ads
މޫދަށް އެރި އުޅުނު ކުދިން އެއްގަމަށް ގެނައުމުގައި ސްޓެލްކޯ މުވައްޒަފުން ހަރަކާތްތެރިވަނީ - ފޮޓޯ:ސްޓެލްކޯ
ކޮޅިގަނޑެއްގައި ޖެހުނު ކުދިން އެއްގަމަށް ގެނެސްދިނީ ސްޓެލްކޯގެ މުވައްޒަފުން
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، އިއްޔެ ހަވީރު އައި ކޮޅިގަނޑެއްގައި ޖެހުނު އއ. ތޮއްޑޫގެ ކުދިންތަކެއް ސަލާމަތްކޮށް އެއްގަމަށް ގެނައުމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުން ހަރަކާތްތެރިވެއްޖެ އެވެ.
Advertisement

ސްޓެލްކޯއިން ބުނީ މޫސުން ގޯސްވެ، އިއްޔެ ހަވީރު ކޮޅިގަނޑެއް އައި ވަގުތު އެ ރަށުގައި މޫދަށް އެރި އުޅުނު ކުދިންތަކެއް އެއްގަމަށް ނާދެވިފައި ތިއްބާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވެފައި ވަނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށެވެ.

"އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެވަގުތު އެ ސަރަހައްދުގައި ތިބި މި ކުންފުނީގެ ހިތްވަރުގަދަ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައި،" ސްޓެލްކޯއިން ބުނެފައިވެ އެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ ކޮޅިގަނޑުގައި ލިބުނު ބައެއް ގެއްލުންތަކުން ސަލާމަތް ކުރުމަށް ވެސް އެ ކުންފުނީގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ކޮޅިގަނޑުގެ ސަބަބުން ބިންދައިގެން ދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެއްޓުމާ ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރަން މުވައްޒަފުން އެހީތެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

your imageކޮޅިގަނޑުގައި ގެއްލުން ލިބުނު ގޭގެއަށް ސްޓެލްކޯގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދެނީ - ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯއިން ވަނީ ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ހިތްވަރާއި ކެރުމާ އެކު އެންމެ އިސް ސަފުގައި، އިހުލާސްތެރިކަމާ އެކު ރައްޔިތުންގެ ހިދުމަތުގައިކަން ފާހަގަކޮށްފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯހެވެ. މިއަދު މެންދުރު 12:00 އާ ހަމައަށް ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އޮރެންޖު އެލާޓު ވަނީ ނެރެފަ އެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 34 މޭލާއި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ޖެހޭނެތީ އާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން އިލްތިމާސްކޮށްފައި ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށެވެ.

މެޓް އޮފީހުން ވަނީ ވައިގަދަވެ، އަދި ކަނޑުތައް ވެސް ގަދަވާނެތީ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަން ފާހަގަކޮށްފަ އެވެ. އަދި ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އޮފީހުން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް