ads
ދޫކޮށްފައި ނުދާށޭ..
ދުރުދުރުން ފެންނަމުންދިޔަ ގަސްކަރައިގެ ކަޅު ހިޔަނި ފާހަގަކުރެވެމުންދިޔައީ އަނދިރިގަނޑެއް ފަދައިންނެވެ. އަވައްޓެރި ރަށްރަށުގެ ދިގު އެންޓަނާތަކުގެ ރަތްބޮކިވެސް މިވަގުތު ފެންނާން ނެތެވެ. ގަދަ ވިދުވަރާއެކު ކަރަންޓުގެ އެތައް ދިއްލުމެއްވަނީ ފުނޑުފުނޑުވެފައެވެ. ފަނޑު އަލިކަމެއް ފާޅުވާނެ ވަގުތެއް ހިތައް ގެންނާންވެސް ނޭގޭހައި އަނދިރި ރެއެކެވެ. ޖައްވުގައި ރަނިކަން ކުރަމުންދިޔައީ ބިރުވެރިކަމާއި ނާންމާންކަމެވެ. ވިދާލާ ވިދުވަރާއެކު ކައުނު ގުޑުވާލާވަރުގެ ބާރު ގުގުރީގެ އަޑެވެ. ޠޫފާނީ ވަޔާއި ވިއްސާރަ މޫސުމުގެ ބިރުވެރިވަގުތުގައި ތަންމަތިތަކުން ފުރޮޅިލާންވެސް އިންސާނަކު ބޭނުން ނުވާނެފަދަ ވިއްސާރަ، ޠޫފާނީ ރެއެކެވެ.

އިންސާނުންގެ ލޮލުގެ ނޫރު ގެއްލިގެންދާފަދަ އަލިގަދަ ވިދުވަރާއެކު ކުރެދިގަސްތަކުގެ ތެރެއިން ފެނުނީ ވިއްސާރައާއި ތެމިފޯވެފައިވާ އަންހެން ކުއްޖެކެވެ. ދިގު އިސްތަށިގަނޑު ތަރުތީބެއް ނެތި މޫނާއި ކަނދުރާގެ އެތަންމިތަނަށް ހޭވިފައިވެއެވެ. ވިދާލާގަދަ އަލިކަމުގެ ތެރެއިން ނޫނީ ހަމައެކައްޗެއްވެސް ނުފެނެއެވެ. މަންޒަރު ފެނިއްޖެ އިންސާނަކު ބިރުން ހިތްހުއްޓޭވަރުގެ ނާމާން މަންޒަރެކެވެ.

ބިރުވެރި ޠޫފާނުގެ ނުރައްކާ އަނދިރިކަމުގައިވެސް މައުސޫމު އެ ހިތައް އޭގެ ލިސާނެއްވެސް ނުވެއެވެ. ކެރިގަނޑުގެ ކުރީން ޖެހުނު ޠޫފާނުގެ ހުރިހާ ބިރުވެރިމަންޒަރެއް އަލީޒީގެ ދެ ލޯ ދެކެފިއެވެ. އަސަރެއް ނުކުރީ ހިތާއި ސިކުނޑިއަށެވެ. ބިރުވެރިކަމެއް އިހްސާސްނުވަނީ އޭނާގެ ހަޔާތަށް ވުރެން އެރޭގެ އަނދިރިކަންވެސް އަލީޒީއަށް އަމާންވީތީއެވެ. ޠޫފާނުގެ ވައި މަޑުވުމެއް ނެތެވެ. އެތައްގަޑީރެއް ވަންދެން މެދުނުކެނޑި ވެހެމުންދާ ކެރީގެ ފިނިކަން ފަޒާގައި ހިފާފައިހުއްޓަސް އަލީޒީގެ ހަށިގަނޑަށް އޭގެ ކުޑަވެސް އަސަރެއް ނުކުރެއެވެ. ހިތްދަތިކަމާއި އަނިޔާއާއި ބޭއިންސާފުގެ ނާމާންކަމުން އެހަށިގަނޑުގެ ދިރުން ނެތިކޮއްލައިފިއެވެ.

ތަގްދީރުގެ ބޭއިންސާފުކަން ދިރިހުރި ހިތެއްގެ ވިންދު އެހިތާއި ދުރުކޮށް ސުންނާފަތި ކުރުވައިފިއެވެ. ފުރާނަ ހުއްޓަސް، ދިރުމެއްނެތް މަސްގަނޑެއް ފަދައިން އަލީޒީ ގަބުވެފައި އެއިންނަނީ ސަބަބުތަކެއް އޮތީމައެވެ. އަމިއްލަ ނަފުސާއިވެސް ކުރިމަތިލާނެ ހިތްވަރެއް ނެތީއެވެ. އެ ހިތުގެ ހަމަ އެންމެ ވިންދެއްވެސް އޭނާއަށް އަމާންކަމެއް ނުދިނެވެ. އަމިއްލަ ދިރިއުޅުމާއި ތަގުދީރުގެ ނިޔާއަށްވުރެން ވަކީންބޮޑު ބިރެއް އޭނާއަށް ކުރިމަތިނުވެއެވެ. އަމާންކަމުގެ ފަނޑުއަލިކަމަކަށްވެސް އަލީޒީ އުއްމީދެއް ނުކުރެއެވެ. ބިރުވެރިކަމަކީ އެ ހިތާއި ސިކުނޑީގައި ނެތް އިހްސާސްއެކެވެ. ރައްކާތެރިކަމެއްގެ ގޮތުގައި ގައިގައި އޮޅާލާނެ ރަޖައެއްގެ ގޮތުގައި، ކައުނުގެ އަނދިރިކަން އަލީޒީއަށް ފުދެއެވެ. ދެކެން ބޭނުންވާ ހުރިހާ ކުލައެއް ކަޅުއަނދިރީގެ ތެރެއިން ދެލޮލުގައި މަންޒަރު ކުޅެމުންދިޔައެވެ.

އުޑު ބިމަށް ވެއްޓިދާނެހެން ހީވާ ކިތަންމެ ފަހަރެއް ގުގުރީގެ ނާންމާންކަމުން ދުނިޔެއަށް އިހްސާސްކޮށްދެމުން ދިޔައެވެ. އަލީޒީ ލައިގެންއިން ހެދުން ގައިގައި ތަތްލާފައިވަނީ ގަޔަށްބާރުކޮށް ފަހާފައި ވާތީއެއް ނޫނެވެ. ބިޔަ ރާޅުތަކުގެ ލޮނާއި ޠޫފާނީ ވާރޭގެ ބަރު ތިކިތަކުން އަލީޒީ އެއިނީ ތެމިފޯވެގެންނެވެ.  

މެންދަމުގެ ޠޫފާނަށްފަހު ދުނިޔެމަތި އަލިވެދާނެ ވަގުތެއްގެ އިންތިޒާރުގައި ކަންނެތް ހަށިގަނޑުތައް، ވަގުތުތައް ގުނަމުންދިޔައީ އަރާމު ތަންމަތިތަކުގައެވެ. ފަޖުރުގެ އަލިކަންވެސް ދުނިޔެއާއި ގާތެއް ނުވިއެވެ. ގަޑީގެ ކަށިވެސް ހުއްޓިފައިވާ ފަދައެވެ. ޖަންގަލީގެ ބިރުވެރި ޖަނަވާރުތަކާއި ކުދިކުދި ސޫފާސޫފިތައްވެސް ޠޫފާނުގެ ބިރަށްޓަކައި އެސޮރުމެންގެ ހާލިތަކާއި ހޮރުހޮރަށްވަދެ ބޮނދައިފިއެވެ. ވިއްސާރައާއި ލޮނުން ތެމިފައިވާ ވެލިގަނޑުމަތީގައި އަލީޒީ އެއިންނަނީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ. ވަގުތުގެ ގަޑީން ކަށިދަތުރުކުރަމުންދިޔަ މިސްރާބެއް ހަގީގަތުގައިވެސް އަލީޒީއަށް މުހިއްމެއް ނޫނެވެ.

އިންސާނެއްގެ ހިލަމެއް ޔަގީނުންވެސް ނުވާނެކަން އެނގިހުރެވެސް އަލީޒީ އެއިނީ ރަށުގެ ފުއްޓަރުފަރާތުގެ އަތިރިމަތީގައެވެ. ކިތަންމެ ހިތްގައިމު ދޮންވެލިގަނޑެއް އެ ސަރަހައްދު ވަށައިގެން އޮތަސް، އެ ވެލިގަނޑުގެ ސަބަބުން މިވަގުތު ހިތަކަށް ލިބޭނެ ކުޑަވެސް ތަސައްލީއެއް ނެތެވެ. ބިންދާލާ ރާޅުތައް ރަހުމެއްނެތި ވެލިގަނޑު އެފުށްމިފުށަށް ޖަހައިލައެވެ. މުޅިރަށަށް އަޑުއިއްވަމުން ނާމާންކަން ގެނުވާ އުސްރާޅުތައް ބިންދަމުންދިޔައީ ފުލުފުލުގައެވެ. ކިތަންމެ ބޯކޮށް ކެރި ވެހުނަސް، ކަނޑުގެ ރާޅުތައް މި ހަޅައިގައި މައިތިރިނުވެއެވެ. މުޅިރަށް އޮތީ އަރާމު ނިންޖެއްގައެވެ. މެންދަމުގެ ވަގުތުގައި ކޮންމެވެސް ރުޅިވެރިކަމެއް ނުވަތަ ހިތްދަތި އިހުސާސްތަކެއް އެ ރާޅުތަކުގެ ފޮނުގަނޑާއެކު ރަށުތެރެއަށް މިރޭ ފަތުރާލައިފިއެވެ.

ދެ މޫސުންބެދޭ ވަގުތާއި ދިމާކޮށް، ޠޫފާނެއްގެ އަސަރުކޮށްފާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ސަލާމަތީ ގޮތުން އެޅުނު ކޮންމެ ފިޔަވަޅެއް އަޅައިގެން މުޅިރާއްޖެ އޮތީ ނިދާފައެވެ. ހަމައެކަނި އަލީޒީ ފިޔަވައެވެ. ތޫފާނުގައި އެހަށިގަނޑު ދޮވެލާނެކަމުގެ އުއްމީދުގައި އެ އިނީ ވިއްސާރައާއި ލޮނާއި ތެތް ވެއްޔާއި ތަތްތެޅިގެންނެވެ. ހިތާއި ސިކުނޑިއާއި ގަދަޔަށް އަރާރުންވަމުންދިޔަ ވަގުތު އަލީޒީ އެ އިނީ ޣަރަގު ކޮށްލާނެ ބިޔަރާޅެއްގެ އިންތިޒާރުގައެވެ.

ނަމަވެސް އުފެދުމާއި ނިމުމަކީ އިލާޙީ ވަގުތު ޖެހުމުން ނޫނީ އަންނާނެ ދަޢުވަތެއް ނޫނެވެ. އަނދިރިކަމާއި ނާންމާން އަޑުތައް ފިޔަވައި އަލީޒީއަށް ހިލަމެއްވާނެ އެހެން ނިޝާނެއް އޭނާ ވަށައިގެން ނުވެއެވެ.

ބިމާއި މުޅި ޖައްވު ގުޑުވާލާފައި ކުއްލިޔަކަށްޖަހާލި ބިރުވެރި ގުގުރިއާއެކު އަލީޒީގެ ދެއަތް، އިޚްތިޔާރަކާއި ނުލައި ބާއްވާލެވުނީ އޭނާގެ ބަނޑުގައެވެ. ދުނިޔޭގެ ހުރިހާ ނާމާންކަމެއް އެ ދެއަތުގެ ހަރަކާތުން ދުރުކޮށްލިފަދައެވެ. ހަމަ އެވަގުތު މުޅި ހަށިގަނޑަށް އިހްސާސްވާނެވަރަށް އަލީޒީއާއި މުޚާޠަބުކޮށްލީ ހަރު ހިލަގަނޑެއްވެސް، އެ ތޮޅިލުމުގެ އިހްސާސްގެ ސަބަބުން މަޑު ފުށްކޮޅަކަށް ހަދައިލާފަދަ ބާރުގަދަ ގުޅުމަކުންނެވެ. ވިސްނާލުމެއްނެތި ގެނެވުނު ކުއްލި މި ހަރަކާތާއިމެދު އަލީޒީއަށް ވިސްނާލެވުނީ ބިރުވެރި ގުގުރިއެއްގެ އަޑާއެކު މޫނުމައްޗަށް އަލިވެގެންދިޔަ ވިދުވަރުގެ ސަބަބުންނެވެ.

މާޒީގެ ތެރެއިން ހަތް މަސް ކުރިއަށް އަލީޒީ ގެންދިޔައީ ކޮންފަދަ ބާރަކުންކަން ޚުދު އޭނާއަށްވެސް ނޭގުނެވެ.

މާވެޔޮމަގުގެ ހިޔާ ބޮޑެތި ގަސްތަކުގެ ހިތްގައިމުކަން އިހްސާސްކުރަން ކިތަންމެ ބޭނުންވިޔަސް، އެކަން ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކި ޒާތުގެ އެއްގަމު އުޅަނދުތަކާއި ހިނގާބިނގާވެއުޅޭ މީހުންނާއި ތަރުތީބެއް ނެތި އެތަން މިތާ ޕާކުކޮށްފައިވާ ވެހިކަލްތައް ގިނަކަމުން، އެއްސީދަލަށް ގޮސް ގެއަށް ވަދެލުމަކީވެސް އުނދަގޫ ކަމެކެވެ.

ގްރޭޑް އެގާރައިން ތައުލީމް ހާސިލްކޮށްލުމުގެ ނަސީބާއެކު ބައެއް ކުދިންނަށް ލިބޭ މިނިވަންކަމަކީ މައިންބަފައިން ނުވަތަ ބެލެނިވެރިންނާއި ވަކީން ސްކޫލަށް ނުވަތަ ކޮލެޖްއަށް ދިއުމުގެ ފަޚުރެވެ. އަލީޒީއަކީވެސް ރައްޓެހިކުދިންގެ ބަހުންނަމަ "ލަކީ" ގާރލްއެކެވެ. މައިންބަފައިން އެމީހުންގެ ދެލޮލުގެ ނޫރުފަދައިން ލޯބިން ގެންގުޅޭ ހަމައެކަނި ދަރިފުޅު މިއަހަރުން ފެށިގެން އެކަނި ސްކޫލަށް ދިޔުމުގެ ހުއްދަ ލިބުނީއެވެ. ދުވަހެއްގައިވެސް މައިންބަފައިންގެ އިތުބާރަށް ކިލަނބުކަމެއް އައިސްފައި ނެތުމުން އަލީޒީއަށް އޭނާގެ މިނިވަންކަން ބައްޕަ ދޫކޮށްލީ، މަތީތަޢުލީމަށް އިނގިރޭސިވިލާތައް އަލީޒީ ފޮނުވުމަށް ތަމްރީނުކުރުމުގެ ގޮތުންވެސްމެއެވެ. ކުޑައިރުއްސުރެން ޑޮކްޓަރަކަށްވުމުގެ އުއްމީދުކުރަމުންއައި ދަރިފުޅު އެތައްހާސް މޭލެއް ދުރަށް ފޮނުވާލަންވެސް މިއަދު އެދެމަފިރީން ނުވަތަ ލޯބިވާ ބައްޕަ ތައްޔާރެވެ. އެ ޔަގީންކަން އަލީޒީގެ މަންމައާއި ބައްޕައަށް ވަނީ ލިބިފައެވެ. 

ހަފްތާގެ އާދީއްތަ ދުވަހެވެ. ހެނދުނު ހަތެއްޖަހަން ގާތްވުމާއެކު އަލީޒީ މިސްރާބުޖެހީ ސްކޫލަށެވެ.

ރޭ ހަތަރުދަމު ބޯކޮށް ކެރިވެހުނެވެ. މާލޭގެ މަގުތަކުގެތެރެއިން މާވެޔޮމަގަކީ މިފަދަ ދުވަހެއްގައިވެސް ހިނގާލެވޭނެ މަދު މަގުތަކުގެ ތެރެއިން މަގެކެވެ. ތަންތަންކޮޅުގައި ފެންހެދިފައިވިޔަސް، އެހެން ސަރަހައްދުތަކަށްވުރެން މި މަގުގެ މިސްކިތް ހިމެނޭ ސަރަހައްދު ފަސޭހައެވެ. ވިއްސާރަ މޫސުމަކީ އަހަރުގެ ދުވަސްތަކުގެތެރެއިން އަލީޒީގެ އެންމެ މަގުބޫލް މޫސުމެވެ. އަތުގައި ކުޑަ އޮތަސް، ވިއްސާރަކޯޓް އޮތަސް، ވާރެއާއި ތެމިލުމަކީ އެންމެ ކުޑައިރުއްސުރެންވެސް އަލީޒީގެ އެންމެ މަގުބޫލު ކަންތަކެވެ.

ޖައްވުގައިވަނީ ހިތްގައިމު ފިނިކަމެވެ. ދުވަހުގެ ހެނދުނުގެ މިގަޑީގައި ދުވާރުމަތީން ހިނގާލާފައި ދަނިކޮށް އަލީޒީއާއި ދާދިގާތަށް ކުއްލިޔަކަށް ވެއްޓުނީ އަންހެން ކުއްޖެކެވެ. އޭނާ އައީ ކޮންދިމާއަކުންކަންވެސް އަލީޒީއަށް ނޭގުނެވެ. ހީވާހީވުމަށް އޭނާ އަރައިގެން ހުރި އުނދަގޫ ފައިވާނުގެ ސަބަބުން ފައިފުރޮޅާލީއެވެ.

މަގުމަތި ހަލަބޮލި ރަސްމީ ދުވަހެކެވެ. އެމީހެއްގެ ދަރި ގަޑިއަށް ސްކޫލަށް ގެންދެވޭތޯ ކޮންމެ މީހަކުވެސް ތެޅިފޮޅޭ ގަޑިއެކެވެ. ތިލަ ޢިބާރާތަކުންނަމަ، އެމީހަކާއި އެމީހެއް މަގުމަތީގައި އޮންނަ ވަގުތެކެވެ. ވެއްޓިފައި އޮތް ކުއްޖާގެ ވޭނީ ކުކުރާލުމުގެ އަޑަށް އަލީޒީއަށް ބަލައިލެވުނީ އޭނާއަށް އެހީވާނެ އިތުރު މީހަކު ހުރިތޯއެވެ. ނަމަވެސް ލިބުނީ މާޔޫސްކަމެވެ.

ކޮނޑުގައި އޮތް ދަބަހުގެ ބަރުކަމާއެކު، ވެއްޓިފައި އޮތް ކުއްޖާވެސް އަލީޒީއަށް އުފުލުނު ގޮތަކަށް އުފުލާލާފައި ކޮޅަށް ނަގައިފިއެވެ. ފަޔަށް ތަދުވާތީ ކަމަށްބުނެ އޭނާގެ ކަނާތުފައި ބިމުގައި ނުޖެއްސިއެވެ. ތަދުވާތީކަމަށްބުނެ އަލީޒީގެ ކޮނޑުގައި އޮޅުލައިގަތެވެ. ހިތާއި ދެކޮޅަށް ނަމަވެސް އަލީޒީއަށް މަޖުބޫރުވީ އެކުއްޖާގެ އާދޭސްތައް އަޑުއަހާފައި އެހީވާށެވެ. އޭނާގެ އާއިލާއާއެކު ކުއްޔަށް އުޅޭ ކޮޓަރިއާއި ހަމައަށް އޭނާ ގެންގޮސްދިނުން ނޫން ގޮތެއް ނެތް ކަމަށް ނިންމީއެވެ.

ގަޑިޖެހުމާއިދެމެދު ވަގުތުވެސް އޮތުމުން އަލީޒީ އިޚްތިޔާރުކުރީ އިންސާނިއްޔަތު ކަމެވެ. ދާދިގާތުގައި ފެންނާން  އޮތް ހިމަގޯޅިގަނޑުން ވަދެގެންގޮސް ކަނާތް ފަރާތުގައި މަޑުކޮށްލުމަށް އެކުއްޖާ އެދުނީ ބޮޑު އަނބުގަހެއްލާފައި ހުރި ކަންމައްޗެއްގައެވެ. ޖީބުން ފޯނު ނަގާފައި އޭނާ މެސެޖެއް ކޮއްލިއެވެ. ދާދި އަވަހަށް އެ މެސެޖްގެ ޖަވާބުވެސް އެ ފޯނަށް އައެވެ. އަލީޒީ ބޭނުންވީ ލަސްނުކޮށް ސްކޫލަށް ދިއުމަށެވެ. އާއިލާ މީހެއްގެ އެހީގައި އޭނާގެ ގެއަށް ވަދެވިދާނެ ނޫންތޯ ބުނެފައި އަލީޒީ ކުރިއަށް ފިޔަވަޅެއް ނެގިއެވެ.

ހުށިޔާރުކަމާއެކު އެކުއްޖާ މިފަހަރު ހިފެހެއްޓީ އަލީޒީގެ އަތުގައެވެ. ދެން އިޝާރާތްކުރީ ކުރިމަތީގައިހުރި ގެސްޓްހައުސްއަށް އޭނާގެ ކޮޓަރިއާއި ހަމައަށް އޭނާއާއެކު އައިސްދިނުމަށެވެ. ގޭގައިވެސް އެއްވެސް މީހަކު ނެތްވަގުތަކަށް ވުމާއެކު އޭނާއަށް އެހީވާނެ މީހަކު ނެތްކަމަށް އެކުއްޖާބުނެ، އާދޭސްކުރިއެވެ. ކުޑަ ސިޑިއަކުންވެސް އަރަންޖެހޭތީ އޭނާއަށް އެކަމުގައި އެހީތެރިވެދިނުމަށް އެދެން ފެށުމުން އަލީޒީ އެއްބަސްވިއެވެ.

ނުހަނު އުނދަގުލުން އޭނާ އެބުނި ކޮޓަރިއަކާއި ހަމައަށްވެސް ގެންދާން ޖެހުނީއެވެ. އެތެރެއަށް ވަނުމަށް އެކުއްޖާ ތަޅުގައި ހިފާލިވަގުތު އެ ދޮރު ހުޅުވީ އެތެރެއިންނެވެ. ޝައްކުގެ ނަޒަރަކުން އަލީޒީއަށް އެކުއްޖާއަށް ބަލައިލެވުނީ އޭނާ ދާދިދެންމެ ބުނި އެއްޗަކާއި އެކަން އެހިނގި ގޮތާއި ދިމާނުވުމުންނެވެ.

އެތަނުގައި މީހަކު ނެތްނަމަ، އެތެރެއިން ދޮރު ހުޅުވީ ކިހިނެއް ހެއްޔެވެ؟

އެއްޗެއް ނުބުނެ އަލީޒީ ބޭނުންވީ ވީއެންމެ އަވަހަކަށް އެތަނުން ސަލާމަތްވާށެވެ. ސްކޫލް ގަޑިވެސް ޖެހިއްޖެއެވެ. ނަމަވެސް ދެން ލިބުނީ ހަޔާތުގެ އެންމެބޮޑު ހައިރާންކަމެވެ. ނުވަތަ ނާންމާންކަމެވެ. ނުވަތަ "ޝޮކް" ޖެހުމަކީ މިއީ ހެއްޔެވެ؟

އަވަސް ހަރަކާތަކާއެކު އަލީޒީގެ އަތުގައި ހިފާފައި މީހަކު ލުއްކިއެއް ޖެހިއެވެ. ވީނުވީއެއްނޭގި އުޅެނިކޮށް ހިނދުކޮޅެއްގެތެރޭގައި އަލީޒީއަށް ހުރެވުނީ އެ ކޮޓަރިތެރޭގައެވެ. ގަތްބިރުން ހަޅޭއްލަވައިގަންނާން ހުޅުވާލި އަނގަމަތީގައި ހިފީ ކާކުކަމެއްވެސް ނޭގުނެވެ. ފުރަގަހުން ދެއަތުގައި ހިފައި، ޔުނީފޯމްގެ އަތުކުރީ ދެ ގޮށް ނައްޓުވާލާފައި، ދެއަތް ފުރަގަހަށް ގެންގޮސް ޓޭޕްވެސް އަޅައިފިއެވެ. ލައިގެންހުރީ އަތްދިގު ޔުނީފޯމެއްކަމަށްވިޔަސް ދެއަތް އުޅަނބޮއްޓަށްވުރެން މައްޗަށް ހިއްލާފައިވާކަން އަލީޒީއަށް އިހްސާސްކުރެވެން ވަގުތުކޮޅެއް ނެގިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ހިނގަމުން މިދިޔަ ކަންތައްތައް އަލީޒީގެ ސިކުނޑިއަށް ނަގައިގަންނާން އޭނާއަށް ފުރުސަތެއްވެސް ނުލިބުނެވެ.

ގަތްބިރުން ބާރަށް ތެޅެމުންދިޔަ ހިތް އޭނާ ދާހިއްލުވާލައިފިއެވެ. ހާސްވެ ނޭވާލާންވެސް އުނދަގޫވެއްޖެއެވެ. ވަށައިގެން ކުޅެމުންދިޔަ ޑްރާމާގެ މަންޒަރުން ޒައްރެއްގެ މިންވަރުވެސް އަލީޒީގެ ލޮލަށް ނުފެނެއެވެ. ބިރުން ތުރުތުރު އަޅަނީއެވެ. ދުވާލުގެ އަލިކަމުގައިވެސް ކަޅުއަނދިރިކަން ނޫނީ ނުފެނުނެވެ. ރައްކާތެރިކަމާއި ސަލާމަތައް އެދި ދަންނަ ހުރިހައި ހެޔޮދުޢާއެއް ކުރިއެވެ. ދުލަށް އައިހާ ހެޔޮއެއްޗެއް ކިޔޭތޯ ބެލިއެވެ.

ކުއްލިޔަކަށް ކައްޓެއް ހަރާލިފަދަ އާދަޔާޚިލާފު ތޫނު ތަދެއް އިހްސާސްވުމުން ތެޅިގަނެވުނެވެ. ތިން މީހުންވެގެން އަލީޒީ ހިފަހައްޓާފާއި ބިންމައްޗަށް ވައްޓާލިއެވެ. ސިކުނޑިއާއި ހަށިގަނޑުގެ ނާރުތައް ފަޅައިގެންދާވަރުގެ ބާރެއް ހަށިގަނޑަށް އަރަން ފެށިއެވެ.

ދިރިހުރި ހަށިގަނޑަކުން ރޯހަންގަނޑު ދަމައިގަންނަނީހެން ހީވިއެވެ. އަމިއްލަ އިޚްތިޔާރު އަމިއްލަ ސިކުނޑިއަށްވެސް ނުފޯރިއެވެ. ތަހަންމަލުކުރާން އުނދަގޫ އަދި ބުނެދޭން ނޭގޭ ވޭނެކެވެ. ހައިބަނޑާއި އޮތް ސިންގާއެއްގެ އަނގަތެރެއަށް ވަދެވުނީކަން ކަށަވަރުވީ އިވެމުންދިޔަ ހުވަފެނީ އަޑުތަކެއްގެ ސަބަބުންނެވެ.

އޭރުވެސް ކޮނޑުގައި އޮތް ދަބަސް އެއޮތްގޮތަށް އޮތެވެ. ފޮތުގެ ކަން ތަކާއި އަރިމަތިތައް ބުރަކަށީގެ، ކަށިތަކަށް އިތުރު ވޭންތަކެއް ދެމުންދިޔައެވެ. ބާރަށް ހެމުންދިޔަ އަޑު އަލީޒީގެ ކަންފަތާއި ހަމައަށް ފޯރިއިރު މަޑުމަޑުން ލޮލުގެ އެސްފިޔަތައް ތިރިވާން ފަށައިފިއެވެ.

ނުނިމޭ


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް