ads
އާކްޓިކް ސަރަހައްދުގައި ޗައިނާގެ އިތުރުވަމުންދާ ނުފޫޒު
ދުނިޔެ ވަށާ ހަންފެތުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ނިމުމެއް ނެތެވެ. ޗައިނާއިން ބޭނުންވަނީ ދުނިޔޭގެ ހުރިހައި ސަރަހައްދެއްވެސް ޗައިނާއާ ކަނޑު މަގުން ގުޅާވާލެވުމަށެވެ.
Advertisement

ދުނިޔޭގެ އާކްޓިކް ސަރަހައްދުގައި ޗައިނާއިން ދަނީ ކަނޑުދަތުރުފަތުރަށް މަގުތައް ހޯދަމުންނެވެ. 2018 ވަނަ އަހަރު ޗައިނާއިން ޝާއިއުކޮށްފައިވާ ޗައިނާ އާކްޓިކް ރިޕޯޓްގައި ބުނާ ގޮތުން ޗައިނާއަކީ އާކްޓިކްއާ ވަރަށް ކައިރި ގައުމެކެވެ. މިއިރު ޗައިނާއާއި އާކްޓިކްއާ ދެމެދު މާލެއާ ބެންގަލޯރއާ ދެމެދުގެ ދުރިމިން އޮވެއެވެ. މިއާ ވިއްދައިގެން އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވިދާޅުވީ، އާކްޓިކްއާ ގުޅިގެން ގައުމުތައް ބެހެނީ އާކްޓިކްގެ ގައުމުތަކަށާއި އާކްޓިކްއާ ކައިރި ގައުމުތަކަށެވެ. އާކްޓިކްއާ ވަރަށް ކައިރި ގައުމުތަކެކޭ ކިޔާ ގައުމުތަކެއް ނޯންނާނެކަމުގައެވެ. 

ޗައިނާއިން ހަންފެތުރުމަކުން ގައުމަކާ ގުޅުން ބަދަހިކުރާނަމަ އެގައުމެއް ޗައިނާގެ ސިލްކް ރޯޑްއާއި ބެލްޓް އެންޑް ރޯޑް މަޝްރޫއުގައި ބައިވެރިކުރެއެވެ. އެގޮތުން މިހާރު އާކްޓިކްވެސް ޗައިނާއިން ހިމަނާފައިވަނީ ޗައިނާގެ ޕޯލާ ސިލްކް ރޫޓްގައެވެ. 

ޗައިނާއިން ދަނީ އެމެރިކާގެ ސަރަހައްދާއި އެމެރިކާގެ ނުފޫޒުގެ ސަރަހައްދުގެ ގައުމުތަކަށް ވަންނަމުންނެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ގްރީންލެންޑާއި އައިސްލެންޑްގައި ޗައިނާއިން ހިންގާ މަޝްރޫއުތަކެވެ. އައިސްލެންޑްގައި ހަދާފައިވާ ޗައިނާ އެމްބަސީގައި އެއްފަހަރާ 500 ސްޓާފުންގެ ފައުޖަކަށް އެކޮމޮޑޭޝަން ދެވޭނެއެވެ. މިއީ 2013ގައި އެންމެ ފުރަތަމައަށް ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލި ޔޫރަޕްގެ ގައުމެވެ. ނަމަވެސް އައިސްލެންޑުން ބުނެފައިވަނީ ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުގައި އެގައުމުން ބައިވެރި ނުވާނެ ކަމުގައެވެ. އަދި ގްރީންލެންޑްގައި ޗައިނާއިން ވަނީ ނާދިރު މައުދަންތައް ނެގުމަށް އެއްބަސްވުމެއްހަދައި، އެ ގައުމުގައި ބަނދަރެއް ހެދުމަށް ސަރުކާރާ އެކު އެއްބަސްވެފައެވެ. 

އާރކްޓިކް ކައުންސިލްގެ 2019ވަނަ އަހަރުގެ ބައްދަލުމުގައި ޕޮމްޕިއޯ ވިދާޅުވެފައިވަނީ ޗައިނާއިން އާރކްޓިކްގައި ކުރާ ދެފުށްފެންނަ އިންވެސްޓްމެންޓަށް މަރުހަބާ ކިޔާކަމަށެވެ. ނަމަވެސް ޗައިނާއިން ގެންގުޅޭ ހަންފެތުރުމުގެ ސިޔާސީ ކަންކަމަށް އެމެރިކާއިން މަރުހަބާ ނުކިޔާނެ ކަމަށެވެ. މިވާހަކައިގައި އިޝާރާތްކޮށްފައި މިވަނީ ސިރީލަންކާއާއި ޖިބޫޓީގައި ޗައިނާއިން ހިންގި ދަރަނީގެ ދަންމަޅިތަކަށެވެ. 

އެންޓާކްޓިކާއާއި ހިލާފަށް އާކްޓިކްއަކީ ދުނިޔޭގެ ބޮޑު އަށް ގައުމުން ބަލަހައްޓާ އެމީހުންގެ ނުފުޒު އޮންނަ ސަރަހައްދެކެވެ. އެންޓާކްޓިކާއަކީ ދުނިޔޭގެ އެންމެނަށްވެސް ހުޅުވާލެވިފައިވާ ތަނެކެވެ. އާކްޓިކްގެ ގައުމުތަކުގެ ކައުންސިލްގައި 2013 ވަނަ އަހަރު ޗައިނާއަށް ވަނީ އޮބްޒާވާގެ ހައިސިއްޔަތު ދީފައެވެ. 

ޗައިނާއިން ގަދައަޅައި މަސައްކަތް ކުރަމުންދަނީ ޗައިނާގެ ނުފޫޒު އޮންނަ ގޮތަށް ބަނދަރުތަކާއި ކަނޑުގެ ސަރަހައްދާ ކައިރިން އިންފްރާސްޓްރަކްޗާއަށް އިންވެސްޓްކޮށް އެތަންތަނަށް ޗައިނާގެ އާގުބޯޓާއި ސަބްމެރީންތަކަށް ވަދެ އެހީލިބޭގޮތް ހެދުމަށެވެ. އަދި ދުނިޔޭގައި މުހިންމު އިގްތިސާދީ މައުދަނަކަށްވަމުންދާ ހައިޑްރޯކާބަން ނެގުމަށާއި އެ މައުދަން ކޮންޓްރޯލުކުރުމަށް ޗައިނާއިން ދަނީ މަސައްކަތް ކުރަމުންނެވެ. 

ޗައިނާއަށް ޔޫރަޕުން ދަތުރުކުރާ ކަނޑު ބޯޓުތައް ސުއޭސް ކެނަލްއާއި މަލަކާ ކަނޑުއޮޅިން ދަތުރުކުރުމުގެ ބަދަލުގައި ޗައިނާއިން ބޭނުންވަނީ ނޯދަން ސީ ރޫޓް ބޭނުންކުރާށެވެ. އެއިރުން ޗައިނާއަށް ރާސްތާގެ ދުރުމިނުގެ 30 އިންސައްތަ ސަލާމަތް ކުރެވޭނެއެވެ. ޗައިނާގެ ސަރުކާރު ހިއްސާވާ ޝިޕިން ކޮމްޕެނީ ކޮސްކޯއިން ވަނީ ނޯދަން ރޫޓް ބޭނުންކޮށްގެން 30 ދަތުރު ފުރިހަމަ ކޮށްފައެވެ. އަދި އާކްޓިކް ހެދުމުގެ ޖުމުލަ 10 ދަތުރު ޗައިނާއިން ވަނީ ފުރިހަމަކޮށްފައެވެ. 

ޗައިނާއިން އިއުލާން ކޮށްފައިވަނީ އާކްޓިކްގައި ދަތުރުކުރާއިރު ގަނޑުފެން ކެނޑުމަށް ބޭނުންކުރާ ޑީސަލް ބޯޓުތަކުގެ ބަދަލުގައި ޗައިނާއިން ބޭނުންކުރާނީ ނިއުކްލިއާ ބޯޓުތައް ކަމަށެވެ. 

ޗައިނާއިން އާކްޓިކްގައި ހިންގަމުންދާ ހަރަކާތައް އެންމެ ބޮޑަށް ދެކޮޅު ހަދަމުންދާ ފަރާތަކީ ޑެންމާކްއެވެ. ޑެންމާކްއަކީ ގްރީން ލޭންޑްގެ ދިފާއީ އަދި ހާރިޖީ ކަންކަން ބަލަހައްޓާ ގައުމެވެ. ގްރީންލެންޑްގައި އަސްކަރީ އެއާޕޯޓްގަތުމަށް ޗައިނާއިން މަސައްކަތް ކުރުމުން އެކަމާވެސް ޑެންމާކްއިން ވަނީ ދެކޮޅު ހަދާފައެވެ. ނޯވޭއިންވެސް ވަނީ ޗައިނާގެ ހަންފެތުރުމުގެ އަމަލުތަކާ ދެކޮޅަށް ފާޑުކިޔަން ފަށާފައެވެ. ނޯވޭއިން ބުނެފައިވަނީ އާކްޓިކްގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާ ކަމުގައެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް