ހާރިޖީ ވަޒީރު މުސާ ޒަމީރު މީހާރު ގަތަރަަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްޘާނީއާ ބައްދަލުކުރައްވައިފިއެވެ.

Advertisement
ހާރިޖީ ވުޒާރާއިން ބުނީ ވަޒީރުގެ މިމަހުގެ 11 އިން 13 ކުރައްވާ މި ދަތުރުގައި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެކަމަށެވެ.
ޒަމީރު ވަނީ މިއަދު ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްޘާނީއާ ބައްދަލުކުރައްވާ މަޝްވަޜާކުރައްވާފައެވެ. ޒަމީރު ވިދާޅުވީ ކުރިއަށް އޮތްތާނގައި، ތަރައްޤީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށެވެ. ދެޤައުމުގެ މަސްލަހަތު ހިމެނޭ ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ދާއިރާތަކުން ބިނާކުރަނިވި ގޮތެއްގައި ގުޅުން ބަދަހިކުރެއްވުމަށް ގަތަރު ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
ހާރިޖީ ވަޒީރު މުސާ ޒަމީރު، ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްޘާނީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ވަޒީރުގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް ޑރ ފަޒީލް ނަޖީބާއި އެސިސްޓެންޓް ޑިރެކްޓަރ ލަމްހާ ސަލީމް މި ދަތުރުގައި ބައިވެރިވެޑައިގަންނަވައެވެ.
މިއަހަރަކީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ގުޅުމަށް 40 އަހަރު ފުރޭ އަހަރެވެ.