ރިސޯޓެއް ތަރައްގީ ކުރަން ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކަޅުދިޔަފުށި ވިއްކާލުމަށް ބީއެމްއެލުން ތިން ވަނަ ފަހަރަށް އިއުލާނުކޮށްފައި މި ވަނީ އެ ކުންފުނިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެނެވެ.
ނީލަމުގައި ކަޅުދިޔަފުށި ވިއްކާލުމަށް އެ ބޭންކުން ކުރި އިއުލާނުގައި ބީއެމްއެލުން ބުނީ އެ ރަށް ގަތުމަށް އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ 34.3 މިލިއަން ޑޮލަރު ކަމަށެވެ. ބިޑުން ހޮވޭ ފަރާތުން އެއް ލައްކަ ޑޮލަރުގެ ނަން-ރިފަންޑަބަލް ޑިޕޮސިޓެއް ބޭންކުގައި ބަހައްޓަން ޖެހޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހަޅަން ހުޅުވާލާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
ބީއެމްއެލުން ކަޅުދިޔަފުށި ވިއްކާލުމުގެ މަސައްކަތް ކުރަމުން ދަނީ ހުރަވީ އިންޓަނޭޝަނަލްއިން 2016 ވަނަ އަހަރު ނަގާފައިވާ ކްރެޑިޓް ފެސިލިޓީއަކަށް ދައްކަން ޖެހޭ ފައިސާ އެ ކުންފުނިން ދައްކަމުން ނުދާތީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ރަށް ވިއްކާލުމުގެ ހުއްދަ އެ ބޭންކަށް ދިނުމާ ގުޅިގެންނެވެ. ޓޫރިޒަމް މިނިސްޓްރީން ހުރަވީ އިންޓަނޭޝަނަލްއަށް ކަޅުދިޔަފުށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ދޫކޮށްފައި ވަނީ 2015 އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އެވެ.
ތ. ގާދިއްފުށި ކައިރީގައި އޮންނަ ކަޅުދިޔަފުއްޓަކީ އެ އަތޮޅު ތިމަރަފުށީ ޑޮމެސްޓިކް އެއާޕޯޓުން ސްޕީޑް ބޯޓުގައި 20 މިނިޓުގެ ދުރުމިނުގައި އޮންނަ ރަށެކެވެ.