ސައުދީ ފަންޑުގެ އެހީގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތައް އިފުތިތާހުކޮށްފައި ވަނީ އެކަމަށް ޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މިނިސްޓަރު މުހައްމަދު ޝަފީގުގެ ވާހަކަފުޅުގައި ވަނީ ސައުދީ އަރަބިއްޔާ އާއި ރާއްޖެ އާ ދެ ގައުމުގެ ދެމެދުގައި އޮންނަ ޑިޕްލޮމެޓިކް ގުޅުންތައް އުފެދިފައި ވަނީ މީގެ 40 އަހަރު ކުރިންކަން ފާހަގަކުރައްވާފަ އެވެ. މި ގުޅުން ބިނާވެފައި ވަނީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމާއި އިތުބާރާއި އަދި އެއްބަނޑު އެއްބަފާކަމުގެ މައްޗަށް ކަމަށް ޝަފީގު ވިދާޅުވި އެވެ.
ޝަފީގު ވިދާޅުވެފައި ވަނީ ސައުދީއަކީ ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ހިތުގައި ވެސް ހާއްސަ ޖާގައެއް ހޯދާފައިވާ ގައުމެއް ކަމަށެވެ. މިނިސްޓަރު ވަނީ ފަސް ބްރިޖް ނިންމުމާއި ހާއްސަކޮށް ހުޅުމާލެ ދެ ފިޔަވަހި ގުޅުވައިދޭ ހަތަރު ޗެނަލް ބްރިޖް ނިންމުމަކީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން މި ތަރައްގީގެ މަޝްރޫއުތައް ރަމްޒުކޮށްދެނީ ރާއްޖެ އާއި ސައުދީ އާ ދެމެދު އޮންނަ ހަރުދަނާ ގުޅުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި ޗެނަލް ބްރިޖުގެ ޑިޒައިނުން ދައްކުވައިދެނީ ދެ ގައުމުގެ މެދުގައި އޮންނަ ދާއިމީ އަދި އަހުވަންތަ ގުޅުން ކަމުގަ އެވެ.
މި މަޝްރޫއުތައް ހަގީގަތަކަށް ހަދައިދިނުމަށް މަސައްކަތްކުރި އެންމެހާ ބޭފުޅުންނަށް ޝަފީގު ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. އެގޮތުން ސައުދީ ފަންޑާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި އެ ކޯޕަރޭޝަނުގެ ޓީމުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާކަން ޝަފީގު ވަނީ ފާހަގަކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި ފަޒުލް ދެއްކެވި ވާހަކައިގައި ވަނީ ހުޅުމާލޭގައި ކަނެކްޓް ކުރަމުންދާ ބްރިޖްތަކާއި ޗެނަލްތަކަކީ ކުރިއަށް އޮތް ތަނުގައި ހުޅުމާލޭގެ ތަރައްގީއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.