ads
ހީނާ: ވިދާޅުވީ މި މަހުގެ ތެރޭގައި ހަ ވަޒީރަކު ރަސްމީ ދަތުރުތަކުގައި ރާއްޖޭން ބޭރަށް ވަޑައިގަންނަވާނެ ކަމަށް - ފޮޓޯ:ރައީސް އޮފީސް
މި މަހު 6 ވަޒީރަކު ރަސްމީ ދަތުރުތަކުގައި ބޭރަށް ވަޑައިގަންނަވާނެ: ހީނާ
މި މަހުގެ ތެރޭގައި ސަރުކާރުގެ ހަ މިނިސްޓަރަކު އެކި ގައުމުތަކަށް ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ މި މަހު ބާއްވާ އޭޓީއެމް 2024 ގައި ބައިވެރިވެ ވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ޓޫރިޒަމް މިނިސްޓަރު، އިބްރާހިމް ފައިސަލް ދަތުރުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

މި މަހުގެ ތެރޭގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު، މުހައްމަދު ސައީދު ފައިނޭންޝަލް ސާވިސަސްގެ ރައުންޑް ޓޭބަލްގައި ބައިވެރިވެ ވަޑައިގަތުމަށް ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވި އެވެ. ހީނާ ވިދާޅުވެފައި ވަނީ ސައީދުގެ މި ދަތުރުގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ މަގުސަދުތައް ހާސިލު ކުރުމަށް ޓަކައި ލަންޑަނުގައި ހަރަކާތްތެރިވާ މާލީ އިދާރާތަކުގެ އިސް ފަރާތްތަކާ މަޝްވަރާ ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

ހީނާ ވިދާޅުވި ގޮތުގައި އިކޮނޮމިކް މިނިސްޓަރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު ވެސް މި މަހުގެ ތެރޭގައި ލަންޑަނަށް ވަޑައިގަންނަވާނެ ކަމުގަ އެވެ. ޝަފީއު ލަންޑަނަށް ވަޑައިގަންނަވާނީ ކޮމަންވެލްތު އެޑިއުކޭޝަން މިނިސްޓާސް ކޮންފަރެންސްގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ކަމަށާއި އެ ބައްދަލުވުމަށް ފަހު ވިހިވަނަ ވޯލްޑް އެޑިއުކޭޝަން ފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

މި މަހު ގަތަރުގެ ދޯހާގައި ބޭއްވުމަށް ނިންމާފައިވާ ގްލޯބަލް ސެކިއުރިޓީ ފޯރަމުގައި ބައިވެރިވެ ވަޑައިގަތުމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު، އަލީ އިހުސާން އެ ގައުމަށް ވަޑައިގަންނަވާނެ ކަމަށާ އަދި ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު، އަބްދުﷲ ރާފިއު ނަވާރަވަނަ އޭޝިއާ އޯޝޭނިއާ ރީޖަން އިންޓަ ގަވަމެންޓަލް މިނިސްޓީރިއަލް މީޓިން އޮން އެންޓި ޑޯޕިން އެންޑް ސްޕޯޓްސްގައި ބައިވެރިވެ ވަޑައިގަތުމަށް އުޒްބެކިސްތާނަށް ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު، އަހްމަދު ޝިޔާމް މި މަހުގެ ތެރޭގައި ބެންކޮކަށް ވަޑައިގަންނަވާނެ ކަމަށެވެ. ޝިޔާމްގެ ދަތުރަކީ އިންފޯ ފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަނުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް