅު ތެރެއިން ވެސް ވަޒީފާ އަށް ދާ މީހުން ނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ "މާމަ ކާފަ ނުވަތަ ތިއްތި މަންމަ ނޫނީ ތިއްތި ބައްޕަ" މަދުވުމެވެ. ސަބަބަކީ ވަޒީފާއަށް ދާނަމަ ތިބި ދަރިންކޮޅު ބެލޭނެ ގޮތެއް ހޯދަން ޖެހުމެވެ. އިތުބާރު ކުރެވޭ މީހަކާއި ދަރިން ބަލަން ހަވާލު ކުރުމަށެވެ.

ކިތައްމެ ރަނގަޅު ވަޒީފާއެއް ލިބުނަސް ދަރިން "ވާނެ އެއްޗެއް ވާން" ދޫކޮށްލަން ނޭދޭ މައިންބަފައިން މަދުން ނަމަވެސް އުޅެއެވެ. މުޖުތަމައުގެ ނޭދެވޭ ކަންކަން އިސްލާހުކުރުމަށް ދަރިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ އަށަގަންނުވައި އިސްލާމީ ރިވެތި އަހުލާގާއި އިޖުތިމާއީ އަދަބު އިހުތިރާމުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކުރުމަށް ސަމާލުކަން ދިނުމަށް އެދޭތީ އެވެ.

މިކަމަށް އަދި ވެސް މޮޅީ ދަރިން "މާމަ ކާފަ ނުވަތަ ތިއްތި މަންމަ ނޫނީ ތިއްތި ބައްޕަ" އަތަށް ދޫކޮށް ލުމެވެ. ނަމަވެސް އެމީހުން ރަށުން މާލޭ ބޯސަލަށް ގެނެސްފި ނަމަ އަނެއްކާ އަނެއް އެކްސްޓްރާ ކޮޓަރި އެވެ. ހަރަދު ބަރަދު އިންތިހާއަށް މަތިވާނެ ހާލަތެއް އުފަން ވަނީ އެވެ. 

ޖީބަށް ލުއި ދިރިއުޅުމެއްގެ ވަޒަން ހަމަކުރުމަށް ދެން މިޖެހޭ "ތަހުޒީބު މުޖުތަމައުތައް" ނުވަތަ ހުޅަގުން ކަންކުރާގޮތް ކޮޕީ ކުރާށެވެ. ޔޫރަޕު މީހުން ވަޒީފާ އަށް ދަނީ "ދަރިންކޮޅު މެއިޑާ، ނޫނީ ޑޭކެ އާ ސެންޓަރާ ހަވާލުކޮށްފައި އެވެ. އެ ސްޓައިލް ދިވެހިންނާއި ކިތައްމެ ބީރަށްޓެހި ނަމަވެސް މިއަދު ގިނަ ދިވެހިންނަށް "މަޖުބޫރު" ބަނީ ހާލަތު ނިޔާކުރާ ގޮތަށް އުޅެން ދަސްކުރާށެވެ. އެއީ ވަޒީފާއަށް ދާނަމަ ދަރިން ބަލަން މެއިޑެއް ގެއަށް ގެންނާށެވެ. ނުވަތަ މަދުން ނަމަވެސް ދިވެހިންގެ ތެރޭ ހުރި "ޑޭކެ އާ ސެންޓަރާ" ދަރި ހަވާލުކުރާށެވެ. އެވެސް އަގެއް ދައްކައިގެން ނެވެ. ދަރިންނަށް ވުރެ މުހިއްމު އެއްވެސް ކަމެއް މައިންބަފައިންނަށް ނެތް ކަން ކުދިންނަށް ބުނެދެމުން ނެވެ.

ދަރިންކޮޅު މެއިޑާ، ނޫނީ ޑޭކެ އާ ސެންޓަރާ ހަވާލުކުރުމުގެ އާހިރުގެ މޮޅަކީ "މައިންބަފައިންގެ ވަޒީފާ" ކަށަވަރުވުމާއިއެކު "އޮތޯރިޓޭރިއަން ޕޭރެންޓިން ސްޓައިލް" އަށް ދަރިން ތަރުބިއްޔަތުގެ ބިންގާ އެޅުމެވެ. މާނައަކީ އެ ކުދިންގެ ކަންކަން އަޑުނާހާ، ޑޭ ކެއާ ސެންޓަރުގެ ވިޔަފާރި ބޭނުމަށް ނުވަތަ މޭޑު ވަޒީފާގެ ލުއި ފަސޭހަކަމަށް އަމިއްލަ ޑިމާންޑުތަކެއް ނެރެ، ވަކި އެކްސްޕެކްޓޭޝަނަކަށް ކުދިން އުޅުމަށް ބާރުއަޅާ، ހަރުކަށި އުސޫލުތަކަކަށް ކުދިން ގެންގުޅެން ފެށުމެވެ.

your imageމައިންބަފައިން ދުރުވުމަކީ ދަރީން ބިކަވެ، ތަރުބިއްޔަތު ނުކުރެވި، މަގުމަތިވެ، މަގުން ކަސިޔާރުވުމުގެ ސަބަބެއް

ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖަކަށް ވާއިރު، އެ ކުއްޖެއް ބެލުމުގައި އަމަލު ކުރަންވީ އެންމެ ރަނގަޅު ގޮތް އިނގޭނީ މައިންބަފައިންނަށެވެ. މައިންބަފައިންގެ އަމަލުތަކާއި، ދަރިން ތަރުބިއްޔަތު ކުރާ ގޮތަކީ ކުއްޖާގެ ހެދިބޮޑުވުމާއި، ކުއްޖާގެ މުޅި ދިރިއުޅުމާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާނެ ކަމަކަށް ވާއިރު، ކުދިން ތަރުބިއްޔަތު ކުރުމުގައި އެ ކަމަށް ސަމާލުވުން މުހިންމެވެ.

ތަރުބިޔަތު މަރުހަލާގައި އިސްލާމްދީނާ ފުށުއަރާ އެއްވެސް ކަމެއް ހިމަނައިގެން ނުވާނެ ކަން ކަށަވަރުކޮށް ނަފްސާނީ ދުޅަހެޔޮ ޖީލެއް ބިނާ ކުރެވޭނީ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން މައިންބަފައިން ދަރިންނަށް ދޭން ޖެހޭ އަޅާލުމާއި، ލޯތްބާއި ތަރުބިއްޔަތު ޅަފަތުގައި ދީގެންނެވެ. މާނައަކީ އިންސާނާ ހަފަރާތުން ތަރުބިޔަތު ކުރާއިރު ވެސް އޭގައި އީމާންކަމާއި އިސްލާމްކަމާއި އިހުސާންކަން ހިމެނެން ވާނެ ކަން ކަށަވަރު ކުރާނެ "ތަރުބިއްޔަތުގެ ކޮލިފިކޭޝަން އޮތޯރިޓީ" އަކީ ކުއްޖާގެ މައިންބަފައިން ނެވެ. 

ޑަޔާނާ ބޯމްރިންޑް، އެލެނާ މޮކޯބީ އަދި ޖޯން މާޓިންގެ ލިޔުންތަކަށް ބަލާއިރު، "ނެގްލެކްޓްފުލް ޕޭރަންޓިން ސްޓައިލް" ނުވަތަ ފަރުވާކުޑަކޮށް ދަރިން ބޮޑުކުރާ ބެލެނިވެރިންނަކީ ކުދިންގެ އެއްވެސް ކަމަށް ސަމާލުކަން ނުދީ، ކުދިންގެ ކަންކަމުގައި އިހުމާލުވުމެވެ. އެ ވައްޓަފާޅިއަށް އުޅޭ ބެލެނިވެރިން ދަރިންނަށް އެދެވޭ ތަރުބިއްޔަތެއް ނުދިނުމުގެ ސަބަބުން ދަރިންނަށް ދުވަހުން ދުވަހަށް އިނގެންޖެހޭ ގިނަ ކަންތައްތަކެއް ނޭނގެ އެވެ. "ނެގްލެކްޓްފުލް ޕޭރަންޓިން ސްޓައިލް" އާއި އެންމެ ވައްތަރު ސިފަތައް މިއަދު މިފެންނަނީ މެއިޑް ފާމް ތަކުންނާއި ޑޭ ކެއާ ސެންޓަރު ހުޅުވައިގެން ހިންގާ ވިޔަފާރި ތަކުންނެވެ. 

ސައިންސްވެރިންގެ ނަޒަރުގައި ރަނގަޅަށް ދަރިން ތަރުބިއްޔަތުކުރަން އެދޭ މީހުން ކުރަން ޖެހޭނެ އެންމެ މުހިއްމު ކަމަކީ އެކުދިންނާއެކު ހޭދަކުރާނެ ވަގުތު ހޯދުމެވެ. ފޯނާއި ކޮމްޕިއުޓަރާއި ހުރިހާ އެއްޗެެއް ދޫކޮށްލައިފަ އެވެ.

ދަރިންނާއި އެކު ރަނގަޅު ގުޅުމެއް ބިނާ ކޮށް، ކުދިންނަށް ބޭނުންވާ އަހައްމިޔަތާއި ސަމާލުކަން ދީ، އެ ކުދިންނަށް ރަނގަޅާ ނުބައި އަންގައިދީގެން ތަރުބިއްޔަތު ކުރުމަށް "އޮތޯރިޓޭޓިވް ޕޭރެންޓިން ސްޓައިލް" އަށް ލޯބިކުރަން ޖެހެ އެވެ. މި ސްޓައިލުގައި ދަރިން ބަލާ މައިންބަފައިން ނުވަތަ ބެލެނިވެރިންނަކީ އެ ކުދިންގެ އިހުސާސުތައް ދެނެގަންނަން މަސައްކަތްކުރާ، އެ ކުދިންގެ އިހުސާސުތަކާއި، ހިޔާލުތަކަށް ވެސް އިހުތިރާމު ކުރާ ބައެކެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތާ ދަރިން ކަމުގައި ވުމަށާއި ނުކިޔަމަންތެރި ޖައްބާރަކު ކަމުގައި ދަރިން ނުލެއްވުމަށް އެދޭ ހާލު ތަހުޒީބާއި ތަރައްގީގެ ކުލަތަކުން މަލަ ފެވޭ ގައުމެއް ބިނާކުރެވޭނީ އުފެއްދުންތެރި އަދި އީޖާދީ ވިސްނުންހުރި ދަރިންތަކެއް އުފެއްދިގެން ނެވެ. އެހެންކަމުން ކޮންމެ މުޖުތަމައެއްގައި ވެސް ކުޑަކުދިންނަކީ އެ މުޖުތަމައުގެ ކުރިމަގުގެ އުންމީދެވެ. އެ ކުދިންގެ ހެދި ބޮޑުވުމަށާއި ތައުލީމަށާއި ތަރުބިއްޔަތަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކީ, ކުރެވޭ ކޮންމެ ހޭދައަކީ އާއިލާ އަށާއި މުޅި މުޖްތަމައުއަށް އަދި ކިއެއްތަ މުޅި ގައުމުގެ ކުރިމަގަށްޓަކައި ކުރެވޭ ވަރަށް މަތިވެރި އިންވެސްޓެކެވެ. އެހެން ކަމުން "ދަރިންކޮޅު މެއިޑަށް، ނޫނީ ޑޭކެ އާ ސެންޓަރާ ހަވާލުކޮށްގެން ތަރުބިއްޔަތަށް ހިޔަނި..!" އެޅުނަ ނުދޭށެވެ.

ކުޑަކުދިން ދުނިޔެއަށް އުފަންވަނީ އެ ކުދިން ބަލަހައްޓަންވީ ގޮތުގެ މެނުއަލެއް ނެތި އެވެ. ދަރިންގެ ކަރާމާތާއި އިއްފަތްތެރިކަމާއި އަބުރުވެރިކަން ރައްކާތެރިކޮށްދޭނެ "ގުޑް ޕޭރަންޓިން" އަކީ ހަމައެކަނި މައިންބަފައިންގެ ޕޭރަންޓިން ސްޓައިލަށް އެވެ. އެއީ މެއިޑެއް، ނޫނީ ޑޭކެއާ ސެންޓަރެއް ނޫނެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް