ads
ދޫކޮށްފައި ނުދާށޭ.. - ހަތަރު ވަނަ ބައި
އެޕިސޯޑް 4

ބުރާސްފަތި ދުވަހުގެ ބަޔާއި ގުޅޭ

"ސުބުޙާނައްﷲ.."

"އަހަރެންގެ ވިހި އަހަރުގެ ކެރިއަރގައި މިވަރުގެ ކޭސް އެއް ނުދެކެން"

"މިވަރުގެ އަނިޔާވެރިކަމެއް ދުވަހަކުވެސް ނުދެކެން"

"މިއީ އިންސާނުންގެ ތެރެއިންވާ ބަޔަކު ކޮށްފައިވާ ކަމެއްކަން ގަބޫލުކުރަންވެސް އުނދަގޫ.... އެއީ ހިތެއްވެސް ނެތް ބައެއްތަ؟"

"މިދަރިފުޅު ދިރިހުރިކަމީވެސް މިރެކަލްއެއް"

"ވަލުޖަނަވާރުންތަކެއްގެ އަތްދަށުވިޔަސް މިވަރުނުކުރާނެ.. ސުބުހާނައްﷲ، މި ދަރިފުޅަށް ކެތްތެރިކަމާއި ރައްކާތެރިކަން މިންވަރު ކުރައްވާށި"

"މި އަނިޔާވެރި އަމަލު ހިންގިބަޔަކަށް އެންމެ ހަރުކަށި އަދަބު ދެވެންޖެހޭނެ"

"މި ކުއްޖާއަށް އިންސާފު ލިބެންޖެހޭނެ"

"މިއަށް ކިޔަންވީ ކީކޭ؟ އަނިޔާތަ؟ ނުވަތަ އެހެން ...!!! ނޭގެ ބުނާނެ އެއްޗެއްވެސް"

"އެންމެ ބޮޑު އެންމެ މުހިއްމު ސުވާލަކީ، އެތަނެއްގެ ތެރެއިން އެހާލަތުގައި ވިކްޓިމް ނިކުތީ ކިހިނެއްތޯ؟"

"ޝީ އިޒް އަ ފައިޓަރ"

"މިވަރު ބްރޫޓަލް ރޭޕް ކޭސް އެއް ދުވަހަކުވެސް ނުދެކެން.. އަޑެއްވެސް ނާހަން"

"އެވްރިވަން.. ހަރީ.. ހަރީ.."

"އަވަސް! އަވަސް! އެންމެ ސިކުންތެއްވެސް މި ފުރާނައަށްޓަކައި ވަރަށް މުހިއްމު"

ޑޮކްޓަރުންގެ ވާހަކަތައް އަލީޒީއަށް އަޑުއިވޭ އެވެ. ހުރިހާ ތައްޔާރީއެއް ވަމުންދިޔައީ އަވަސްއަރުވާލައިގެންކަންވެސް އަލީޒީއަށް އެގެ އެވެ. އިހްސާސް ނުކުރެވެނީ ހަށީގައިޖަހާ ވިންދުކަމަށްވެދާނެ އެވެ.

އިވެމުންދިޔަ ހުރިހާ އަޑެއްގެ ތެރެއިން އަލީޒީގެ 'ހޭނާރާ އޮތް' ސިކުނޑިއާ ކުޅެލީ ހަމަ އެންމެ އިބާރާތެކެވެ.

'ރޭޕް؟ ބްރޫޓަލް ރޭޕް؟'

އެމީހުން އެދައްކަނީ އަލީޒީގެ ވާހަކަ ހެއްޔެވެ؟ އެހެންކަމަށްވަންޏާ ބާރަށް ހޭންވެސް އަލީޒީ ބޭނުމެވެ.  އެދައްކަނީ ކިހާވަރެއްގެ ވާހަކައެއްކަން އެއިގެތެރެއިން އެކަކަށްވެސް އިހްސާސް ނުވާނެކަން އެންމެ ރަގަޅަށް އިނގޭނީ އަލީޒީއަށެވެ. އަދަދެއްނޭގޭ އެތަށް

'ވަލު ޖަނަވާރެއްގެ' ޝިކާރައަކަށް އަލީޒީވެގެން އެދިޔައީ އޭނާއަށް ކޮން ކުށެއް ކުރެވިގެން ހެއްޔެވެ؟

އަމާން މުސްތަގުބަލަކާއި ފުދުންތެރި ދިރިއުޅުމަކަށް އެދި މިނިވަންކަމާއެކު އަންހެންކުއްޖަކު ތައުލީމް ހާސިލްކުރުމަށް ގަދައަޅާ މަސައްކަތްކުރުމަކީ މިވަރުގެ އަނިޔާއެއް ލިބެންޖެހޭ ކަމެއް ހެއްޔެވެ؟ ފިރިހެން ކުއްޖަކަށްވުރެން މަތީން އަންހެންކުއްޖަކު ފާސްވަމުން އައުމަކީވެސް ދުނިޔޭގެ އެންމެ ރަހުމުކުޑަ ވޭނުން، މަރުގެ ތަންމައްޗެއްގައި އޮންނާންޖެހޭނެ ސަބަބެއް ހެއްޔެވެ؟ ފިރިހެން ކުއްޖެއްގެ ލޯބީގެ ހުށައެޅުމަކަށް 'ނޫނެކޭ' ބުނުމަކީ އެ ހަޖަމުކުރަން ފިރިހެނަކަށް އެހައި އުނދަގޫ ކަމެއް ހެއްޔެވެ؟

ޔާﷲ..! ދުނިޔޭގައި އެހެން މީހަކަށް މިވޭން އުފުލަށް ނުޖައްސަވާށި އެވެ.

ޔަގީނުންވެސް އޭނާ ވަށައިގެންވަނީ އެތައް މެޝިނެއް ގުޅާފަ އެވެ. އެއިވޭ އަޑުތަކާއި އިހުސާސްވަމުންދިޔަ ކަންކަން އަލީޒީއަށް ފަރިތަ އެވެ. އެތައް ފަހަރަކު އެމަންޒަރުތައް އޭނާވަނީ ބަލާފަ އެވެ. މެޑިސިންގެ ދާއިރާއަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ތިއޭޓަރގެ ހަރަކާތްތައް އިންޓަނެޓުން ބެލުމަކީ އަލީޒީގެ ހާއްސަ ޝައުގެއް ހުންނަ ކަމެކެވެ. ޑޮކްޓަރެއްގެ ގޮތުގައި އެންމެ ހިދުމަތެއް ކޮއްލާން، އުމުރުގައި އެންމެ ސިކުންތެއް ނުލިބުނަސް، އޭނާގެ ފަހުނޭވާ އެދަނީ، މިހާތަނަށް ރާއްޖޭގައި އެންމެ މޮޅު އެންމެ ގިނަ ޑޮކްޓަރުންހިމެނޭ ޓީމުގެ އަތްމަތީގައިކަން އަލީޒީއަށް ޔަގީންވެ އެވެ. އެވަރު ބަޔަކަށްނޫނީ އޭނާގެ އެންމެ ގުނަވަނަކަށްވެސް ފަރުވާނުކުރެވޭނެކަން ކަށަވަރެވެ.

ޑޮކްޓަރުން ހިތުން، އެ ޖެހި ކައްޓެއް ޖަހައިގެން އެއޮތީ ހޭނައްތާފަ އެވެ. ނުވަތަ ނިންދަވާފަ އެވެ. އެކަކަށްވެސް ނޭގޭ ހަގީގަތަކީ އެމްބިއުލާންސްގެ އަޑު އިވުމާއި ހަމައަށް، މުއްދަތެއް ނޭގޭގޮތަށް އަލީޒީ އޮތީ ހޭނެތިފައިކަމެވެ. ނުވަތަ ނިންދަވާފައި ކަމެވެ. އެކަމަކު މިވަގުތު އެއޮތީ ހޭލާ އެވެ. ހިތާއި ސިކުނޑިވެސް އޮތީ ހޭލާ އެވެ. ސިކުނޑި ނަގާ ނިއުޅުވާލިޔަސް، ހިތް ނަގާފައި ކޮށައިލިޔަސް ހަށިގަނޑުގެ އެތަންމިތަން ކަފާކުދިކުރިޔަސް،  ތޫނު ދަގަނޑު ގަނޑަކުން ސިކުނޑި ތޮރުފިޔަސް އެދުވަސްތަކުގައި އެޅި ވޭން މިއަދު އަލީޒީގެ އެއްވެސް ގުނަވަނެއްގައި ނާޅާނެ އެވެ. އެކަން އިނގޭނީ ހަމައެކަނި އަލީޒީއަށެވެ.

ތިއޭޓަރގައި ހޭދަވިވަގުތެއް އަލީޒީއަށް މުހިއްމެއް ނޫނެވެ. އޭނާއަށް ފަރުވާކުރިތޯ ނުވަތަ ނޫންތޯވެސް މުހިއްމެއް ނޫނެވެ. ޑޮކްޓަރުންގެ 'ބެސްޓް'ދިންތޯ ނޫންތޯވެސް މުހިއްމެއް ނޫނެވެ. ހަމައެކަނި އެދުމަކީ އެންމެ ނޭވާއެއްވެސް މިދުނިޔެއަށް އިތުރަށް ދޫކުރާން އެއްވެސް މިންވަރެއްގެ އެހީއެއް  އޭނާ ބޭނުން ނޫންކަމެވެ. ވީއެންމެ އަވަހަކަށް ދުނިޔޭގެ ލޯތަކުން އަލީޒީ ގެއްލެން ބޭނުމެވެ.

މައިންބަފައިންނާ ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް ނާރުތަކުގައި ނެތެވެ. އޭނާގެ ފުރާނައާއި ނެތިދިއުމާއި ދެމެދު އެކަކުވެސް  ހުރަސްނޭޅުމަށް އެދި އާދޭސްކުރާންވެސް އަލީޒީ ބޭނުމެވެ. އެކަމަކު ދޫ ހަރަކާތެއް ނުކުރި އެވެ. އަތެއް ފައެއްގައި ދިރުމެއްހުރިކަމުގެ އިހްސާސެއް ނެތެވެ.  މިންވަރުފުޅަށް ކެތްކުރުން ނޫންގޮތެއް ނެތެވެ. ދިރުއްވުމާއި ނެތިކުރެއްވުމަކީ ހަމައެކަނި ﷲތައާލާގެ ހައްގެކެވެ.

..............

ދާދި ގާތުން އިވުނު ބަންގީގެ އަޑާއެކު އަލީޒީގެ ކަންފަތައް އިވުނީ އަޑުއަހަން ބޭނުންވި އަޑެއްކަން ނުވަތަ ނޫންކަން އޭނާ ނިންމާނީ ކިހިނެއް ހެއްޔެވެ؟ އެއަޑަށް ކަންފަތް ތައްޔާރު ހެއްޔެވެ؟

"އަލްހަމްދު ލިއްލާހި.. މާ ޝާ ﷲ .. ފިރިހެން ކުއްޖެއް" ފިރުމާލާފައި ދާދީ ގާތުން މީހަކު ބުނެލިއަޑު އިވުނެވެ.

ހަގީގަތުގައިވެސް ޑޮކްޓަރުންނަށް އަލީޒީ ނުނިންދެވެނީ އެވެ. ހޭވެސްނުނެއްތެނީ އެވެ. ނުވަތަ އައްސިވެސް ނުކުރެވެނީ ހެއްޔެވެ؟ އައްސިކުރުމާމެދު ސުވާލު ކުރުމުން އެއްޗެއް ބުނާން އަލީޒީއަށް ނޭގުނު ސަބަބަކީވެސް އެއީ އެވެ. ބަނޑުކަފާ ދަރިޔަކުނެރި، އެތަން ސާފުކޮށް ފަހައި ނިންމިއިރުވެސް އަލީޒީއަށް ވޭނެއް އިހުސާސެއްނުވެ އެވެ. އެކަމަކު ކުރަމުންދިޔަ ކަންކަން ބަރާބަރަށް އެނގެ އެވެ. މުޅިހަށިގަނޑުގައި ވަޅިއެޅިޔަސް އޭނާއަށް ތަދެއް ނުވާނެ އެވެ. އެދުވަސް މާޒީވެއްޖެ އެވެ. ނަމަވެސް ދާދި ދެންމެ އެލިބުނު ހަބަރުން ތޫނުކަމެއް ހިތައް އިހްސާސްވި އެވެ. ދެފަޅިއަށް ހިތް ފެޅުނީހެއްޔެވެ؟ ނުވަތަ ފިލްމުތަކުގައި ފެންނަފަދައިން އެ ހިތް ކުދިކުދިވެ ބުރަބުރައިގެންގޮސް ވީރާނާވީ ހެއްޔެވެ؟

..................

އޮޕަރޭޝަންތިއޭޓަރ ކުރިމަތީގައި އެއްކޮޅުން އަނެއްކޮޅަށް ބުރުކެނޑުނީ ކިތަންފަހަރު ކަމެއް އައިޝާއަށްވެސް ނޭގެ އެވެ. މުންޝިރު ރަށަށް އައިސްފި އެވެ. ދެތިންފަހަރު ގުޅައިފި އެވެ. މަރުކަޒަށް އަންނަމުން މެސެޖްކުރެވުނުކަން ނަސީބެކޭ ހިތަށް އެރި އެވެ. ފޯނުނަގާ ކޮންމެ ފަހަރަކު މާނޭވާތަކެއް ލާފައި އައިޝާ ފޯނުކަނޑާލަނީ ވާހަކަ ނުދެއްކިގެންނެވެ. އަތުގެ އިނގިލީގެ ނިޔަފަތިތަކުން ލޭ ނުހިލޭ އެންމެ އިނގިއްޔެއްވެސް ނެތެވެ. ހަފާލެވޭނެނަމަ ދެންހުރިބައިވެސް ކައިނިންމައިފީހެވެ.

ފުރަގަހުން އައިޝާގެ ކޮނޑުގައި މީހަކު ކޮށްޓާލިހެން ހީވެގެން އެނބުރެލި އެވެ.

މުންޝިރު...! މިތާގަ؟" ސުވާލުކޮށްލެވުނީ ހައިރާންވެގެންކަން ނުވަތަ ނުތަނަވަސްވެގެންކަން އައިޝާއަކަށް ނޭގެ އެވެ.

"އަންނާނެދޯ..! އަހަރެންގެ ޕަރީ އުދުހިގެން ދިޔައީ ކޮންތާކަށްކަން އަހަންނަށް ނޭގެންޏާ ހުރިހައި ތަނެއްވެސް ހޯދަންވާނެދޯ... ރަށު ކައުންސިލަށްގޮސް އިއުލާނު ޖަހައިގެން ހޯދަންވާނީ އަމިއްލަޔަށްވެސް ކޮންމެވެސް ހިތްވަރެއް ލައިގެން ތަންތަން ހޯދާފައި ނޫންތަ... ކޮބާ މިހާރު އޮޕަރޭޝަން ނިމިއްޖެތަ؟" ސަމާސާ ކުރުމަކީ މުންޝިރްގެ ޚާއްޞަ ސިފައެ ކެވެ.

މުންޝިރު ސުވާލުކޮށްލީ ހަގީގަތުގައިވެސް ދެމައިންގެ ހާލު އޭނާއަށްވެސް މުހިއްމުވާތީ އެވެ.

"ނޭގެ! އެމީހުންނަށްވެސް އެނގެންވާނެދޯ ބޭރުގަ މީހަކު އެބަހުރިކަން! ވާނުވާ އަންގަންޖެހޭނެކަން.. މަގޭ ހިތައްއަރާ މީ ކީއްކުރަން ހަދާފަހުންނަ ތަންތަނެއްބާއޭ" ނިކަން ރުންކުރުގޮތަކަށް އައިޝާއަށް ބުނެވުނެވެ.

"ޝުކުރުކޮއްބަލަ، މީހަކު ސިޔާސީ ބޭނުމަށްނަމަވެސް މިތަނުގައި ކުޑަކުޑަ ތިއޭޓަރެއް ހަދައިދީފައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއްވެސް ބަހައްޓައިދީފައި ހުރިކަމަށްޓަކާ.. އެހެންނޫންނަމަ މިއަދު އުޅެންޖެހޭނީ ކޮން ހާލެއްގައި؟"

ލިބިފައިވާ ކުޑަކުޑަ އެހެންނަމަވެސް މުހިއްމު ވަސީލަތައްޓަކައި ޝުކުރުވެރިވާ މީހުންގެ ތެރޭގައި މުންޝިރު ހިމެނުނެވެ. އެވަގުތަކީ ތިއޭޓަރގެ ދޮރު ހުޅުވާލިވަގުތެވެ. ދުވެފައި އައިޝާ ދިޔައީ ނަރުސް އަތުގައި އޮތް ބޭބީ އުރާލާށެވެ. 

"މާ ޝާ ﷲ.. ގުދުރަތުގެ ފުރިހަމަ ކަމާ އެވެ" ބޭބީގެ މޫނު ފެނުނުވަގުތު މުންޝިރުއަށް ބުނެވުނެވެ.

"ކުޅަދުންވަންތަކަން ދެކިބަލަ.. މިއީ ހަމައެކަނި އަލީޒީގެ ދަރިއެއް.. ހަމައެކަނި އަލީޒީގެ! އަލީޒީގެ ހުރިހާ ރީތި ސިފައެއް މިދަރިފުޅަށް މިވަނީ ލިބިފައި.. ތުންފަތާއި ދިމާއިން މަތީގައި އިން ކަޅުތިލައިން ފެށިގެން ކަންފަތްކައިރީގައި އިންކަޅުތިލަވެސް.. ސުބުހާނަﷲ.. އަލްހަމްދު ލިއްލާހި.. މިދަރިފުޅަށް ﷲ ބަރަކާތްލައްވާށި! މިއީ އަލީޒީއަށް ރަހްމަތެއް ކަމުގައި މިންވަރުކުރައްވާށި" އައިޝާގެ ކޯތާފަތް ހުރަސްކުރަމުންދިޔަ ކަރުނަ ފޮހެލައިދިނީ މުންޝިރު އެވެ.

ހިނދުކޮޅެއްގެ ތެރޭގައި ބޭބީ ގޮވައިގެން ނަރުސް ދިޔައީ އަލީޒީގެ ހާލު ރަގަޅުކަމުގެ އުފާވެރި ހަބަރު އައިޝާއަށް ދީފަ އެވެ.

.....................

ކެރިގަނޑު އޮއްސާލީ ދޮރުމަތީގައި ހުރިމީހަކަށް ހިޔާވެލާނެ ވަގުތުވެސް ނުލިބޭހާ ބާރަށެވެ. ފުރާޅުހީވަނީ ދެންމެ ދެންމެ އެއްލާލަފާނެހެންނެވެ. އަލީޒީ ވޯޑަށް ނެރުނުފަހުން ގަޑިއެއްގެއިރު ވެއްޖެ އެވެ. ލޮލެއް ނުހުޅުވަ އެވެ. އައިޝާއަށް ހީކުރެވުނީ އަދިވެސް ރަގަޅަށް ހޭނާރަނީކަމަށެވެ. ހަގީގަތަކީ ތިއޭޓަރގައި ހޭދަވީ އެތައްގަޑީރެއްގެ ތެރެއިން، އެންމެ ވަގުތުކޮޅަކަށްވެސް އަލީޒީގެ ހޭނުނެތޭކަމެވެ. ލޯ ހުޅުވުމަށް ހިތާއި ސިކުނޑި ކިތަންމެ ވަރަކަށް މަޖުބޫރުކުރިއަސް، އެކަން ކުރާން އަލީޒީ ބޭނުމެއް ނޫނެވެ. އޭނާގެ އެނދުގެ ކައިރީން ހިނގަމުންއެދާ ކަންކަން ދުށުމަށް ދެލޮލުގެ އެސްފިޔަތައް އެއްބަހެއް ނުވި އެވެ. އެއްގޮތެއް އޮތްނަމަވެސް އޭނާގެ ހަށިގަނޑުގައި އެ 'އަނިޔާ' އުފެދި ފުރާނައެޅުވުމާއި ހަމައަށް އޭނާ މަޑުނުކުރީހެވެ. ނަމަވެސް ހާލަތާއި ވަގުތު އަލީޒީއަށް ބޭވަފާތެރިވީ އެވެ. ނުވަތަ އެކަންކަން އަލީޒީގެ އިހްތިޔާރުގައި ނެތީ އެވެ.

ތަގުދީރުގެ ނިންމުމަކީ އެއީކަމަށް ވާނަމަ އެކަން ބަދަލުކުރާން އަލީޒީއަށް އޮތީ ކޮން ބާރެއް ހެއްޔެވެ. އަނިޔާވެރި ދުނިޔޭގައި އޭނާއަށް އޮތީ ވޭނާއި ހިތާމަޔާއި ހިތްދަތިކަމާއި ނަފްރަތެވެ. އެކަންކަމަށް އިންސާނަކު ހޭނޭނެނަމަ، އެކަމަށް އަލީޒީ ފަރިތަވެއްޖައީހެވެ.

ލޯހުޅުވާން އެދި އައިޝާ އާދޭސްކުރަމުން ދިޔަ އެވެ. ހިތްމަތީގައި ހިލަގަނޑެއް އޮތްނަމަ އެވެސް މަޑު ފުށްކޮޅަކަށް ވާހައި އިރުވެއްޖެ އެވެ. ވިދާލި ވިދުވަރު ބިއްލޫރި ކުޑަދޮރުގެތެރެއިން ފުރޭނިގެން މުޅިކޮޓަރިތެރެ ދިއްލާލި އެވެ. ޖަހައިލި ބާރު ގުގުރިއާއެކު މުޅިތަން ގުޑައިގެންދިޔަ އެވެ. ބަޔަކު ފިއްކަނޑައިގެންދާހާ ބާރަށް ބޭބީ ރޯންފެށީ އެވަގުތު އެވެ.

މުންޝިރާއި އައިޝާ އެތައް މަސައްކަތެއް ކޮއްގެންވެސް ހުއްޓައެއް ނުލި އެވެ. ނަރުހެއް ގެންނާން މީހަކު ދާކަށް ނުޖެހުނެވެ. އެންމެންވެގެން އެތައްކަމެއް ކޮއްފި އެވެ. ހުއްޓައެއް ނުލި އެވެ. ދަރިފުޅު ވަރުބަލިވެ، ގިސްލެވިއްޖެ އެވެ. ނަސީބަކުން އެވަގުތު ވޯޑްގައި އަލީޒީ ނޫން އެހެން ބަލިމީހަކު ބާއްވާފައެއް ނެތެވެ. ނަރުހުންނަށް މަޖުބޫރުވީ އެއްގޮތަކުން ނޫނީ އަނެއްގޮތަކުންވެސް މަންމަގެ ހޫނު ދަރިފުޅަށް އިހްސާސްކޮށްދިނުމަށެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް