ads
ހެލްތު މިނިސްޓަރު ހަލީލު: ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކޮންޓްރޯލްކުރުން ކަމަށް - ފޮޓޯ:ހެލްތު މިނިސްޓްރީ
މި ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކޮންޓްރޯލްކުރުން: ހެލްތު މިނިސްޓަރު
މި ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކޮންޓްރޯލްކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަމުން އަންނަ ތެލެސީމިއާ ދުވަސްކަން ފާހަގަކުރައްވާ ހަލީލު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ އެންމެނަށް ހަމަހަމަ އަދި ފެންވަރު ރަނގަޅު ފަރުވާއެއް ފޯރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ވައުދުވެފައި ވަނީ ތެލެސީމިއާ ހުއްޓުވުމާއި ކޮންޓްރޯލް ކުރުމާއި މެނޭޖް ކުރުމާ އަދި ކޮންމެ ފަރުދަކަށް ވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާގެ ހައްގު ކަށަވަރުކޮށްދިނުމަށް،" ތެލެސީމިއާ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ހަލީލު ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހު ހަލީލު ވަނީ ތެލެސީމިއާ ހޮސްޕިޓަލު އިމާރާތް ކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 72،000 އަކަފޫޓުގެ ބިމެއް އެޗްޑީސީން ހަމަޖައްސައިދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ތެލެސީމިއާ ހޮސްޕިޓަލު އަޅަން ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ހޭދަވާނެ ކަމުގަ އެވެ. ހޮސްޕިޓަލުގައި ބޯން މެރޯ ހެދުމުގެ ހިދުމަތްތައް ގާއިމު ކުރާނެ ކަމަށާއި ބޯން މެރޯ ހެދުމުގެ ކުރިންނާއި ފަހުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ހޮސްޕިޓަލުން ލިބޭނެ އެވެ. ހޮސްޕިޓަލު ފަރުމާ ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުން ފަރުވާ ހޯދުމަށް މާލެ އަންނަ ފަރާތްތަކަށް ހުރުމުގެ އިންތިޒާމު ވެސް ހަމަޖެހޭ ގޮތަށެވެ.

މި ސަރުކާރުން ތެލެސީމިއާ ކުދިންނަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ މަސައްކަތްތަކުގެ ތެރެއިން އެ ކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާގެ ފުރުސަތުތައް ވަނީ ފަހިކޮށްދީފަ އެވެ. އެގޮތުން ތެލެސީމިއާއަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ހިލޭ ހެދުމަށް ރާއްޖޭން ބޭރަށް ކުދިން ފޮނުވަން މިހާރު ފަށާފައިވާއިރު، ތެލަސީމިއާއަށް ފަރުވާ ހޯދާ ވީހާވެސް ގިނަ ކުދިންނާއި މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވަނީ ބުނެފަ އެވެ.

ތެލެސީމިއާއަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ލޭގެ ބައްޔެކެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސްއިން މިދިޔަ އަހަރު އާންމުކުރި އަހަރީ ރިޕޯޓުގައި ބުނާ ގޮތުން، އެ ރިޕޯޓު އެކުލަވާލުމާ ހަމައަށް ތެލެސީމިއާ ޕޭޝަންޓުންގެ ގޮތުގައި 941 ފަރާތެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މީގެ ތެރޭގައި އެންމެ ގިނައީ ބީޓާ ތެލެސީމިއާ މޭޖަ ބާވަތުގެ ކުދިން ކަމަށްވާއިރު، މި ބާވަތުގެ 762 ކުދިން ރަޖިސްޓްރީކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް