ads
ރައީސް ވިދާޅުވީ ޒިންމާދާރު ޖީލެއް ބިނާ ކުރުމަކީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް - ފޮޓޯ:ރައީސް އޮފީސް
ޒިންމާދާރު ޖީލެއް ބިނާ ކުރުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް: ރައީސް
ޒިންމާދާރު ޖީލެއް ބިނާ ކުރުމަކީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ކުޑަކުދީންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވި ހިތޯބުގައި ވިދާޅުވީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަގުވާމީ މުހިންމު މުއާހަދާތަކުގައި ރާއްޖޭން ވަނީ ބައިވެރިވެފައި ކަމަށެވެ. ކުޑަކުދީންނަށް ހިމާޔަތާއި ދިރިއުޅުމުގެ ފަހި ފުރުސަތުތަކަށްޓަކައި ބޭނުންވާނެ ގާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ގާއިމުކުރުމުގައި ވެސް ބޮޑެތި އަދި މުހިންމު އެތައް މަސައްކަތެއް ރާއްޖޭގައި ވަނީ ފުރިހަމަކުރެވިފައި ކަމަށާއި އިތުރު އެތައް ކަމެއް ކޮންމެ ސަރުކާރަކުން ވެސް ދަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ. 

ރާއްޖޭގެ އުސްތާޒުލްޖީލް މަރުހޫމް މުހައްމަދު ޖަމީލުދީދީ 1981 ވަނަ އަހަރު ލިޔުއްވައި، ޝާއިއުކުރައްވައިފައިވާ "ހައްތާވެސް ދަރީންނެވެ." ވާހަކައަށް އިޝާރަތްކުރައްވާ ރައީސް ވަނީ އެ އަސަރުގަދަ އިބްރަތްތެރި ކުރުވާހަކައިން ލިބިދޭ އެންމެ ބޮޑު އެއް އިބްރަތަކީ، އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީ ވެސް ދަރިއެއް ކަމުގައި ދެކި އޯގާތެރިކަމާއި އެހީތެރިކަމާ އެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފްސާއި ރޫހަށް ލިބޭނެ ހަމަޖެހުމެއް ކަމުގައި ވިދާޅުވެފަ އެވެ. މިފަދަ ދުވަހެއްގައި މިއީ ވިސްނައިލުން މުހިންމު ނުކުތާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވިދާޅުވެފައި ވަނީ އަޅުގަނޑުމެން ކޮންމެ ބޮޑު މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ދީނީ، އިންސާނީ، އަދި ގައުމީ މަސްއޫލިއްޔަތެއް އެބައޮތް ކަމަށެވެ. އެއީ ކުޑަކުދީންނަށް ރައްކާތެރިކަންދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެ ކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކު ވެސް ދެމިހުރުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މަރުހޫމް މުހައްމަދު ޖަމީލް ދީދީ ވިދާޅުވި ފަދައިން، "ހައްތާވެސް ދަރީން" ކަމުގައި ދެކި، ކޮންމެ ކުއްޖަކާމެދު ވެސް ދަރިކުލުނާ އިމެއްމިނެއް ނެތް ތެދުވެރި ލޯތްބާ އެކު މުއާމަލާތު ކުރުން ކަމުގަ އެވެ.

"މިކަމުގެ އެންމެ ރިވެތި ނަމޫނާ މުޅި އިންސާނިއްޔަތަށް ފެންނާން އޮތީ މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم ގެ ރިވެތި ސީރަތުންނެވެ. ދަރީން ފަދައިން ލޯބި ދެއްވައިގެން، ތަރުބިއްޔަތާއި ރިވެތި ނަމޫނާ އާއި ދިރިއުޅުމަށް ބޭނުންވާނެ މުހިންމު ދަރެސްތައް އުނގަންނައިދެއްވައިގެން އެކަލޭގެފާނުގެ ނަބަވީ މަދަރުސާއިން ދަސްވެނިވެ މުޅި އިންސާނިއްޔަތަށް އަލިގަދަ ދަންމަރުތަކެއް ކަމުގައިވީ ކިތައް ޝަހްސިއްޔަތުތޯއެވެ؟"

ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާން ވާނީ، އިސްލާމީ އުސޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ގައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައި ކަމަށާއި މިއީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި ވަރަށް ގިނަ ކުޑަކުދީން، އެ ކުދީން ކުޅިވަރުކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށްދިނުމަށް އެދޭކަން ފާހަގަކުރައްވާ ރައީސްގެ ހިތޯބުގައި ވިދާޅުވީ ކުޑަކުދީންނަށާއި އާއިލާތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ބިނާކުރާނެ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުހާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް އިލްމާއި މައުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ހިތޯބުގައި ވަނީ ބަވަނަވަމުން މިދާ ދުނިޔެއަށް ހަލުވިކަމާ އެކު އަންނަ ބަދަލުތަކާއި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވަން ވާނީ އަޅުގަނޑުމެން ނުހަނު ހުޝިޔާރުވެ ތިބެކަން ފާހަގަކުރައްވާފަ އެވެ. ޒަމާނީ ކޮންމެ އޮއިވަރަކާ އެކު އަންނަ ނުކިއްސަރު ކަންކަމުން ދަރީން ދަފަރާ ކުރާން ހޭލުންތެރިވެ ތިބެން ޖެހޭ ކަމަށާއި ސަރުކާރުން މި ހުރިހާ ކަމެއްގައި އިރާދަކުރެއްވިއްޔާ ހުރިހާ މައިންބަފައިންނާއި ބެލެނިވެރީންނާއި ސަހަރޯވެރީންނާ ވެސް އެއްބާރުލައި އަތުގުޅާލައިގެން މަސައްކަތްކުރާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

"ކުޑަކުދީންގެ ދުވަހެއްގައި، ހިތަށް ވެރިވާ އުފާވެރި އަދި އުންމީދީ އިހުސާސްތަކާ އެކު، މިއަދު އަޅުގަނޑަށް ހިތާމަވެރި އަސަރުކުރުވާކަމެއް ވެސް އެބައޮތެވެ. އެއީ، ފަލަސްތީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީންނެވެ. އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ، ހަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތައުލީމާއި، އާއިލީ ލޯބިން މަހުރޫމްވަމުން އެދާ މައުސޫމް ކުދީންނަކީ ހަމަ އަޅުގަނޑުމެންގެ ވެސް ދަރީންނެވެ. އެ ކުދީންގެ ތެރެއިން ޝަހީދުވާ ކޮންމެ ކުއްޖަކަށް ސުވަރުގޭގައި ކީރިތި ﷲ ވައުދުވެވޮޑިގެންފައިވާ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި އެވެ. އަނިޔާލިބި ގެދޮރާއި ސަހަރޯވެރީން ގެއްލި ނިކަމެތިވަމުންދާ ކޮންމެ ކުއްޖަކަށް ކީރިތި ﷲ ގެ ރަޙްމަތާއި މަދަދުގެ ހާސްދޮރު ހުޅުއްވާށި އެވެ."

މި ގައުމުގެ ކުރިމަގަށް އަޅުގަނޑުމެން މިކުރާ ފާގަތި އުންމީދާއި މާދަމާގެ ވިޔަވަތިކަމަށް އެދި ރެޔާދުވާލު މިކުރާ މަސައްކަތުގެ މިލްކުވެރީންނަކީ އަދި ވާރުތަވެރީންނަކީ، މިއަދުގެ ކުޑަކުދީންކަން ފާހަގަކުރައްވާ ރައީސް ވަނީ ދެލޯނޭދި އެދޭ މި ލޮބުވެތި ދަރީންގެ ހައްގުގައި މިއަދު ކުރި މަސައްކަތަކުން ނޫނީ މި ގައުމަށް އުޖާލާ މުސްތަގުބަލެއް ހޯދައެއް ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ 63 އަހަރު ކުރިން، 1961 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު، ހަމީދިއްޔާ މޮންޓެސޫރީ ސްކޫލުގެ ނަމުގައި ތުއްތުކުދީންނަށް ކިޔަވައިދޭން ހާއްސަ މަދަރުސާއެއް ރާއްޖޭގައި އުފެއްދުން ފާހަގައެއް ކަމުގައި ބަލައި، ރާއްޖޭގައި ގައުމީ ފެންވަރުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރަން ފެށީ 1979 ވަނަ އަހަރު އެވެ. ހަމީދިއްޔާ މޮންޓަސޫރީ ސްކޫލަކީ މިހާރު ރާއްޖޭގެ ފަހުރުވެރި އެދުރުގެއެއް ކަމުގައިވާ އިސްކަންދަރު ސްކޫލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް