ads
ގާޒާގެ އާބާދީގެ ދެބައި ކުޅަ އެއްބައި ވަނީ ރަފަހް އަށް ޖަމާވެފައި
ގަދަކަމުން ގެދޮރުން ބޭރު ކުރުން، ހަނގުރާމައިގެ ޖަރީމާއެއް
މިސްރުގެ ބޯޑަރާ ޖެހިގެން އޮތް ރަފަހް ސިޓީގައި ތިބި 1.5 މިލިޔަނެއްހާ މުސްލިމުން އެ ރަށް ދޫކޮށް ފޭބުމަށް ޔަހޫދީ ފައުޖުން އަންގައިފި އެވެ.
Advertisement

ޔަހޫދީން މި ގޮތަށް އަންގާފައި މި ވަނީ, ގާޒާގެ މުސްލިމުން ނެތިކޮށްލަން ފަށާފައިވާ ލާއިންސާނީ އުދުވާން ރަފަހަށް އަމާޒުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ރަފާހްގައި އިޒްރޭލުން ހިންގަން ރާވާފައި އޮތް އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ކުރިމަތިވެދާނެ ހިތާމަވެރި ހާލަތްތަކާ މެދު ކިތަންމެ ފަހަރަކު އިންޒާރު ދެވިއްޖެ ކަމަށް އދ އިން ވަނީ ބުނެފަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ އޮފީހުގެ ތަރުޖަމާނު، ރަވީނާ ޝަމްޑަސާނީ ބުނެފައިވަނީ ގާޒާގައި ދިރިއުޅޭ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ އިންސާނީ ގާނޫނުގެ ދަށުން އިސްރާއީލަށް ވާޖިބުވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެ ގާނޫނުގެ ދަށުން އާންމުންނަށް ސިއްހީ ހިދުމަތް ލިބުން، ރަނގަޅު ކާބޯތަކެތި ލިބުން، ސާފު ބޯފެން އަދި ސާފުތާހިރުވުމަށް ބޭނުންވާ ޒަރޫރީ އާލާތްތައް ލިބޭނެ އިންތިޒާމު އިސްރާއީލުން ހަމަޖައްސައިދޭން ޖެހޭނެ އެވެ.

"ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ގާޒާ ރައްޔިތުން ގަދަކަމުން އެމީހުން ދިރިއުޅެމުން އަންނަ ތަންތަނުން ބޭރު ކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއް" އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ އޮފީހުގެ ތަރުޖަމާނު ވިދާޅުވި އެވެ.

ރަފަހުގައި މި ވަގުތު 1.5 މިލިޔަނެއްހާ ރައްޔިތުން ތިބިއިރު, އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުން ދަނީ ތޮއްޖެހިފައިވާ ފޭލިގެތަކާއި ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ މަދަރުސާތައް ފަދަ އިމާރާތްތަކުގައެވެ. ގާޒާގެ ފުރަބަންދާ އެކު, ރަފަޙުން ވެސް ވަނީ ކާބޯތަކެތި ހުސްވުމާ ގާތްވެފަ އެވެ. އަދި, އެ ރަށުގައި ތިބި މީހުން ވަނީ ހައިހޫނުގައި ޖެހިފަ އެވެ.

މި މީހުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުން އދ އަށް އަދި ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކަށް އޮތީ ނުކުޅެދިފަ އެވެ.

your imageއިޒްރޭލުން ޣައްޒާގެ ރަފާހް އަށް ދިން ވައިގެ ހަމަލާއެއްގައި މުޅި ސަރަހައްދުގައި ދުން ބޯވެފައި. --ފޮޓޯ: އޭއެފްޕީ

ރަފާހް އަށް ހަމަލާދީފައިވަނީ، އެކަމާ ދެކޮޅަށް އދ. އާއި ދުނިޔޭގެ ގިނަ ގައުމުތަކުން އިޒްރޭލަށް އިލްތިމާސް ކުރަމުންދަނިކޮށެވެ. ރަފާހްއަށް ހަމަލާ ނުދިނުމަށް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން ވެސް ވަނީ ލަފާދީފަ އެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބައިޑެންގެ ސަރުކާރުން ވަނީ އިސްރާއީލަށް ޕްރެޝަރު ކުރުމުގެ ގޮތުން ވަކި ވައްތަރެއްގެ ބޮން އެގައުމަށް ފޮނުވުން ލަސްކޮށްފަ އެވެ. އެމެރިކާއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ ގާޒާގެ ރަފާހަށް އަރައިގަނެ، އެމީހުން ހިންގަމުން އަންނަ އޮޕަރޭޝަން ފުޅާކޮށްފައިވަނިކޮށެވެ.

އޭގެ ދިފާއުގައި އިޒްރޭލުން ބުނީ މި ހަލާތަކުގެ ބޭނުމަކީ އިޒްރޭލުގެ ހުށަހެޅުމަށް ހަމާސްއިން އެއްބަސްވުމަށް ޕްރެޝަރުކޮށް ރަހީނުކޮށްފައިވާ ރައްޔިތުން މިނިވަންކުރުން ކަމަށެވެ.

ގާޒާގެ ހާލަތު މިގޮތުގައި އޮއްވައި އިޒުރޭލު ސިފައިން އެ ތަނަން ވަދެގަތުމުން ވާނެ ގޮތެއް އދ އަށް ނޭނގޭ ކަމަށްވެސް ތަކުރާރުކޮށް ރަވީނާ ޝަމްޑަސާނީ ވިދާޅުވި އެވެ. އަދި އެ ހަމަލާތަކާއި ގުޅިގެން ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަޝްވަރާތަކަށް ބުރޫ އަރާފައިވާ ކަމަށް ވެސް ގިނަ ގައުމުތަކުން ވަނީ ބުނެފަ އެވެ.

your imageއިސްރާއީލުން ގާޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ގަތަރާއި މިސްރު މެދުވެރިވެގެން ހުށަހެޅި ހުށަހެޅުން ގާޒާގެ ވެރިކަންކުރާ، ހަމާސް ޖަމާއަތުން ބަލައިގެން ނަމަވެސް ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލުން ދެކޮޅު 

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 34,800އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެ އެވެ. އަދި ހަމަލާތަކުގައި ޒަހަމުވި މީހުންގެ އަދަދު ވަނީ 78،108 އަށް އަރައިފަ އެވެ. 

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު މިހާރު ވެސް ވަނީ ރަހީނުކޮށްފަ އެވެ. ހަމާސް އިން ވަނީ އިސްރާއީލުން ރަފްހަށް ވަދެގަތް ނަމަވެސް އިސްރާއީލަށް ކާމިޔާބު ނުލިބޭނެކަމަށާއި އަސީރުންވެސް ބާރުގެ ބޭނުންކޮށްގެން މިނިވަން ނުކުރެވޭނެކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް