އެކްސްގައި މެމްބަރު އިބްރާހިމް މުހައްމަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާއިން ރާއްޖެއަށް ދޭ އެހީ މެދުކަނޑައިލަން އެ ގައުމުގެ ކޮންގްރެސަށް ބިލެއް ހުށައެޅުމުގެ ފަހަތުގައި ތިބީ އެމްޑީޕީގެ ރައީސްއަދު ކުރީގެ ފްރިން މިނިސްޓަރު އަބްދުﷲ ޝާހިދުކަމަށެވެ. އަދި މިކަން އިތުރަށް ބަލަންޖެހޭކަމަށްވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބޭބޭފުޅު އިބްރާހިމް މުހައްމަދު އެކްސްގައި ލިޔުއްވާފައިވެއެވެ. އެހެންނަމަވެސް މީގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މި ވާހަކަތަކަށް އަބްދުﷲ ޝާހިދު މިވަނީ ރައްދުދެއްވާފައެވެ. ޝާހިދު ވިދާޅުވީ މެމްބަރު އިބްރާހިމް މުހައްމަދު ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލަ ފަދަ، ދިވެހިންގެ ހިތްތަކާ ރޫހާ ގުޅިފައިވާ ހައްސާސް މައްސަލައެއް ބޭނުންކޮށް އަމިއްލަ ސިޔާސީ މަގްސަދެއް ހާސިލްކުރަން އުޅުމަކީ، ފަލަސްތީނުގެ މުސްލިމް އަހުންނަށް އިސްރާއީލުން އެދޭ އަނިޔާތަކަށް ހިތްވަރުދިނުންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކޮށް އެގައުމުގެ ރައްޔިތުން ރާއްޖެ އެތެރެކުރުން މަނާކުރާނަމަ އެމެރިކާއިން ރާއްޖެއަށް ދެމުން އަންނަ އެހީތައް އެއްކޮށް ކަނޑާލުމަށް އެދި ބިލު އެމެރިކާގެ ގާނޫނު ހަދާ މަޖލީހަށް ހުށައަޅަން ނިންމީ އިޒްރާއީލްގެ ދިފާއުގައި އެންމެ ވަރުގަދައަށް އަޑުއުފުލާ ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތެއިމާކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.
އޭނާ ހުށައަޅާ ބިލަށް ދީފައިވާ ނަމަކީ ރަހުމަތްތެރި ގައުމުތަކުގެ ރައްޔިތުން ދަތުރުފަތުރުކުރުން ހިމާޔަތް ކުރުމުގެ ބިލް ނުވަތަ "ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ އެކްޓް (ޕާތް)" މި ބިލު އޭނާ ހުށައަޅަނީ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތާއީދާވެސް އެކުގައެވެ.
މި ބިލުގައި ބުނެފައިވަނީ ރާއްޖެއަށް އެމެރިކާއިން ދޭ އެއްވެސް އެހީއެއް ދޭން ޖެހޭނީ އިޒްރާއީލު ރައްޔިތުން ރާއްޖެ އެތެރެވާން ހުއްދަ ދިނުމަށް ޝަރުތުކޮށްފައިކަމަށެވެ. އަދި އިޒްރާއިލް ޕާސްޕޯޓް ބޭންކުރާނަމަ އެމެރިކާއިން ރާއްޖެއަށް އެއްވެސް އެހީއެއް ނުދިނުމަށްވެސް އެ ބިލުގައި ހިމަނާފައިވެއެވެ.