ads
ހުސައިން ޝިފާއު
ވަގު ޓީޓީ ހެދި ޝިފާއުއަށް މަގާމު ދެވުނީ އޮޅިގެން، މިހާރު ވަކިކޮށްފި
ރާއްޖެއަށް މުދާ އެތެރެކުރުމަށް ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދި މައްސަލާގައި ހައްޔަރުކޮށްފައި ހުރުމަށް ފަހު، މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލުމުން ފިލައިގެން ރާއްޖޭން ބޭރަށް ގޮސް އުޅުނު ހުސައިން ޝިފާއުއަށް ސިޔާސީ މަގާމެއް ދިނީ، އޭނާއަށް ތުހުމަތުކުރާ ކަންކަމުގެ މައުލޫމާތު ނެތި ކަމަށް ސަރުކާރުން ބުނެފި އެވެ.
Advertisement

މީގެ ދެތިން ހަތަރު ދުވަސް ކުރިން، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރި ޝިފާއު މިހާރުވަނީ މަގާމުން ވަކިކޮށްފަ އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، ޝިފާއުގެ މައްސަލަތަކުގެ ތަފްސީލް ލިބުމާ އެކު އޭނާ މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ޝިފާއުއަކީ ރާއްޖެއަށް މުދާ އެތެރެކުރުމަށް ވަގު ޓީޓީ ހެދި މައްސަލާގައި ހައްޔަރުކޮށްފައި ހުރުމަށް ފަހު، މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލުމުން ފިލައިގެން އުޅުނު މީހެކެވެ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މިދިޔަ އަހަރުގެ މޭ މަހުގެ 27 ވަނަ ދުވަހުއެވެ.

އޭނާ ރާއްޖޭން ބޭރަށް ދިޔައީ މިދިޔަ އަހަރުގެ މޭ 29 ގައެވެ. ޝިފާއު ރާއްޖޭން ބޭރަށް ދިޔަކަން އެނގުނީ، އޭނާ ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިނަމަވެސް އެ މައްސަލަ ޝިފާއު އުޅޭ ތަނެއް ނޭގޭތީ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައި ޕީޖީ އޮފީހަށް އޭރުވަނީ އަންގާފައެވެ. އޭގެ ފަހުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޝިފާއު ރާއްޖެ އައުމުން އޭނާގެ ޕާސްޕޯޓު އަލުން ހިފެހެއްޓިނަމަވެސް އޭނާ ހައްޔަރު ކުރިކަމެއް އެނގިފައެއް ނެތެވެ.

ހުސެއިން ޝިފާއުއަކީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެގެން ފުލުހުން ކުރިން އިއުލާންވެސް ކޮށްފައިވާ މީހެކެވެ. 2021 ވަނަ އަހަރު ފުލުހުން އޭނާ ހޯދަން އިއުލާންކޮށްފައިވެ އެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ޕީޖީން ވަނީ ބޮޑެތި ދައުވާތަކެއް ވެސް އުފުލާފަ އެވެ. އޭނާ ދޫކޮށްލީ މުޖްތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް