މި ހަފުތާގެ ތެރޭގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ވަކިކުރެއްވި ސަބަބާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ މަގާމުތަކަށް ބަދަލު ގެނެސްފައި ވަނީ ސަރުކާރު ހިންގުމުގައި އެމަނިކުފާނަށް ފަސޭހަވާ ގޮތަށް ނުވަތަ ކަންކަން ބައްޓަން ކުރުމަށް ރައީސަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ.
ހީނާ އާ މި ސުވާލު އަމާޒުކޮށްފައި ވަނީ ސަރުކާރާއި ކުންފުނިތަކުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ސަސްޕެންޑްކޮށް އަދި ބައެއް ބޭފުޅުން މަގާމުތަކުން ވަކިކޮށްފައި ވަނިކޮށެވެ. މިދިޔަ އަންގާރަ ދުވަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހްމަދު ޝަމާހް ރަޝީދު ވަކިކުރެއްވި އެވެ. އެފަހުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އޭނާ އައްޔަންކުރަން ވަނީ ނިންމަވާފަ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާޕާސަން ކަމުގެ މަގާމުން އާއިޝާ ނޫރައިން ޖަނާހު އިސްތިއުފާ ދެއްވާ ޕީސީބީއަށް އަންގާރަ ދުވަހު ސިޓީ ފޮނުއްވާފައިވާތީ އެ މަގާމުން އޭނާ ވަކިކޮށްފައި ވަނީ އިއްޔެ އެވެ. އޭނާގެ އިތުރުން އެމްއެމްޕީއާރުސީ ބޯޑުގެ މެންބަރު ކަމުން ރާފިލް މުހައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭގެ އިތުރުން އިއްޔެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ފާތިމަތު ތައުފީގު (ކުޑީ) ވަނީ ވަކިކޮށްފަ އެވެ.
އެޗްޑީސީގެ ޗެއާޕާސަން ކަމުން ރޭގެ ވަގުތެއްގައި އަހުމަދު ޒުހޫރު ވަކިކޮށްފައިވާއިރު، ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒް އަދި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.