ސްކޮޓްލޭންޑް ގައި ހުރި އޭނާގެ ގެކޮޅުގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސް އެއް މެދުވެރިކޮށް ވަގުތީ ހޮސްޕިޓަލް ހުޅުވައި ދެއްވަމުން ޕްރިންސް ޗާލްސް ވަނީ އެތައް ހާސް މީހުންނަށް ފަރުވާދެވޭ ވަރުގެ ހޮސްޕިޓަލެއް ހުޅުވިގެން ދިއުންމީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ކުރިން ނުވާނެއޭ ހިތަށް އަރާ ކަންތައްތައް ވެސް ކުރަން އުޅުމުން އެކަން ވާނެ ކަމަށް ވިދާޅުވެފައެވެ.
ޕްރިންސް ޗާލްސް ވަނީ އޭނާ އަކީ ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން އޭގެ އަސަރު ކުޑަކޮށް ކުރި މީހުންގެ ތެރެއިން މީހެއް ކަމަށާއި އެހެން ނަމަވެސް ބަލީގައި ވަރަށް ބޮޑަށް ހާލަތު ދެރަވާ މީހުން ވެސް އެބައުޅޭ ކަމަށް ވިދާޅުވެފައެވެ. ހުޅުވިގެން ދިޔަ ވަގުތީ ހޮސްޕިޓަލުގެ ސަބަބުން އެ މީހުންނަށް ވެސް ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުރިކަމުގެ ހިތްހަމަޖެހުން ރައްޔިތުނަން ލިބިގެންދާނެ ކަމަށް ޕްރިންސް ޗާލްސް ވިދާޅުވިއެވެ.
އެންއެޗްއެސް ނައިޓިންގަލްގެ ނަމުގައި ހުޅުވި މިހޮސްޕިޓަލް ހުޅުވާފައި ވަނީ ލަންޑަންގައި ހުންނަ އެކްސެލް ކޮންފަރެންސް ސެންޓަރުގައެވެ. ހޮސްޕިޓަލްގައި ހިދުމަތް ދޭން ފަށާއިރު، 500 އެނދާއި ވެންޓިލޭޓަރާއި އޮކްސިޖަން ޓޭންކް ހުންނާނެ ކަމަށާއި އެންމެ ފުރިހަމައަށް ހޮސްޕިޓަލްގެ ހިދުމަތްތައް ދޭން ފަށާއިރު ހޮސްޕިޓަލްގައި 4،000 އާއި 5،000 އާއި ދެމެދުގެ އަދަދަކަށް އެނދު ހުންނާނެ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެ އެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް 33،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް އަރާފައެވެ.