ads
އެއާ ސާވިސް ކޮންގްރެސްގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކަށް އެމްއެމްޕީއާރުސީ ވަނީ ހަމަޖައްސާފައި - ފޮޓޯ:އެމްއެމްޕީއާރުސީ
އެއާ ސާވިސް ކޮންގްރެސްގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކަށް އެމްއެމްޕީއާރުސީ
އެއާ ސާވިސް ކޮންގްރެސްގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކަށް "ވިޒިޓް މޯލްޑިވްސް"، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހަމަޖައްސައިފި އެވެ.
Advertisement

އެއާ ސާވިސް ކޮންގްރެސްގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކަށް އެމްއެމްޕީއާރުސީ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ނޫވިލު ސީޕްލޭން ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ އިތުރުން އެއާޕޯޓުގެ ސީނިއާ މެނޭޖްމަންޓާއި ޕާޓްނަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެއާ ސާވިސް ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސްގަ އެވެ. މި ކޮންގްރެސްގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 300 ފަރާތެއް ބައިވެރިވާނެ އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ ފުރަތަމަ އޭވިއޭޝަން ރޫޓް ޑިވެލޮޕްމަންޓް އިވެންޓެވެ. މި އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ހާއްސަ ފަރާތްތަކުން ބައިވެރިވެ، އޭވިއޭޝަން ދާއިރާގެ ކުރިމަގަށް އަލި އަޅުވައި އެކި މައުލޫމާތުތައް ހިއްސާކުރާނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ވީއައިއޭ ތަރައްގީ ކުރުމަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. ވީއައިއޭގެ މާސްޓަ ޕްލޭން އެކުލަވާލެވިފައި ވަނީ އެއާޕޯޓުގެ ތަރައްގީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ވެސް އިތުރަށް ތަރައްގީ ވާނެ ގޮތަށް ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ ދުނިޔޭގެ ގިނަ ގައުމުތަކާއި ވީއައިއޭ ގުޅިގެން ދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން މަސައްކަތް ކުރަނީ އާ ޕާޓްނަރުންނާ ގުޅިގެން ފަތުރުވެރިކަމުގެ ނެޓްވޯކް އިތުރަށް ފުޅާކޮށް، އެއާޕޯޓު އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެ އަހަރަކު ވެސް އިތުރު ކުރުމަށް ކަމުގަ އެވެ. މިފަދަ ކޮންގްރެސްއެއް ބޭއްވުމަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ އެއާ ސާވިސް ކޮންގްރެސްގެ ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުން އެ ކޯޕަރޭޝަނުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، އިގުތިސޯދީ ގޮތުން ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖޭގެ އޭވިއޭޝަން ސެކްޓަ ގުޅާލުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް