
އައިސީސީގެ ޕްރޮސެކިއުޓަރު ކަރީމް ހާން މިއަދު ބުނީ ނަތަންޔާހޫގެ އިތުރުން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް ވެސް އެދިފައިވާނެ ކަމަށެވެ.
ހަމާސްގެ ލީޑަރުންގެ ތެރެއިން ހައްޔަރު ކުރަން އެދިފައި ވަނީ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރް އާއި ހަމާސްގެ މިލިޓަރީ ވިންގުގެ ކޮމާންޑަރު މުހައްމަދު ދިއާބް އިބްރާހިމް އަލް-މަސްރީ އަދި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ހެޑް އިސްމާއިލް ހަނީޔޭ އެވެ.
އައިސީސީން ބޭނުންވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާއާއި އޭގެ ފަހުން ގާޒާގައި ހިނގަމުންދާ ގަތުލު އާންމާއި އެއާ ގުޅުންހުރި ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ދައުވާ އެ މީހުންގެ މައްޗަށް އުފުލުމަށެވެ.
އައިސީސީގެ ފަނޑިޔާރުން ދެން ނިންމަން ޖެހެނީ މި މީހުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެވޭނެ ސަބަބުތަކެއް ހުރިތޯ އެވެ.
އިސްރާއީލަކީ އައިސީސީގެ މެންބަރު ގައުމެއް ނޫނެވެ. އެހެންވެ، ހައްޔަރު ކުރަން އަމުރު ނެރުނަސް ނަތަންޔާހޫއާއި ގަލަންޓްގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ ފުރުސަތު ކުޑައެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެފި ނަމަ، ދެ ލީޑަރުންނަށް ވެސް ބޭރު ގައުމުތަކަށް ދަތުރުކުރައްވަން ގޮންޖެހުންތައް ކުރިމަތިވެ، ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލް އިތުރަށް އެކަހެރިވާނެއެވެ.
ފަލަސްތީނުގެ ގާޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގެ ދަށުން, އެ ސަހަރުގެ އުތުރުގައިވާ އިތުރު ސަރަހައްދުތަކަށް ބަރުހަތިޔާރާއި އަސްކަރީ ޓޭންކުތައް ފޮނުވައި, އުދުވާންތައް ފުޅާ ކުރަން ފަށައިފި އެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ލާއިންސާނީ ހަމަލާތަކުގައި 64 މީހުން ޝަހީދު ކޮށްލާފައިވާއިރު, މުޅި އުދުވާނުގައި ޝަހީދު ކޮށްލި މީހުންގެ އަދަދު ވަނީ 35,386އަށް އުފުލިފަ އެވެ.