ads
ދޫކޮށްފައި ނުދާށޭ.. - ދެ ވަނަ ބައި
އެޕިސޯޑް 2
Advertisement

ބުރާސްފަތި ދުވަހުގެ ބަޔާ ގުޅޭ

ބިންދާލި ރާޅު ސީދާ އަމާޒުވީ ގަސްކަރައަށެވެ. އަކިރިގަނޑު ތެރެއިން، ފޮނުގަނޑު ދެމިގަތީ އަލީޒީވެސް ގޮވައިގެންނެވެ. ނަމަވެސް މާދުރަކަށް ނޫނެވެ. ކުރެދިގަހުގެ އޮފިގަނޑެއްގައި ހިފެހެއްޓުނީ ބޭއިޚްތިޔާރުގަ އެވެ. ލިބުނު ސިހުމާއެކު ތެޅެގަނެވުނީ މާބާރަށެވެ. ކުރެދިގަހުގެ ތޫނު ހޯލިކޮޅެއް އޭނާގެ އަތަށް އަނިޔާވެރިކަމާއެކު ހަމަލާއެއްދިނީ އެވަގުތުއެވެ. ތުނިތުނި ހަންގަނޑުގެ ތެރެއިން ހޯސްލާފައި ލޭ އަންނަން ފަށައިފި އެވެ. ނަގަންފެށި ދިލައާއެކު ޚިޔާލުގެ ދުނިޔެއިން އަލީޒީއަށް ނިކުމެވުނުއިރު ޖައްވުގައި ފަނޑު އަލިކަމެއްވިއެވެ. އަމާންކަމެއް ކަމުގައި ދެކެވުނު ކުރެދިގަސްވެސް އެދިނީ އޭނާއަށް އަނިޔާއެކެވެ. އެތަނުގައިވެސް އަލީޒީއަށް ރައްކާތެރިކަމެއް ނެތެވެ. ކޮންމެ މަންޒިލަކީ ވަގުތީއެއްޗެކެވެ. 

ވެހެމުންދިޔަ ކެރިގަނޑު ތުނިކޮށްލައިފިއެވެ. އަޑުގަދަކޮށްލާފައި ބިންދަމުންދިޔަ ރާޅުތައްވެސް މައިތިރި ވެއްޖެއެވެ. ވަށައިގެން ބަލައިލެވުނީ އަލީޒީއަށް އިނދެވުނު މާހައުލަށެވެ. ވާރޭގެ ތޫފާނަށްފަހު މުޅި ޖައްވު ދޮވެ ސާފުކޮށްލައިފި އެވެ.

ތެދެކެވެ. ވިއްސާރައަކީ ރަޙުމަތެކެވެ. ނުސާފު ކިތަންމެ އެއްޗެއް ޤުދުރަތީގޮތުން ދޮވެ، ސާފުކޮށްލައެވެ. ދިރުމެއް ނެތް ކިތަންމެ އެއްޗެއްގެ ދިރުން ގެނުވައެވެ. ޚަރަދަކާއި ނުލައި ސާފު ބޯފެންފޮދު ﷲގެ މަޚްލޫގުންނަށްޓަކައި އެކަލާންގެ އޯގާވަންތަ ރަހްމަތްފުޅުން މިންވަރު ކުރައްވައެވެ. ކޮންމެ ހަނަފަސް މޫސުމަކަށްފަހު ދުނިޔެއަށް ދިރުން ގެނެސްދެއެވެ. ގޮވާމާއި އެހެނިހެން ތަކެތި އާލާވެއެވެ.

ބުނާއަޑުއިވެއެވެ. ވިއްސާރައަކީ ލޯބިވެރިންގެ އެންމެ ކާމިޔާބު މޫސުމެވެ. އެއީ އެމީހުންގެ އުފާވެރިކަމާއި ދިރުމެވެ. ހަގީގަތަކީ ހަމައެކަނި އަލީޒީގެ ހިތާއި ސިކުނޑިއާއި ނަފުސު ފިޔަވައި މިދުނިޔޭގެ ހުރިހާ ނުސާފު ކަމެއް ވިއްސާރައިގައި ނުވަތަ ޠޫފާނުގައި ސާފުކޮށްލުން ހެއްޔެވެ؟

މިދުނިޔޭގައި ހަމްދަރްދީވާނެ ހަމަ އެންމެ މަޚްލޫގެއްވެސް އަލީޒީއަށްޓަކައި ނުވަނީ ހެއްޔެވެ؟ މޫނުމަތީގައި ހުރަހަކަށްވެފައި އޮތް އިސްތަށިގަނޑު އަތު ތެރޭގައި ފަރުވާކުޑަ ގޮތަކަށް އޮޅާލުމަށްފަހު ހުޅިއެއް ޖަހައިލި އެވެ. ގަސްދޮށުން ނިކުމެ ގޮނޑުދޮށާއި ގާތްވެލީ އަތުން އަންނަމުންދިޔަ ލޭ ސާފުކުރުމަށެވެ.

ޝައުގުވެރިކަމެއް ނެތަސް ގޮނޑުދޮށަށް ބަލައިލެވުނެވެ. ވަލުތެރެއިން ގޮނޑުދޮށަށް އެޅިފައިހުރި ހުރިހާ ކުންޏެއް ސާފުވެ، ހުދުއަކިރިތަކާއި ކުދިގާތަކާއި ދޮންވެލިގަނޑު ކިތަންމެ ހާވެސް ސާފެވެ. އެ ތަސްވީރުންވެސް އަމާންކަމެއް އިހްސާސްނުވީ އަލީޒީއަށެވެ. ގަސްކަރަބޮޑު ބިޔަ ޖަންގަލީގެ ތެރެއިން ރަށުގެ އެންމެ ނާމާން ހިސާބު، ފުއްޓަރަށް އާދެވުނީ އަނދިރި ރޭގަނޑުގެ ކޮންދަމެއްގައި ކަންވެސް އޭނާއަށް ނޭގެއެވެ. ލޮލުގެ ނަޒަރު ހުއްޓުނީ ލިބިފައިވާ ޒަޚަމްގެ ތެރެއިން އޮހޮރެމުންއައި ލޭގެ ކޯރަށެވެ. މާޒީގެ ސަފްޙާތަށް ލޯކުރިމަތީގައި ސިފަ ނުވާންވީ ސަބަބެއް މިވަގުތު ނެތެވެ.

...............

ނިދިފައިކަމެއް ނުވަތަ ހޭލެވިފައިކަމެއް ނޫނީ ހަށީގައި ފުރާނަހުރިކަމެއްވެސް ނޭގޭ ހާލުގައި ވެއަތުވެ ދިޔައީ ކިތަށް ގަޑީރުކަމެއް ނޭގެއެވެ. އެހާލުގައި އެއޮތީ ކިތައް ދުވަހު ކަމެއް ޚުދު އަލީޒީއަށްވެސް ނޭގެއެވެ. އިހްސާސްކުރެވެމުންދިޔައީ އޭނާގެ ދެއަތުގައި އަޅަމުންދިޔަ ވޭނާއި ހަށިގަނޑަށް ޕިންތަކެއް ޒާތުގެ އެއްޗެހިތަކެއް ހެރެމުންދިޔަކަމެވެ.

ކޮންމެ ނާރެއްގެ ރިހުން ބުނެދެވޭނެ ދުލެއް މިއުޑުދަށުގައި ނުވާނެއެވެ. ކަރުތެރެ ފާރުވެފައިވުމުން ހިންދިރުވާނެ ބާރެއްވެސް ނެތެވެ. ކަތުރުކަށިގަނޑުގައި ރިހޭރިހުން ބަޔާންކުރެވޭނެ ގަލަމެއް އުފައްދާފައި ނުވާނެއެވެ. ލޮލުގެ އެސްފިޔަތައް ދުރެއް ނުކުރެވުނެވެ. ޔަގީނުންވެސް ސިކުނޑީގައި އަދި ދިރުމެއް އެބަހުއްޓެވެ. ހިއްސުތައް ކޮންމެވެސް ވަރަކަށް މަސައްކަތްކުރެއެވެ. އެހެން ނޫންނަމަ މި ރިހުން އިޙްސާސެއް ނުވީހެވެ.

ދެ އަތް އޮތީ ބަނދެފައެވެ. ފައިގެ އިނގިއްޔެއްވެސް ހަރަކާތެއް ނުކުރެވުނެވެ. ހަށިގަނޑުގެ ވަކިވަކި ގުނަވަންތަކުން ތޫނު ދިލައެއް އަރައެވެ. ދަށްބަނޑުމައްޗަށް ބޮޑު ހިލައެއް އަރުވާފައި އޮތަސް ތަދުނުވާނެވަރުގެ ގަދަ ރިހުމެއް ހުއްޓެވެ.  ކުކުރާލާނެ ހިތްވަރުވެސް ނެތެވެ. ލޮލުގައި ތެތްކަމެއް ނެތުމުން ކަރުނައެއްވެސް ނައެވެ. ކަޅި ހިންގާލާނެ ބާރެއްވެސްނެތީއެވެ. ތަހަންމަލްކުރާން ކެތްނުވާފަދަ ތޫނު ދިލައެއް ނަގަމުން އެދަނީ، އެ ދެލޮލުން ލޭހިލިފައި ވާތީ ހެއްޔެވެ؟ ތުންފަތް ދުޅަވެ، 'އަންހެންވަންތަ ގުނަވަންތަކު'ގެ ބޭނުންކެނޑިފައިވާކަމުގެ އިހްސާސްކުރެވެނީ، ހަށިގަނޑާއި ފުރާނަ ވަކިވެފައިވާތީ ހެއްޔެވެ؟

ދިރުމެއް ނެތް މަސްގަނޑަކުންވެސް ހީބިހިނަގާފާނެކަން އަލީޒީ ގަބޫލުކުރަން މަޖުބޫރުކުރިއެވެ. ހަށިގަނޑުގައި އަންނައުނެއްގެ ޒައްރެއްގެ މިންވަރުވެސް ނުހައްދަވާކަން ސިކުނޑި ބުނެދީފި އެވެ. އަޑުން އަޑުނަގާ ރޯން ބޭނުމެވެ. އެތައް މޭލެއް ދުރުގައިތިބި ގިނަބަޔަކަށް އަޑުއިވޭވަރަށް އެހީއަށްއެދި އަޑު އުފުލާން ބޭނުމެވެ. ނަމަވެސް އާހްގެ އަޑެއްވެސް ދުލުން ބޭރުނުވިއެވެ. ނުވަތަ ތުންފަތުގެ ދުޅަކަމާއި މޫނުމައްޗަށް ލިބިފައިވި އަނިޔާގެ ސަބަބުން ބަސްމޮށުންތެރިކަން އަލީޒީއަށް ގެއްލުނީ އެވެ.

ފާއިތުވެ ދިޔައީ ހުވަފެނީ ވަގުތުތަކެއް ހެއްޔެވެ. ނުވަތަ އެއީ ހުވަފެނީ ދުވަސްތަކެއް ހެއްޔެވެ؟ މަންމައާއި ބައްޕަ ކޮބައި ހެއްޔެވެ؟ އަލީޒީއަށް މިއޮވެނީ އެމީހުން ނެތް ދުނިޔެއެއްގައި ހެއްޔެވެ؟ ދުނިޔޭގެ ނިމުން ފެންނަނީ މިފަދައިން ހެއްޔެވެ؟

"އަ  ލީ  ޒީ.. އަ  ލީ  ޒީ.. އަ  ލީ  ޒީ ... އަ  ލީ  ޒީ"

އެއީ އެ އަޑެވެ. ގަތްފައިހުރި ބިރާއި އެކުވެސް އެވަގުތު ނުވަތަ އެ ރޭ ނޫނީ އެ ދުވަހުވެސް އަލީޒީއަށް އެއަޑު އިވުނެވެ. ތަކުރާރުކޮށް އެތައް ފަހަރަކު އިވުނެވެ. އޭގެ ފަހުން ހަޔާތުން ވެއަތުވާ ކޮންމެ ދުވަހަކާއި ކޮންމެ ރެއަކު އެތައް ފަހަރަކު އެއަޑު އިވެއެވެ. މަލާމާތާއި ފުރައްސާރައިގެ ރާގުތަކުގައެވެ. ބައެއް ފަހަރު ގަދަ ހުނުމުގެ އަޑާއެކުއެވެ. އަނެއްބައި ފަހަރު އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުކަމުގެ ތެރެއިންނެވެ.

ތިންމީހެއްގެ އަޑު ނުވަތަ އެއަށްވުރެން ގިނަ ބައެއްގެ އަޑު ސިކުނޑީގެ ތެރޭގައި އެބަހުއްޓެވެ. އެހާދިސާގެ ކުރިން އެއަޑުތައް އިވިފައެއް ނެތެވެ. ނުވަތަ އެ ދުވަސްތަކުގެ ކުރީން އެ ހުވަފެންތައް ފެނިފައެއް ނުވެއެވެ. އެތައް ބައިވަރު ފުރައްސާރައިގެ ބަސްތަކާއި މަލާމާތުގެ އެތައް އިބާރާތްތަކެކެވެ. ދުވަހަކުވެސް ދެކަންފަތުން އަޑުއަހާފައިނުވާ ހަޑިހުތުރު ބަސްތަކެވެ. އިރުއިރުކޮޅުން އެ ހަރައިލާ ތޫނު ކަށިތަކެވެ. އޭގެ ތެރެއިން ހަށިގަނޑުގެ ކޮންމެ ނާރަކަށް އެފޮނުވާލާ ބާރުގަދަ ވިހައިގެ އަސަރުން ފުރާނަ ގޮސްފައި ފުރާނަ އެޅެނީ ކިތައް ފަހަރުކަން އަލީޒީއަށް ބުނެދޭނެ މީހަކުވާނެ ހެއްޔެވެ؟

ހުވަފެނުގައި ނުވަތަ ދެބަދޭތެރޭގައި ނުވަތަ އެނޫންވެސް ގޮތަކުން އެއަޑުތަކާއި މަންޒަރުތައްވަނީ އަލީޒީގެ ކަންފަތާއި ސިކުނޑިއަށް ވިހަލާފައެވެ. ލޮލުން އެމަންޒަރުތައް ދެކެން އެސްފިޔަތައް ހުއްދަ ނުކުރީ ކީއްވެ ހެއްޔެވެ؟ މިނޫން އިތުރު ވޭންތަކެއްވެސް އަދި ކުރިއަށް އޮތީ ހެއްޔެވެ؟

ދެލޯ މަރާލެވުނީ ކޮންވަގުތަކު ކަމެއް ނޭގުނެވެ. އަނެއްކާވެސް އެއިވުނީ އެ އަޑެވެ. 

" އަ  ލީ  ޒީ.. އަ ލީ  ޒީ... އަ   ލީ   ޒީ"

އެއީ ލިއަމްގެ އަޑެވެ. ތަފާތަކީ މިގޮވާލުމާއި ސްކޫލުން ދިމާވެގެން ނުވަތަ މަގުމަތީން އޭނާ އަލީޒީއަށް ގޮވައިލާ ގޮތާއި ރާގު ހެއްޔެވެ؟ ނުވަތަ އެ ގޮވާލުމުގައި ފޮރުވިފައިވާ މާނަ ހެއްޔެވެ؟ ނޫނީ މަލާމާތާއި ފުރައްސާރައިގެ ރަހުމުކުޑަ އަމަލުތަކުގެ ކާމިޔާބު ފާހަގަކުރަނީ ހެއްޔެވެ؟

"އަލީޒީ.. އަލީޒީ.. އަލީޒީ.." އައިޝާގެ  ދެއަތުގައި ހުރި ބާރެއް ލާފައި އަލީޒީގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. ދިރުމެއް ނެތް މަސްގަނޑެއް ފަދައިން އަލީޒީގެ ހަރަކާތް ހުއްޓިފައިވި އެވެ.  

އިރުއެރިގޮތަށް އަހަރެން ދުވެފައި ދިޔައީ އަލީޒީ ކޮބައިތޯ ބަލަން.. ކޮޓަރިވެސް ހުރީ ތަޅުނުލާ... އެހެންވެ ފާޚާނާގައި އުޅެނީ ކަމަށްހީކޮށް ގޮވައި ވެސްނުލައި އަހަރެން މަޑުކުރީ.. އެކަމަކު ބައިގަޑީރުވީއިރުވެސް ޚަބަރެއް ނުވެގެން އެތެރެއަށް ވަދެފައި ބެލީ.. ކޮޓަރިއަކު ނެތް.. ފާޚާއަކު ނެތް.. އަހަރެން ހާސްވާނެވަރު އަލީޒީއަށް ވިސްނޭތަ؟" މާނޭވާލެވިފައިވާ އަޑަކުން އައިޝާ ވާހަކަދެއްކި އެވެ.

"ގަތްބިރުން ދެން ދުވެފައި ދިޔައީ ސިއްހީ މަރުކަޒައް.. އެތަންވެސް ހުރީ ބަންދުކޮށްފައި.. ވިސްނާ ވިސްނާވެސް ނޭގުނު މިއޮތް ހެނދުނު އަލީޒީ ދާނީ ކޮންތާކަށްކަމެއް... ދެން އަނބުރާލާފައި ގެއަށް ދަމުން މިދިމާއަށް ބަލައިލެވުނީ އަންހެނަކު އެކަނިމައި އެކަނި މިފަދަ ދުވަހެއްގެ މިގަޑީގައި އަންނަތަން ފެނުނީމައި.. އެއީ އަލީޒީ ކަމަށް ގަބޫލުނުކުރެވިގެން ބަލަހައްޓައިގެންވެސް ހުރެވުނު.. އެހެންދޯވާނީ.. ރޭގެ ޠޫފާނަށްފަހު، މިކަހަލަ ދުވަހެއްގައި މިހައި ހެނދުނާ ގޭތެރެއިން ނިކުނާންވެސް މީހަކު ބޭނުންނުވާނެ.. އަހަރެން ރޭގައިވެސް އެތައް ފަހަރަކު ގުޅިން.. ހީކުރީ ނިދުނީކަމަށް.. އެހެންވެ އަހަރެންވެސް ނިދީ.. ފަތިސްނަމާދަށް ހޭލާފައި ފުރަތަމަވެސް ގުޅީ އަލީޒީއަށް.. އޭރުއޮތީ ފޯނު ނިވިފައި.. ކެރިގަނޑު ކަނޑާނުލަނީސް ގެއިން ނުކުމެވޭނެ އެއްގޮތެއްވެސް ނެތް.. ކަކޫތާފެނަށް އެރިގެން ބަކަތަޅަމުން އައިއިރު ކަމަނާ ގެއަކު ނެތް! ސިއްހީމަރުކަޒަކު ނެތް! އަހަރެން ކިރިޔާ މޮޔަނުވީ"  

އައިޝާގެ އިހްސާސްތައް އޭނާ ފައްޗަކަށް އަމުނާލިއެވެ. އެއީ އާދައެވެ. އަނގަގަދަ މިތުރެއްގެ ދައުރު  އަދާކުރަން އޭނާއަށް މަޖުބޫރެވެ. އަލީޒީއަށް ޓަކައެވެ. އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ ނާޒުކުވަގުތެވެ. ދުނިޔޭގައި އެކަނިވެރި ވެފައިވާ ހިތްވަރުގަދަ އަންހެނެކެވެ. މީހަކަށް ދުވަހަކު ބަދުބަހެއް ނުބުނާ ހިތްހެޔޮ  މަޑުމައިތިރި އަޚެކެވެ. ލޭގެ ގުޅުމެއް ނެތަސް، އަލީޒީއަކީ އައިޝާއަށް ލިބިފައިވާ ދައްތައެކެވެ.

އަލީޒީގެ ހަރަކާތް ހުއްޓިފައިވާ ހަށިގަނޑަށް އައިޝާއަށް ބަލައިލެވުނީ ހިފަހައްޓައިގެން ހުރި ކޮނޑުގެ ފިނިކަން އޭނާއަށް އިހްސާސްވި ވަގުތެވެ. އައިޝާގެ ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވި އެވެ.

" ވަޓް... ދަ.... ހ* އަލީޒީ!؟"

ކިތަންމެ ވަރަކަށް މޫދުގެ ލޮނުގަނޑުން ދޮވެގެން އަޔަސް، އަތަށް ލިބިފައިވާ ޒަޚަމުގެ އަސަރުން އަލީޒީގެ އަތުން ލޭތިކިތަޅަނީއެވެ. އައިޝާގެ އެއް އަތުން ޒަޚަމުގައި އަތްއެޅުނުވަގުތު، ފަރުވާތެރިކަމާއިއެކު މަޑުމަޑުން އަނެއް އަތް ބާއްވައިލީ އަލީޒީގެ ބަނޑުގައެވެ. އިރުކޮޅަކަށްފަހު މާނޭވާއެއް ދޫކޮށްލި އެވެ.

" އަލްޙަމްދު ލިއްލާހި..!" ދެ ލޯ މަރައި ތަގުޅިކޮއްލަމުން އައިޝާ ބުނެލިއެވެ.

އަލީޒީ އެއްޗެއް ނުބުނާނެކަން އެނގިހުރެވެސް އޭނާގެ ސުވާލުތައް ހިމޭންކުރާން އައިޝާ ނުކުޅެދުނެވެ.

"ކިހިނެތްވެފަ ތިހުރީ؟ ކޮންފަދަ ބޮޑު ޒަޚަމެއް މިއީ؟ ތަދެއްވެސް ނުވޭތަ؟ ދިލައެއްވެސް ނުނަގާތަ؟" އައިޝާ ފެންކަޅިވިއެވެ. އިރުކޮޅަކަށްފަހު އަނެއްކާވެސް ވާހަކަދެއްކީ އައިޝާއެވެ.

"މުޅިމީހާ ނޫފައިގަތްފަ! ތުންފަތްވެސް ތިހުރީ ކުލަ ބަދަލުވެފައި.. ދެއަތާއި ދެފައިވެސް މޭލިބޮއެފައި.. މުޅިމީހާ ތިހިރަ ތުރުތުރުއަޅަނީ.. ސުބުހާނައްﷲ.. މިވަރުކަމެއް ހިނގާދިޔައިރު ބުނެލުމުގެ ހައްގެއް ވެސް ނެތްވަރުގެ ދުރު މީހެއްތަ އަހަރެންމީ؟" 

ރޮއެގަތްފައި އަލީޒީގެ ހަށިގަނޑުގައި އައިޝާ އެއް އަރިޔަކަށްވާގޮތަށް މަޑުމަޑުން ބައްދާލި އެވެ. އެކުވެރިޔާއަށް ރައްކާތެރިކަމެއްގެ ގޮތުގައެވެ. އިރުކޮޅަކަށްފަހު އަލީޒީގެ އަތުގައި ހިފައިގެން އައިޝާ ހިނގައިގަތީ އަވަސްގޮތަކަށް ރަށުތެރެއަށް ދެވޭތޯއެވެ.

އަލީޒީގެ ހިތާމައިގެ އަސްލަކީ ކޮބައިކަން ނޭގުނަސް، އެކުވެރިޔާ ކުރަމުންގެންދާ ހިތާމައަކީ ދުނިޔޭގެ ކޮންމެކޮންމެ މީހަކަށް އުފުލޭނެ ވޭނެއް ނޫންކަން އައިޝާއަށްވަނީ އެކިފަހަރުމަތީން ގަބޫލުކުރެވިފަ އެވެ. ވެދެވުނު ކޮންމެ އެހީތެރިކަމެއް ކޮންމެ ވަގުތެއްވިޔަސް ވެދިނުމަށް އައިޝާވަނީ އަޒުމުކަނޑައަޅާފަ އެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް