އެއާލައިންތަކާއި އެއާޕޯޓުތައް ގުޅުވައިދޭ އެންމެ ބޮޑު ކޮންގްރެސް، އެއާ ސާވިސް ވޯލްޑް ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުން 11 ވަނަ ދުވަހަށް ކުުރުނބާ މޯލްޑިވްސްގަ އެވެ. މިއީ އޭވިއޭޝަން ދާއިރާއިން ބައިނަލްއަގުވާމީ މިފަދަ ޝަރަފުވެރި އަދި ބޮޑު ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސް އާ ގުޅޭގޮތުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒު ވިދާޅުވީ މި ކޮންގްރެސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. އެ ކުންފުނިން ބަލާނީ ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންގެ ޑިޖިޓަލް ތަޖުރިބާ އިތުރުކޮށް، އެއްވެސް ދަތި ކަމެއް ނެތި ގުޅުން ކަށަވަރުކޮށް ދިނުމަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ކޮންގްރެސްގައި ބައިވެރިވާ ބޭރުގެ މަންދޫބުންގެ މި ދަތުރުގައި އެ ފަރާތްތަކުގެ ގުޅުން ކަށަވަރުކޮށްދީ، ހައި ސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގައި ދިރާގުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ކޮންފަރެންސްގައި އެއާޕޯޓާއި ރޫޓު ޑިވެލޮޕްމެންޓް އެގްޒެކެޓިވުންނާއި އެއާލައިން އެގްޒެކެޓިވުންނާއި އެއާލައިން ނެޓްވޯކިން ޕްލޭނަރުންނާއި އޭވިއޭޝަން ސަޕްލަޔަރުންގެ އިތުރުން އޭވިއޭޝަން އަދި ފަތުރުވެރިކަމާ ގުޅުންހުރި ފަރާތްތައް ބައިވެރިވާނެ އެވެ.