މި މެޗު އޮސްޓްރޭލިއާ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގިނަ ހަމަލާތަކެއް އުފައްދައި މޮޅަށް ކުޅެމުން ދިޔައީ ތުރުކީންނެވެ.
އެގޮތުން އެ ޓީމުން ވަނީ 28 ހަމަލާއެއް، އޮސްޓްރޭލިއާގެ ގޯލަށް ފޮނުވާލައިފައެވެ. ގިނަ ހަމަލާތައް ދިފާއު ކުރީ އޮސްޓްރޭލިއާގެ ކީޕަރު އަދި މުބާރާތުގައި މުޅިން އަލަށް ކުޅޭ ޕެޓްރިކް ބީޗެވެ. އޮސްޓްރޭލިއާ އިން ވަނީ ލިބުނު މަދު ފުރުސަތުގެ ބޭނުން ހިފައި، ދެ ގޯލް ކާމިޔާބުކޮށް މެޗު އަނބުރާލައިފަ އެވެ.
ކެނަޑާގެ ވެންކޫވާގައި ހުންނަ ބީސީ ޕްލޭސް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި އޮސްޓްރޭލިއާ އިން ފުރަތަމަ ލީޑުނެގީ މެޗުގެ 27 ވަނަ މިނިޓްގަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ކްލަބް ވަޓްފޯޑަށް ކުޅެމުންދާ ހުނަރުވެރި ފޯވާޑް ނެސްޓޯރީ އިރަންކުންޑާ އެވެ.
މިމެޗުގައި އޮސްޓޭލިއާއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޯނަރ މެޓްކަލްފް އެވެ. މިމެޗުގައި ތުރުކީޔޭއިން ނަތީޖާ ހަމަހަމ ކުރެވޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އޮސްޓްރޭލިއާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.
މެޗުގެ 85 ވަނަ މިނެޓުގައި ވެސް ހިލޭ ޖެހުމަކުން ތުރުކީން ނުރައްކާކުރި އެވެ. ހިލޭ ޖެހުމުން ތުރުކީ ކެޕްޓަން ޗަލަނޯލޫ ފޮނުވާލި ބާރު ހަމަލާ ވެސް އޮސްޓްރޭލިއާގެ ކީޕަރު ބީޗް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.
ފަހުރުވެރި މާޒީއާ އެކު ނުކުތް ތުރުކީއަށް މި ފަހަރުގެ ފެށުން މި ވަނީ ހައިރާންކުރަނިވި ގޮތަކަށް ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. މި ގްރޫޕުގައި ކުޅުނު ފުރަތަަމަ މެޗުގައި އެމެރިކާއިން ވަނީ ޕެރަގުއާއީ ބަލިކޮށްފަ އެވެ. އެ މެޗުން އެމެރިކާ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. އޮސްޓްރޭލިއާ އިން މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގަދަ 16 ބުރުގައި ވާދަކުރި އެވެ. އަދި، މި ފަހަރުގެ މުބާރާތުގައި ވެސް ނޮކައުޓް ބުރަށް ދިއުމުގެ ފުރުސަތު އެ ޓީމަށް މި އޮތީ ފަހިކޮށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;