ރާއްޖޭގެ މިނިވަންކަމަށް 50 އަހަރާއި ދިމާކޮށް 2015 ވަނަ އަހަރު ހެދި ފާލަން މަރާމާތަށް ބަންދުކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި އެ ސަރަހައްދު ވަށާ ފެންސު ޖަހާ ފާލަމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
އިއްޒައްދީން ފާލަމަށް ގެންނަނީ ކޮން ބަދަލުތަކެއްކަމެއް ނުވަތަ އެކަމަށްް ހިންގަނީ ކިހާ ހަރަދެއްކަމެއް ސަރުކާރަކުން ރަސްމީކޮށް ނުބުނެއެވެ. އެހެންނަނަމަވެސް ފާލުމުގެ މަސައްކަތް ކުރާ އެމްޓީސީސީން އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ބޯޑަކުން މި ހުރިހާ މައުލޫމާތު އެބަ ލިބެއެވެ.
އެބޯޑުގައިވާ ފާލަމުގެ ކުރެހުމަށް ބަލާލުމުން މިހާރު ރިޔާތަކެއް ހެން ސިފަވާ އިއްޒައްދީން ފާލަމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އައު ފާލަމުގެ ކުރެހުން ވައްތަރީ ރާއްޖޭގެ ފުރަތަމަ ރައީސްް މުހައްމަދު އަމީން އެޅުއްވި ރަސްމީ ފާލަން ހުރި ގޮތާއިއެވެ. މުޅިން ލަކުޑިން ހަދާފައިވާ އެ ފާލަމުން ދިވެހިންގެ މަސައްކަތްތެރިކަމުގެ ވައްޓަފާޅި އާއި ހުނަރު ފެންނަ ހުއްޓެވެ. މީގެ އެތައް އަހަރެއް ކުރިން ފެންނަ ހުރި ގޮތަށް ފާލަން ބަދަލުކުރި ނަމަވެސް ބަދަލު އަންނަނީ ފާލަމުގެ މަތީ ބަޔަށްް އެކަންޏެވެ.
ރައީސް އަމީންގެ ދައުރުގައި ހުރި ފާލަން ނަންގަވާ އެ ފާލަމަށް ބަދަލު ތަކެއް ގެންނެވީ ރައީސް މައުމޫނެވެ. އެ ފަހަރު ބަދަލުތައް ގެންނެވީ 1980 ވަނަ އަހަރު ފާހަގަކުރި ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ވީ މުނާސަބަތާއި ދިމާކޮށެވެ.
އޭގެ ފަހުން ފާލަން މިހާރު ފެންނަ ގޮތަށް ބަދަލުކުރީ އޭގެ 25 އަހަރު ފަހުން 2015 އަހަރުއެވެ. މި ފާލަން ހަދާފައިވަނީ ދަގަނޑު ބޭނުންކޮށްގެންނެވެ. ދިވެހި ރިޔާ ދޯންޏެއް ސިފަވާގޮތަށް ހިޔާކޮށްފައި ހުރީ ކެވްލަރ ކިޔާ ބާވަތުގެ ސަތަރި ބޭނުންކޮށްގެންނެވެ. ޗައިނާގެ ސަރުކާރުގައި އެހީގއި ހެދި ފާލަމުގައި ދަބަރު ޖަހާ ހުރީ ވަރަށް ބޮޑަށް މަރާމާތައް ބޭނުންވެފައެވެ.
ރަސްމީ ފާލަން އެންމެ ކުރީގައި ފެނުނު ގޮތަށް ބަދަލުކުރަން 11.7 މިލިއަން ރުފިޔާ ހަރަދުވާކަމަސް މަސައްކަތް ކުރާ އެމްޓީސީސީން ބުނެއެވެ. މި ފާލަމުގެ މަސައްކަތް މިހާރު ކުރަމުން އައި ނަމަވެސް ފާލަމުގެ މަސައްކަތް ނިމޭނެ ތާރީހެއް އަދި ސަރުކާރަކުން ހާމައެއް ނުކުރެއެވެ.