ޓްރަމްޕްގެ މައްޗަށް މި ހުކުމް އައިސްފައި މިވަނީ ނޮވެމްބަރު މަހު ބާއްވާ އިންތިހާބުގައި ޖޯ ބައިޑަން ބަލިކޮށް އެނބުރި ވައިޓް ހައުސްއަށް ވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.
އުމުރުން 77 އަހަރުގެ ޓްރަމްޕާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ސާބިތުވެފައިވަނީ ވިޔަފާރީގެ ލިޔެކިޔުންތައް އޮޅުވާލައިގެން ހުށަހެޅުމާއި ގުޅިގެން އުފުލާފައިވާ 34 ދައުވާއެވެ. މި ދައުވާތަކުގެ ތެރޭގައި ބަރަހަނާ ފިލްމު ކުޅެމުން އަންނަ ސްޓޯމީ ޑެނިއެލްސްއާއި އޭނާއާއި އޮތް ގުޅުން ސިއްރު ކުރަން ސްޓޯމީއަށް ފައިސާ ދިން ކަމުގެ މައްސަލައެއް ވެސް ހިމެނެ އެވެ.
ޓްރަމްޕުގެ މައްޗަށް އުފުލި ދައުވާތަކެއް ސާބިތުވެފައިވާއިރު، ދައުލަތުން ވަނީ އޭނާއާއި ދެކޮޅަށް 20އަށްވުރެ ގިނަ ހެކިވެރިންގެ ހެކިބަސް ހުށަހަޅާފަ އެވެ.
7 ހަފްތާއަށް ދިގު ދެމިގެން ދިޔަ ޝަރީއަތް އިއްޔެ ފަނޑިޔާރުން ނިންމާފައިވަނީ އޭނާއާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން 34 ދައުވާއެއް ސާބިތުވާ ކަމަށެވެ. ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވުމުން، ހުކުމް ކުރުން ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހަށެވެ.
މި މައްސަލައިގައި ކޮންމެ ދައުވާއަކަށް މަދުވެގެން ހަތަރު އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑަސް، ޖަލުގައި ހުކުމް ތަންފީޒުކުރަން ޓްރަމްޕަށް ޖެހިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެ އެވެ. މިއީ ޓްރަމްޕްގެ ފުރަތަމަ ކުށް ކަމުން، ޖަލު ހުކުމެއްގެ ބަދަލުގައި އެންމެ ފުރުސަތު ބޮޑީ ޕްރޮބަޝޭންގެ އަދަބެއް އައުމެވެ.
މިއީ އެމެރިކާގެ ސިޔާސީ ތާރީހުގައި ކުރީގެ ރައީސެއްގެ މައްޗަށް މިފަދަ ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
ކޯޓު ބޭރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައިވަނީ މިއީ އޮޅުވާލުމެއް ކަމަށާއި އޭނާއަކީ ކުށެއް ނެތް މައުސޫމު މީހެއް ކަމަށެވެ. ޖުލައި މަހު ހުކުމް ކުރި ނަމަވެސް އަދި މި ކަމުގެ ހަގީގީ ހުކުމް ކުރާނީ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ވޯޓުން ކަމަށް ވިދާޅުވެފަ އެވެ.
ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން މިިހާރުގެ ރައީސް ޖޯ ބައިޑެނާ ވާދަކުރައްވަން ޓްރަމްޕް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދައުވާތައް ޓްރަމްޕްގެ މައްޗަށް ސާބިތުވި ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެއްވެސް ހުރަހެއް އޭނާ އަކަށް ނޯންނާނެ އެވެ.
ސަބަބަކީ އެމެރިކާގެ ގާނޫނުއަސާސީ ނުވަތަ އެއްވެސް ގާނޫނަކުން ޖިނާއީ ކުށެއް ސާބިތުވުން އެއީ ރައީސްކަމަށް ކުރިމަތިލައްވާކަށް ހުރަހެއް ނޫނެވެ. ޖަލުގައި ހުންނަ މީހަކަށް ވޯޓު ލުމުގެ ފުރުސަތު ވެސް އެމެރިކާގެ ރައްޔިތުންނަށް އޮވެ އެވެ. އެކަމަކު މިއީ ޖިނާއީ ކުށެއް ސާބިތުވެފައި ހުންނެވި ބޭފުޅަކު އެމެރިކާގެ ރައީސް ކަމަށް ވެސް ކުރިމަތިލައްވާ ފުރަތަމަ ފަހަރެވެ.