މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ ކިންގް ސަލްމާން މިސްކިތުގެ އޭސީ ނިޒާމް މައްސަލަ ޖެހިފައި ހުންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށް ފާހަގަކުރައްވާފަ އެވެ. އެގޮތުން ފިނިކުރުމުގެ ނިޒާމް މައްސަލަ ޖެހިފައި ހުރީ މިސްކިތުގައި ހުރި ސިސްޓަމް ހަލާކުވުމުގެ ސަބަބުން ކަަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވަނީ ރަސްމީކޮށް އެތަން ނުހުޅުވުނު ނަމަވެސް އެތަން އެޅުމަށްފަހު އެތަން ބޭނުން ކުރަމުން އަންނަތާ، ވަރަށް ދުވަސްވެފައިވާ ކަމަށްވެސް ފާހަގަކޮށްފަ އެވެ. އަދި އެތަނުގެ މެއިންޓެނެެންސް މަސައްކަތް އެކަށީގެންވާގޮތައް ރަަނގަޅުނުކުރެވުމުގެ ސަބަބުން މިސްކިތައް ވަރަށް ގެއްލުން ލިބިފައިވާކަަމަށް ފާހަގަކޮށް މިނިސްޓަރު ވަނީ އެ ނިޒާމް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓްރީގެ ކުރީގެ ދުވަސްވަރުވެސް އެކަން ހައްލުކުރަން މަސައްކަތް ކުރައްވާފައި ހުރިކަން ފާހަގަކޮށް ޝަހީމް ވިދާޅުވީ އެތާންގެ ސިސްޓަމްތަކުގެ ގޮތުން އެ ބަލަހައްޓަންޖެހޭ މިންވަރަށް ނުބެލެހެއްޓެވުމުގެ ސަބަބުން ނުވަތަ މެއިންޓެނެންސް މަރާމާތު ނުކުރެވުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ހުރިކަމަށް ވިދާޅުވެފަ އެވެ. މެއިންޓެނެންސްގެ މަސައްކަތް ހައްލު ކުރެވޭނެކަމުގެ ޔަގީން ކަން ދެއްވާ ޝަހީމް ވަނީ އެ މަސައްކަތައް ހަ މިލިއަން އެއްހާ ރުފިޔާ ހޭދަވާނެކަަމަށް ލަފާކޮށްފަ އެވެ. އަދި ސަރުކާރުން ދަނީ އެ ކަމަށް ފައިސާ އިންތިޒާމް ކުރުމުގެ މަސައްކަތްވެސް ރާވަމުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ކިންގް ސަލްމާން ސެންޓަރު ރަސްމީކޮށް ހުޅުވުމާ ބެހޭގޮތުން ސައުދީ އަރަބިއާގެ އިސްލާމިކް މިނިސްޓްރީއާއި މަޝްވަރާކުރައްވާފައިވާކަަމަށް ވިދާޅުވެފައެވެ. އަދި ހައްޖު ގެ ފަހުން ކިންގް ސަލްމާން ސެންޓަރު ހުޅުވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ކިންގް ސަލްމާން މިސްކިތަކީ ނަމާދުކުރާ ބަޔާއެކު، އިސްލާމީ މަރުކަޒެއްގެ ކޮންސެޕްޓަށް ތަރައްޤީކޮށްފައިވާ މިސްކިތެކެވެ. 2017 ވަނަ އަހަރު މަސައްކަތް ފެށި މިސްކިތް ނިމިފައިވަނީ 2020 ވަނަ އަހަރުއެވެ.
މިސްކިތް ވަގުތީގޮތުން ނަމާދުކުރުމަށް ހުޅުވާލީ 2022 ވަނަ އަހަރުގެ ރޯދަމާއި ދިމާކޮށް އޭޕްރިލް 1ވަނަ ދުވަހު އެވެ.