މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލަހަައްޓަމުންދާ ހުޅުމާލޭގެ 10 މިސްކިތަކާއި މާލޭގެ 22 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ ދެ މިސްކިތެއްގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ބިދޭސީންގެ ބަދަލުގައި މިއަދުން ފެށިގެން ކުރަމުން ދާނީ ދިވެހިން ކަމަށެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކަށް ބޭނުންވާ ދިވެހި މުވައްޒަފުން ހޯދަން މާލެ ސިޓީ ކައުންސިލުން ތިން ފަހަރެއްގެ މަތިން އިއުލާން ކުރިއެވެ.
އެންމެ ފުރަތަމަ އެކަމަށް އިއުލާނު ކުރުމުން އެކަށީގެންވާ ތަރުހީބެއް ނުލިބެ އެވެ. ފުރަތަމަ ފަހަރު އެކަމަށް 114 ދިވެހިން ހޯދަން އިއުލާން ކުރުމުން ކުރިމަތިލީ އެންމެ 14 މީހުންނެވެ. އެކަމަކު ދެވަނަ ފަހަރަށް އިއުލާނު ކުރުމުން ހޯދަން އިއުލާނުކުރި 200 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ދިވެހީން ލިބުމަށް އެންމެ ބޮޑަށް ދަތިވާ އެއް ސަބަބަކީ އަހަރު ދުވަހަށް މުވައްޒަފުން ނަގާ މައްސަލަ އެވެ. އެހެން ކަމުން އެކަމަށް ހައްލު ގެނައުމުން ދިވެހިން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން މިސްކިތަތައް ސާފުކޮށް ބަލަހައްޓަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އެކި ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އެކަމަކު އެގޮތް ބަދަލުކޮށް މިސްކިތްތަށް ސާފުކޮށް ބެލެހެއްޓުމާއި އެންމެހާ ކަންކަން ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. މަދުން ނަމަވެސް މި މަސައްކަތުގައި ދިވެހީން މަސައްކަތް ކުރެއެވެ. މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި މީގެ ކުރިން ގިނައީ ބިދޭސީންނެވެ.