ads
އިސްލާމިކް މިނިސްޓަރު ޝަހީމް - ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ކުރީ ސަރުކާރުން ހަތީބުން ނާމެދު ނިންމެވި ނިންމުން ޝަހީމް ދިފާއު ކުރައްވައިފި
ކުރީސަރުކާރުން ހަތީބުންނާއި މެދު ނިންމެވި ނިންމެވުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ދިފާއުކުރައްވައިފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ދިވެހި ރާއްޖޭގެ ހުރިހާ ބަހަކަށްވެސް އެ އިހުތިރާމު ކުރައްވާކަމަށެވެ. އަދި ވިދާޅުވި ޒަމާނުއްސުރެއް ރާއްޖޭގައި ހުތުބާތައް އޮންނަނީ ގައުމީ ބަހުން ކަނޑައެޅިފައި ކަމަށެވެ. އެގޮތުން އެ ސިޔާސަތުތަަކަކީ މިނިސްޓްރީއަށް އެކަނި ބަދަލުކޮށްލެވޭނެ ސިޔާސަތުތަކެއް ނޫންކަަމށް ފާހަގަކުރައްވާ މިނިސްޓަރު ޝަހީމް ވަނީ އެކަން ބަދަލުކުރެވޭނީ ގައުމީ ފެންވަރުގައި މަޝްވަރާކުރެވިގެންކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ ބަދަލުތައް ނުގެންނަހާ ހިނދު ރާއްޖޭގައި ހުތުބާ ކިޔާނީ ދިވެހި ގައުމީ ބަހުންކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

"އެ ސިޔާސަތުތަަކަކީ މިނިސްޓްރީއަށް އެކަނި ބަދަލުކޮށްލެވޭނެ ސިޔާސަތެއް ނޫން، ގައުމީ ފެންވަރުގައި މަޝްވަރާކުރެވިގެން އެކަން ކަމާ ބެހޭގޮތުން ގޮތްތަކެއް ކަނޑައެޅޭނީ، އެ ނޫންގޮތަަކަށް ކަންތައްތައް ބަދަލު ނުވާހާ ހިނދެއްގައި ދިވެހި ރާއްޖޭގައި ރަސްމީކޮށް ހުތުބާ ކިޔާނީ ދިވެހި ބަހުން ދިވެހި ގައުމީ ބަހުން، އެއީ ވަރަށް މުހިއްމު ކަމެއްވެސް މެ" އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވި އެވެ.

ހުތުބާއަކީ އެތަނެއްގެ ނުވަތަ އެ އޮންނަ ގައުމެއްގެ ދީނީ އެއްބައިވަންތަ ކަމާ، ދީނީ ވަހުދަތާ، ދީނީ ވިސްނުމާ އަދި ފިކުރާ ގުޅިފައި އޮންނަ ވަރަށް މުހިއްމު އަސާސެއް ކަމަށް އެ ނޫސްވެރިން ގެ ބައްދަލުވުމުގައި ޝަހީމް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ހުތުބާއަކީ ރާއްޖޭގައި ޒަމާނެއްސުރެއް ވަކިކަހަލަ މިންގަނޑުތަކަކާއި އުސޫލުތަކަށް ފައްތާފަ އޮންނަ އެއްޗެއްކަމަށް ޝަހީމް ފާހަގަކުރެއްވި އެވެ. 

"ދިވެހި ރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތަސް، ދިވެހި ރާއްޖޭގައި ރަނގަޅަށް އޮންނަ އެއް ނިޒާމަކީ ހުކުރު ހުތުބާއާ ބެހޭ ނިޒާމް، ކޮންމެ ސަރުކާރެއް އޮތަސް، އެއީ ހުތުބާ އިން ރަނގަޅު މައުލޫތައް އަންނަނީ، ސުންނަތް ޖަމާއަތުގަ އަގީދާއާ ގުޅޭ ރަނގަޅު މައުލޫތައް އަންނަނީ" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް ހުތުބާތަކުގެ ތެރޭގައި ޝާމިލްކަން އޮތްކަމަށް ފާހަގަކުރައްވާފަ އެވެ. އެގޮތުން އަގީދާއާއި އަޅުކަމާ، އިޖްތިމާއި ކަންކަމާ، ސިޔާސީ ކަންތައްތަކާ ބެހޭ ހުތުބާ ތައްވެސް އަންނާނެކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އިލްމީ މައުލޫމާތު ފޯރުކޮށްދިނުމަކީ ދީނުގައި ފުރިހަމަ ކަން ގެނެސްދޭ ކަމެއްކަމަށްވެސް އެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވި އެވެ.  

ރަށްރަށަށް ފޮރުކޮށްދެނީ ކަމާބެހޭ އިދާރާތަކުން އިލްމުވެރިން އިސްވެ ތިބެ ލިޔެ ހުތުބާތައް ކަަމަށް ފާހަގަކޮށް ޝަހީމް ވަނީ ރާއްޖޭގައި ރަށްރަށުގައި ތިބި ހުރިހާ ހަތީބުންނަކީ ވެސް އިލްމުވެރިންނެއް ނޫން ކަމަށް ފާހަގަކުރައްވާފަ އެވެ.

"އެހެންވީމާ ކޮންމެ މީހަކައަށް އަމިއްލަ އަށް އަރާ ހުތުބާ އެއް ނުދެވޭ، މައުލޫއަށް އިންސާފެއް ނުކުރެވޭ، ހުތުބާ ކިޔާ އެންމެންނަކީ އިލްމުވެރިންނެއް ނޫން، އެއީ އެކި އެކި ސެޓިފިކެޓް ލެވެލްގެ އިމާމްކޯސް ހަދާފަ ތިބޭ މީހުން ހުތުބާ ކިޔާ، އެހެންވީމާ އެކި އެކި ބަހުރުވައިން ހުތުބާ ކިޔަން ހުޅުވާލައިފިއްޔާ އޭގެން ނިކުންނާނީ، އެހެން ނޭދެވޭ ނަތީޖާއެއް އޮވެދާނެ" ޝަހީމް ވިދާޅުވި އެވެ.

އެގޮތުން ހަދީސްތައް، އިލްމުތައް، ތަރުޖަމާ ކުރުމުގަޔާއި އާޔަތްތައް ތަރުޖަމާ ކުރުމުގައި ﷲ ގެ އިސްމުފުޅުތައް ތަރުޖަމާ ކުރުންފަދަ ކަންކަމުގައި އަތުވެދާނެ ނޭދެވޭ ކަންކަން ހުރެދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އޭގެ މާނައަކި އެބަހަކާ ދެކޮޅު ވަނީކީ ނޫން ކަމަށް ފާހަގަކޮށް ޝަހީމް ވިދާޅުވީ އެ ބަސްބަހުން ހުތުބާ ކިޔުން ހުއްދަ ނެތުމުގެ ސަބަބަކީ ހެދިދާނެ ގޯސްކަންތައްތަކަކުން ސަލާމަތްވުމަށް އެޅުނު ފިޔަވަޅުތަކެއްކަމަށެވެ. 

"އެހެންވީމާ ހުތުބާއަކީ އިލްމީ، އަޅުކަމާއި ގުޅޭ މުހިއްމު ކަމަކަށްވެސް ވެފައި، ރާއްޖޭގެ ގައުމީ ބަހުން އޮވެފަ، ރަސްމީ ތަރުޖަމާތައް އޭގައި ބޭނުން ކުރެވިފަ، އެ ގޮތައް ރައްކާތެރި ކުރެވިފައި އޮތް އަސާސެއް އެއީ" ޝަހީމް ވިދާޅުވި އެވެ.

ހުތުބާތަކުގައި ވަނީ މާނަފުން ވާހަކަތަކެއް ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ އުސޫލުތައް އެފަދައިން ރައްކާތެރިކުރެވިފަ ބޭއްވުމަކީ މިނިސްޓްރީން ތާއީދު ކުރައްވާކަމެއްކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. އަދި އަމިއްލަ އިސްނެގުމަށް ހުތުބާ ކިޔުމުމަށް ބަހުރުވަ ބަދަލުކުރުމުން ކުރީ ސަރުކާރުން ހަތީބަށް އެޅި އެ ފިޔަވަޅަކީ ދީނީ އެއްބައިވަންތަކަން ހިފެހެއްޓުމަށް އެޅިފައި އޮތް ފިޔަވަޅެއްކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. 

2022 ވަނަ އަހަރުގައި ރައީސް ސޯލިހުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން ވަނީ އައްޑޫ ބަހުރުވައިން ހުތުބާ ގެނެސްދިން ސ.މީދޫގެ ހަތީބު، މުހައްމަދު ރަޝީދު ހުތުބާއަށް އުނި އިތުރު ގެނެސްފައިވާކަމަށް ވިދާޅުވެ، ހުކުރު ނަމާދު، ކޭތަ ނަމާދު އަދި އީދު ކިޔުމުގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް