ads
އެމްއެމްޕީއާރުސީގެ ޗެއާޕާސަން ނޫރައިން: ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމަކީ ހަމައެކަނި ޓްރެންޑެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ދިރިއުޅުމުގައި ގަތާލެވިފައިވާ އެއްޗެއް ކަމަށް ވިދާޅުވި - ފޮޓޯ:އެމްއެމްޕީއާރުސީ
ދެމެހެއްޓެނިވި ޓޫރިޒަމަކީ ރާއްޖޭގެ ދިރިއުޅުމާ ގަތާލެވިފައިވާ އެއްޗެއް
ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމަކީ ހަމައެކަނި ޓްރެންޑެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ދިރިއުޅުމުގައި ގަތާލެވިފައިވާ އެއްޗެއް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން އާއިޝާ ނޫރައިން ޖަނާހު ވިދާޅުވެއްޖެ އެވެ.

އޭޓީއެމް 2024 ގައި ކުރިއަށް ދިޔަ "މޯލްޑިވްސް މީޑިޔާ މީޓް" ގައި ނޫރައިން ވަނީ އިނޮވޭޝަން، ސަސްޓެއިނަބިލިޓީ އަދި ލަގްޒަރީ އާ ބެހޭ މުހިންމު ހިޔާލުތައް ފާޅުކުރައްވާފަ އެވެ. ނޫރައިން ފާހަގަކުރެއްވި ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމަކީ ހަމައެކަނި ޓްރެންޑެއް ނޫން ކަަމަށާއި އެއީ ރާއްޖޭގެ ދިރިއުޅުމުގައި ގަތާލެވިފައިވާ އެއްޗެެއް ކަމުގަ އެވެ. ރާއްޖޭން ދަނީ ތަރައްގީ އާއި އިންފްރާސްޓްރަކްޗަ ފްރޭމްވޯކްތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ވަރުގަދަ ކުރުމަށް ޕްރޮއެކްޓިވް ފިޔަވަޅުތައް އަޅަމުންނެވެ. މި ހާއްސަކަން ދާދިފަހުން ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ މަޝްހޫރު އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024 އެވޯޑުން ވަނީ ފާހަގަކޮށްފަ އެވެ.

ނޫރައިން ވިދާޅުވީ މި އެވޯޑަކީ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެއް ބިންގާ ކަމަށްވާ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ ފަސްނުޖެހޭ މަސައްކަތުގެ ހެއްކެއް ކަމަށެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާކަން ނޫރައިން ފާހަގަކުރެއްވި އެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން މިހާރު ކުރެވެމުންދަނީ ތިމާވެށި ހިމާޔަތްކުރުމަށް އިސްކަންދީ، ލޯކަލް ކޮމިއުނިޓީތަކަށް ފައިދާހުރި ގައިޑްލައިންތަކެއްގަ އެވެ.

ތިމާވެށީގެ ޒިންމާއިން ބޭރަށް ބަލައި، ރާއްޖެ ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރުސީން ގެންގުޅޭ ޑޭޓާ ޑްރިވަން އެޕްރޯޗަށް ވެސް ނޫރައިން ވަނީ އަލި އަޅުވާލައްވާފަ އެވެ. އެމްއެމްޕީއާރުސީން ބުނެފައިވަނީ މި ޑިޖިޓަލް ސްޓްރެޓެޖީގެ ސަބަބުން ޓާގެޓްޑް އައުޓްރީޗްއަށް ފުރުސަތު ލިބިގެންދާއިރު، ސާފު ގޮނޑުދޮށްތަކުން ތަފާތު ތަޖުރިބާތައް ދައްކާލާއިރު، ތަރައްގީވަމުން އަންނަ ދަތުރުފަތުރުގެ މަންޒަރު މިއަދު ފަތުރުވެރިން ހޯދަނީ ހެޔޮ އަސަރުތަކެއް ކުރާ ތަފާތު ތަޖުރިބާތަކަކުން ކަމަށެވެ.

"މި މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑުމެން މި ދަނީ ލަގްޒަރީ ޓޫރިޒަމް އަލުން މާނަކޮށް، ތަފާތު، އެންމެ ޒަމާނީ ތަޖުރިބާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދެމުން،" ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވައި އިނޮވޭޓިވް ޕާޓްނަޝިޕްތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ މުހިންމުކަން ހާމަކުރައްވާ ނޫރައިން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޗެއާޕާސަން ނޫރައިންގެ ވާހަކައިގައި ވަނީ އެ ކޯޕަރޭޝަނުގައި މީގެ ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންގެ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަން ކުރައްވާފަ އެވެ. އެ ފަރާތްތަކުގެ ބުރަ މަސައްކަތުން މިހާރުގެ ކާމިޔާބީގެ ބިންގާ އެޅިފައިވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިން އަންނަ މިންވަރު ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރަށް ވުރެ 15.3 އިންސައްތަ އިތުރުވެފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް 2024 ގައި ރާއްޖެއަށް ވަނީ ވަރަށް ޝަރަފުވެރި ކާމިޔާބީއެއް ލިބިފަ އެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ޖެހިޖެހިގެން 17 ފަހަރު، އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަންގެ ގޮތުގައި 9 ފަހަރު އަދި އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 6 ފަހަރު ރާއްޖެއަށް ވަނީ ލިބިފަ އެވެ. 

މި އާއެކު އިންޑިއަން އޯޝަންސްގެ ލީޑިން ގްރީން ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވާ ނޫރައިން ވަނީ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ރާއްޖޭން ކުރާ ބުރަ މަސައްކަތަށް ބަލާއިރު، ތަފާތު ލަގްޒަރީ ތަޖުރިބާތައް ފަތުރުވެރިންނަށް ފޯރުކޮށްދެވޭކަމީ ލިބިގެންދާ އުފަލެއް ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް