ސައުދީ ފަންޑުގެ ސީއީއޯ މަރުޝަދު މިހެން ހާމަކޮށްފައި މި ވަނީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތައްކަމަށްވާ ހުޅުމާލެ ފޭސް 2 ގެ ކަނެކްޓިން ބްރިޖުތައް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި އެސްއެފްޑީގެ ފަރާތުން ސޮއި ކުރުމަށްފަހު އެސްއެފްޑީގެ ވެރިޔާ ރިޔާ ސުލްތޯން އަލްމަރްޝާދު ވިދާޅުވީ މިއަދު ސޮއިކުރި މި 100 މިލިއަން ޑޮލަރާއެކު ރާއްޖޭގެ އެއާޕޯޓް ނިމި އެއާކާގޯ ހިދުމަތް ފުޅާވެ ހަތް މިލިއަން ފަސިންޖަރުންގެ އެއާޕޯޓެއް ނިންމަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ ކަމަށެވެ.
ސައުދީ ފަނޑުން ރާއްޖެއަށް 7.2 ބިލިއަން ރުފިޔާގެ އެހީދީފައިވާކަމަށް ފާހަގަކުރުމުގެ އިތުރުން މަރުޝަދު ވަނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެއިތުރުން ފާއިތުވި 47 އަހަރުގެ ތެރޭގައި ސައުދީ ފަންޑުން ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބޭއްވި ކަމަށް ފާހަގަކޮށް މަރުޝަދު ވަނީ ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅައިލުމުގެ މަޝްރޫއަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވެފަ އެވެ.
ސައުދީ ފަންޑުގެ ސީއީއޯ އިތުރަށް ވިދާޅުވީ ހުޅުމާލޭގެ ބްރިޖްތައް އެޅުމުގެ އިތުރުން ރާއްޖޭގައި ހިންގާ ފެނާއި ނަރުދަމާ އާއި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައިވެސް ސައޫދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
ސައުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިޔާތުގައި ފައިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވަނީ ސައުދީއަކީ ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ހިތުގައި ވެސް ހާއްސަ ޖާގައެއް ހޯދާފައިވާ ގައުމެއް ކަމަށް ވިދާޅުވެފައެވެ.މިނިސްޓަރު ވަނީ ފަސް ބްރިޖް ނިންމުމާއި ހާއްސަކޮށް ހުޅުމާލެ ދެ ފިޔަވަހި ގުޅުވައިދޭ ހަތަރު ޗެނަލް ބްރިޖް ނިންމުމަކީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށްވެސް ވިދާޅުވެފަ އެވެ.
ސައޫދީ ފަންޑުން ރާއްޖެއަށް ދޭ ލޯންތަކަކީ އަބަދުވެސް ލުއި އަދި ދިގު މުއްދަތުން ދައްކަން ވަގުތު ލިބޭ ގޮތަށްދޭ ލޯނު ތަކެކެވެ. މިހާތަނަށް 16 ލޯނެއް ދީފައިވެ އެވެ. މި ލޯނުގެ އަގު 400 މިލިއަން ޑޮލަރަށްވުރެ މައްޗެވެ. ސައުދީ ފަންޑުން ވަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން އަރައިގަތުމަށް ވެސް ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ދީފަ އެވެ.
ސައުދީ ފަންޑް ފޯ ޑެވެލޮޕްމަންޓުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުލް ރަޙްމާން އަލް މަރްޝަދާއި މިއަދު ވަނީ މަޝްވަރާ ވެސް ކުރައްވައިފަ އެވެ.