ads
ހުޅުމާލޭ ފޭސް 2 ބީޗު ސަރަހައްދުގައި ހުންނަ ހަޓުތައް: މި ތަންތަނުން އާންމުންގެ ގިނަ ބަޔަކު ހިދުމަތް ހޯދާ --- ފޮޓޯ: އެޗްޑީސީ
ފޭސް ދޭންގެ ބީޗު ސަރަހައްދުގެ ހަޓުތައް ބަދަލުކުރުމަށް ބިމެއް ހަމަޖައްސައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ޖަހާފައިވާ ހަޓުތަކާއި ގާޑިޔާތަކާއި، އަދި އެ ތަނުގައި ބަހައްޓާފައިވާ ތަކެތި ނަގަން އެންގުމަށް ފަހު އެ ތަަންތަން ބަދަލު ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިމެއް ހަމަޖައްސައިދީފި އެވެ.
Advertisement

އެ ކުންފުނިން މިއަދު ބުނީ ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ރުއްގަނޑު 3ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި މި މަހުގެ ނިޔަލަށް ބަދަލުކުރަން އެންގީ އެ ބިމުގެ އިމުގެ ތެރެއިން ހުސްކޮށް އޮތް ސަރަހައްދަށް ކަމަށެވެ.

އެ ސަރަހައްދުގައި ވަގުތީ ގޮތުން ހަދާފައިވާ ހަޓްތައް ބަދަލުކުރަނީ އެ ތަން އިތުރަށް ތަރައްގީކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުމަށެވެ. ނަމަވެސް މި ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީ އާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާ ކަން އެޗްޑީސީން ފާހަގަ ކުރި އެވެ.

އެ ސަރަހައްދު މިހާރު ބޭނުން ކުރެވެމުންދާ ގޮތުން ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ވެސް ގިނަ ދަތިތަކެއް ހުރި ކަން އެ ކުންފުނިން ފާހަގަ ކުރި އެވެ.

އެހެންކަމުން އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރަން އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެ ސަރަހައްދު ތަރައްގީކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ވީހާ ވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށާއި އަދި މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ ހުސް ބިންތަކުގައި މިހެން ވިޔަފާރި ކުރާ މައްސަލަ ދޭތެރެއަކުން ފެންމަތިވެ އެވެ. ދެވަނަ ފިޔަވަހީގައި މީހުން އާބާދުވީ ދުވަސްވަރު ވެސް އެތަނުގައި ގިނަ ވިޔަފާރި ހަޓުތައް ހެދި އެވެ. އެ ފަހަރު ވެސް ހަޓުތައް ރޫޅާލަން ޖެހުނީ އެޗްޑީސީންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް