އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވެ ފޯމު ގެއްލިފައި އޮތް ރާޖަސްތާނުން ބެންގަލޫރު ބަލިކުރީ ހަތަރު ވިކެޓުންނެވެ. ރާޖަސްތާނަށް ރޭގެ މެޗުގެ ޓޮސް ދިމާވުމުން އެ ޓީމުން ގަސްދުކުރީ ފުރަތަމަ ފީލްޑް ކުރާށެވެ. ބެންގަލޫރުން ފުރަތަމަ ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ، 172 ލަނޑެވެ.
ޖަވާބުގައި ކުޅެން އަރައި، ރާޖަސްތާނުން ވަނީ، ބާކީ ހަ ބޯޅަ އޮއްވައި، ހަ ކުޅުންތެރިން ނުބައިވެގެން، 174 ލަނޑު ހަދައި، މެޗުން މޮޅުވެފަ އެވެ.
މި މެޗުން މޮޅުވުމުން ރާޖަސްތާނު ދެން ކުޅެން ޖެހޭނީ ފުރަތަމަ ސެމީން ބަލިވި ހައިދަރުއާބާދާއެވެ. ހައިދަރުއާބާދާ، ރާޖަސްތާނު ހުކުރު ދުވަހު ކުޅޭ މެޗުން މޮޅުވާ ބަޔަކު، އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ނުކުންނާނީ ކަލްކަތާއާ ދެކޮޅަށެވެ.