ads
އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ރަފަހްގައި ޝަހީދުވި ކުޑަކުއްޖަކު އުރައިގެން، އަންހެނަކު ރޮނީ. --ފޮޓޯ: އޭއެފްޕީ
ހަނގުރާމަ ހުއްޓަން ބޭނުންވެ އިޒްރޭލުގެ ފަރާތުން އެމެރިކާއަށް ލިޔުމެއް..!
ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގަމުންދާ އުދުވާންތައް ކުއްލި ގޮތަކަށް ހުއްޓަން ބޭނުންވާތީ އެކަމުގެ އާ ޕްލޭނެއްގެ "ލިޔުމެއް" އިޒްރޭލުން އެމެރިކާއަށް ފޮނުވުމުން އެކަން، އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާންކޮށްފި އެވެ.
Advertisement

އެމެރިކާގެ ރައީސް ބައިޑެން ވިދާޅުވީ، އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެވޭ ވަރަށް މިހާރު ހަމާސް ޖަމާއަތް ބަލިކަށިވެފައިވާ ކަމަށާއި، މި ދަނޑިވަޅަކީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ކަމަށެވެ. އިޒްރޭލުގެ ފަރާތުން ހުށަހެޅި އާ ޕްލޭންގެ ތަފުސީލް ދެއްވަމުން ބައިޑަން ވިދާޅުވި ގޮތުގައި އަލަށް ހުށަހަޅާފައިވާ ޕްލޭން ވަނީ ތިން ފިޔަވަސަކަށް ބަހާލައިފަ އެވެ. އެއީ:

  • ފުރަތަމަ ފިޔަވަހި: ހަ ހަފްތާ އަށް އިސްރާއީލުން ގާޒާއަށް ހަަމަލާތައް މެދުކަނޑާލުން، މި މުއްދަތުގައި ގާޒާގެ ބައިބޯ ހުރިހާ ސަރަހައްދަކުން އިސްރާއީލްގެ ސިފައިން ފޭބުން، އަދި ރަހީނުން މިނިވަން ކުރުމާއި ގައިދީން ބަދަލުކުރުން ވެސް އެ ފިޔަވަހީގައި ވަނީ ހިމަނައިފަ އެވެ.
  • ދެވަނަ ފިޔަވަހި: ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލުގެ މަރުވެފައިވާ މީހުންގެ ހަށިތައް އިސްރާއިލަށް ފޮނުވުން، މި ފިޔަވަހީގައި މަގުމަތިކޮށްފައިވާ ގާޒާގެ ހުރިހާ ރައްޔިތުންނަށް އެ މީހުން ނިސްބަތްވާ ސަރަހައްދުތަަކަށް ދިއުމަށް ފުރުސަތު ދިނުން، އަދި ދުވާލެއްގެ މައްޗަށް ބައިނަލްއަގްވާމީ އެކި ފަރާތްތައް މެދުވެރިވެ 600 ޓްރަކްގެ އެހީގެ ތަކެތި ގާޒާއަށް ފޮނުވަން ވަނީ ހިމަނައިފަ އެވެ.
  • ތިން ވަނަ ފިޔަވަހި: މި ފިޔަވަހީގައި ހަނގުރާމަ އެކީ ހުއްޓާލާ އިސްރާއީލުން މުޅި ގާޒާއިން ފައިބުން، ހަމާސް އިން ހިފަހައްޓާފައިވާ ބާކީ ތިބި އަސީރުން މިނިވަން ކުރުން. އަދި ބައިނަލްއަގުވާމީ ބައިވެރިވުމާ އެކު، ގާޒާގައި ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލުތައް އަލުން ބިނާކުރުން ވަނީ ހިމަނައިފަ އެވެ.

ކުއްލި ގޮތަކަށް އާ ޕްލޭނެއް ހާމަކޮށްފައިމިވަނީ، އިޒްރޭލުން ހިންގަމުންދާ އުދުވާންތައް ނިންމުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ބުނަމުންދަނިކޮށެވެ. އެހެންކަމުން، މިއީ އެމެރިކާގެ ޕްރެޝަރު ބޮޑުވެގެން، އިޒްރޭލުން އެއްބަސްވާން މަޖުބޫރުވި ހާލަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ލަފާކުރަމުންނެވެ.

your imageއިޒްރޭލުން ރަފަހްއަށް ދެމުންދާ ހަމަލާތަކުން ސަލާމަތް ވާން، މިލިއަނެއްހާ ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ ގެދޮރު ދޫކުރަން މަޖުބޫރުވެފައި. --ފޮޓޯ: އޭއެފްޕީ

ސަބަބަކީ ހަމާސްގެ ހުރިހާ މުޖާހިދުން ޝަހީދުކޮށް, އެ ޖަމާއަތް ނައްތައިލުމަކީ ޔަހޫދީންގެ އެންމެ ބޮޑު އަމާޒެވެ. އަދި, ގާޒާގައި ދިރިއުޅޭ އަންހެނުންނާއި ކުޑަކުދިން ޝަހީދު ކުރަމުން ދަނީ ހަމާސް ނައްތައިލުމުގެ ނަމުގަ އެވެ. ރަފަހްގައި މިހާރު ހިންގަމުންދާ އުދުވާނަކީ ހަމާސްގެ މުޖާހިދުންނާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަނެއް ކަމުގައި ޔަހޫދީ ފައުޖުން ބުނި ނަމަވެސް, ފުރާނަ ނަގައިލަމުން ދަނީ ފަލަސްތީނުގެ އާންމު ރައްޔިތުންގެ ތެރެއިން އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އެވެ.

ރަފަހް އަށް ވެސް ހުއްޓުމެއް ނެތި ވައިގެ ހަމަލާތައް ދެމުންދާއިރު، މިދިޔަ ހަފްތާގައި ދިން ވައިގެ ހަމަލާއެއްގައި، އެތައް ސަތޭކަ މީހުން ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓު ކޭމްޕެއްގެ ރޯވެ، 45 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ގިނަ ގައުމުތަކުން ކަންބޮޑުވުންފާޅުކޮށްފައިވާ އިރު، އިޒްރޭލަށް ވާގިވެރިވާ ގިނަ ގައުމުތަކުގެ ފިއްތުންތައް ވެސް އިޒްރޭލަށް ވަނީ ބޮޑުވެފަ އެވެ.

your imageއިޒްރޭލުން ޣައްޒާގެ ރަފާހް އަށް ދިން ވައިގެ ހަމަލާއެއްގައި މުޅި ސަރަހައްދުގައި ދުން ބޯވެފައި. --ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ވިދާޅުވީ، ހަމާސްއިން އެއްބަސްވެއްޖެ ނަމަ މިހާރުން މިހާރަށް ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށެވެ. އެމެރިކާގެ ރައީސް އިސްރާއީލުގެ ކުއްލި ނޭނގޭ ނިންމުން އިއުލާންކޮށްފައިވާ އިރު، އިސްރާއީލުން އަދި ގިނަ ވާހަކަތަކެއް ނުދައްކަ އެވެ. 

އަލަށް ހުށަހަޅާފައިވާ ޕްލޭނު ރަގަނޅު ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ. އެކަމަކު އެ ޕްލޭން ގަބޫލުކުރުމާ މެދު ނިންމުމެއް ހަމާސް އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުގެ ރުހުމާއެކު އެމެރިކާއިން ހުށަހަޅާފައިވާއިރު، އެ ހުށަހެޅުމަށް ކެނެޑާ އަދި ޖަރުމަނުން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި ހާއްސަކޮށް މި ޕްލޭން ބަލައިގަނެ، ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތު ނިމުމަކަށް ގެންނަން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ދެ ފަރާތަށް ގޮވާލައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް