ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި މީގެ ހަ އަހަރު ކުރިން މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މި އަހަރުގެ ކުރީކޮޅުއެވެ. މުހައްމަދު އަނަސް، ފެންފިޔާޒުގޭ/ރ. މީދޫ، އަނިޔާވެރި ގޮތަކަށް މަރާލީ 31 ޖުލައި 2017ގަ އެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަތް މީހުން
- އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ
- އަހުމަދު ޒަޔާން، އަސުރުމާގެ/ ޅ. ކުރެންދޫ
- އުސްމާން ޝަރީފް / މ. ދިމިޝްގު
- ޖުނައިހު އަބްދުﷲ، ނަންނާރިގެ / ލ. ގަން ތުނޑީ
- ހަސަން މަހްފޫޒް، ވެސްޓަންވިލާ/ ސ. ފޭދޫ
- ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746
- މުހައްމަދު ޝާޒް، ގުލްފާމުގެ / ތ. ކިނބިދޫ
މި މައްސަލަތައް ކްރިމިނަލް ކޯޓުގައި ބެލީ ގާޒީ އަލީ ނަދީމްއެވެ. މި ހަތް މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކަނީ މިދިޔަ ހަފްތާގައެވެ. މި މައްސަލަތައް ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
އަނަސްގެ މަރުގެ ތަހުގީގަށް ފަހު ފުލުހުން ބުނެފައި ވަނީ، އޭނާ މަރާލީ ސީދާ އޭނާއަށް ހަމަލާ ދޭން ރާވައިގެން ނޫން ކަމަށާއި އެކަން ހިނގީ އެހެން މީހަކަށް ހަމަލާ ދޭން އުޅެނިކޮށް "އޮޅިގެން" ކަމަށެވެ. އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނުގައި 37 ވަރަކަށް ޒަހަމް ހުއްޓެވެ. އޭގެ ތެރޭގައި ފުން، ބޮޑެތި ޒަހަމްތަކެއް ވެސް ހުއްޓެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވިއިރު، މި މައްސަލައިގައި ކުޑަކުއްޖެއްގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ވަނީ ކުރިން އިއްވައިފަ އެވެ.
މުހައްމަދު އަނަސް މަރާލި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގާ ދިޔަ ގޮތާމެދު ސަރުކާރުން ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އަނަސްއަށް ހަމަލާ ދީފައިވަނީ އާންމުންގެ ތެރޭގައި ކަމަށާއި އެހާ ހާމަކަން ބޮޑުކޮށް މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުން ވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް އަދަބު ނުލިބި ދިޔުމަކީ ތަންފީޒީ އިދާރާތަކާއި އަދުލު އިންސާފު ގާއިމްކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވާނެ ކަމެއް ކަމަށެވެ.