ads
ބައެއް އެނާޖީ އަދި ސޮފްޓް ޑްރިންކްސްހުރި އަލަމާރިއެއް ހުޅުވައިގެން މީހަކު ބަލަނީ
ހަކުރު ބައްޔާ ދެކޮޅަށް، ފިޒީ ޑްރިންކުން ދުރުވާން ޖެހޭ..!
ދިވެހީންގެ ސިއްހީ މައްސަލަތަކުގެ ވާހަކަ ދައްކާއިރު ނުރައްކާތެރި ބަލި ޑައިބެޓިކްސް، ނުވަތަ ހަކުރު ބަލީގެ ވާހަކަ އަންނަނީ ވަރަށް ކުރިއަށެވެ.

ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަހައްމަލު ކުރަން ޖެހިގައިވާ ސިއްހީ މައްސަލައެކެވެ. އިންޓަނޭޝަނަލް ޑައިބެޓިކްސް ފައުންޑޭޝަން (އައިޑީއެފް)ގެ ގެ ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގައި 637 މިލިއަން މީހުންނަށް ހަކުރު ބަލި ވަނީ ޖެހިފަ އެވެ. ރާއްޖޭގެ އާބާދީގެ 65 ޕަސެންޓް މީހުންނަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން ކަމަށް ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް)ގެ ހޯދުންތަކުން ލަފާކުރެ އެވެ.

ހަކުރުބަލި ޖެހުމުގެ ކުރީން މި ބަލިން ރައްކާތެރިވުމަށް ޓަކައި ކޮންމެ މީހަކުމެ، މަސައްކަތް ކުރުމަކީ ނުހަނު މުހިއްމު ކަމެކެވެ. ހަކުރު ބަލި ހުރިކަމަށް ބެލެވޭނީ މީހެއްގެ ލޭގައި ހަކުރު ހުންނަންވީ ވަރަށްވުރެ އިތުރުވެފައި ހުރުމުންނެވެ. ދުވާލަކު ދެ ސޮފްޓް ޑްރިންކު ބޯ ނަމަ ހަކުރު ބަލީގެ ހުރިހާ ވައްތަރެއްގެ ނުރައްކާ ވެސް ދެ ގުނަ އަށް އިތުރުވާ ކަމަށް ޔޫރަޕިއަން ޖާނަލް އޮފް އެންޑޮކްރިނޮލޮޖީގައި ޝާއިއުކުރި ދިރާސާއަކުން ދައްކަ އެވެ. 

ދިރާސާއިން އެނގުނު ގޮތުގައި ދުވާލަކު 200 މިލިލީޓަރުގެ ދެ ތަށި ނުވަތަ އެއަށް ވުރެ ގިނައިން ސޮފްޓްޑްރިންކް ނުވަތަ ހަކުރު އަޅައިގެން ފޮނިކޮށްފައިވާ ފިޒީ ޑްރިންކްސް ބޯ މީހުންނަށް ޓައިޕް 2 ޑައެބެޓީސް ޖެހުމުގެ ފުރުސަތު، އޭގެ ބުއިންތައް ބޭނުން ނުކުރާ މީހުންނާ އަޅާބަލާއިރު 2.4 ގުނަ އިތުރެވެ.

ހަކުރު އަޅައިގެން ފޮނިކޮށްފައިވާ ފިޒީ ޑްރިންކްސް ނުވަތަ ސޮފްޓް ޑްރިންކް ބޭނުންކުރުން އިތުރުކުރި ވަރަކަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިތުރުވަމުންދާ ކަމަށް ވެސް މި ދިރާސާއިން ދެއްކި އެވެ. އެގޮތުން ދުވާލަކު ފަސް ތައްޓަށް ވުރެ ގިނައިން ސޮފްޓް ޑްރިންކު ބޭނުންކުރި މީހުންނަށް ހަކުރު ބަލީގެ ޓައިޕް 2ގެ ނުރައްކާ 10 ގުނަ އިތުރުވިކަން ވެސް ދިރާސާއިން ހާމަވި އެވެ. އަދި އެލްއޭޑީއޭގެ ނުރައްކާ ހަތަރު ގުނަ އިތުރުވި އެވެ.

ހަކުރު ބަލީގެ ދެވައްތަރެއް ހުރެއެވެ. އެއީ "ޓައިޕް 1 ޑައިބެޓީސް" އާއި "ޓައިޕް 2 ޑައިބެޓީސް" އެވެ. އޭގެ ތެރެއިން ޓައިޕް 1 ޑައިބެޓީސް އާއްމުކޮށް ޖެހެނީ ޅައުމުރުގައެވެ. އެ ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުވަތަ އެއްވެސް ވަރަކަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރު ބައްޔެވެ.

ޓައިޕް 2 ޑައިބެޓީސް އާއްމުކޮށް ބޮޑެތި މީހުންނަށް ޖެހޭއިރު އެ ބައްޔަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެން އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ބައްޔެވެ.

މީގެ އިތުރުން އާއިލާގައި ހަކުރު ބަލި ޖެހިފައިވާ މީހުން ތިބުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން މި ބަލި ޖެހުމަށް މަގުފަހިވެ އެވެ.

ހަކުރު ބަލީގެ 3 ވަނަ ވައްތަރެއް ވެސް ހިމެނެ އެވެ. އެއީ އޮޓޯއިމިއުން ޑައެބެޓީސް އޮފް އެޑަލްޓްހޫޑް (އެލްއޭޑީއޭ) އެވެ. މިއީ ޓައިޕް 1 އާއި ޓައިޕް 2 ޑައެބެޓީސްގެ ސިފަތައް ވެސް ހުންނަ ވައްތަރެކެވެ. އެހެންވެ މިއީ ޓައިޕް 1.5 ޑައެބެޓީސް އޭ ވެސް ކިޔަ އެވެ. ހަކުރު ބަލީގެ މީހުންގެ ތެރެއިން 6-10 ޕަސެންޓާ ދެމެދުގެ މީހުންގެ ކިބައިން އެލްއޭޑީއޭ ފާހަގަވެ އެވެ. ނަމަވެސް އުމުރުން 35 އަހަރުން ދަށުގެ މީހުންގެ ތެރޭގައި މި ވައްތަރުގެ ހަކުރު ބަލީގެ 25 ޕަސެންޓް މީހުން އުޅޭނެ ކަމަށް އަންދާޒާކުރެވެ އެވެ.

your imageއުމުރުން ދުވަސްވީ މީހަކު ހަކުރު ބައްޔަށް ޓެސްޓްކުރަނީ.

އެހެން ބަލިތަކެކޭ އެއްފަދައިން ހަކުރު ބައްޔަކީ ވެސް ކުރިއާލާ ދެނެގަނެވިއްޖެނަމަ ބޮޑުވަރު ނުވަނީސް ހަމަޔަކަށް އެޅުވޭ ބައްޔެކެވެ. އެހެންކަމުން ދޭތެރެދޭތެރެއިން ހަކުރު ބައްޔަށް ޓެސްޓްކޮށް ބަލަންޖެހެއެވެ. އަދި ހާއްސަކޮށް އާއިލާގައި ހަކުރު ބަލި ހުންނަނަމަ ޓެސްޓް ހެދުމަށް އިތުރަށް އިސްކަން ދޭންޖެހެ އެވެ. 

ހަކުރު ބަލީގެ އަލާމާތްތައް:

  • އަވަސް އަވަހަށް ކުޑަކަމު ދާންޖެހުން
  • ކުޑަކަމުދާ ނިޒާމާ، ހިރުގަނޑު އަދި ހަމުގެ ބަލިތައް ޖެހުން އަވަސްވުން
  • އާދަޔާ ހިލާފަށް ކަރުހިއްކާ ފެންބޮވުން
  • އާދަޔާ ހިލާފަށް ބަޑުހައިވުން
  • ބަރުދަން ލުއިވުން
  • އަތްފައި އައްސިވުން
  • ވަރުބަލިވުން

ހަކުރު ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދިވެހިން އެންމެ ގިނައިން ތަހައްމަލުކުރާ އެއް ބައްޔެވެ. ރާއްޖޭގައި 84 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ކެންސަރާއި ހަކުރު ބައްޔާއި ހާޓް އެޓޭކާއި ސްޓްރޯކް އަދި ފުއްޕާމޭގެ ބަލިތަކެވެ. ހަކުރު ބައްޔަކީ ޖެހުމަށްފަހު އިތުރު ނުރައްކާތަށް ކުރިމަތިވުމުގެ ފުރުސަތު އޮންނަ ބައްޔެކެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި ދިގު މުއްދަތަކަށް ލޭގައި ހަކުރު ކޮންޓްރޯލް ނުކުރެވުމުން ލޯ ފުސްވުމާއި ކިޑްނީގެ ބަލިތައް ޖެހުމާއި ސިކުނޑީގެ ބަލިތައް ޖެހުމާއި ކާޑިއޯ ވެސްކިއުލާ އަދި ސެރެބްރޯ ވެސްކިއުލާ ފަދަ ބަލިތަކާ ކުރިމަތިލާންޖެހެ އެވެ.

މާބަނޑު ދުވަސްވަރު ހަކުރު ބަލި ޖެހޭ މީހުން ގަވައިދުން އަހަރަކު އެއް ފަހަރު ހަކުރު ބައްޔަށް ޓެސްޓުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބައެއް ފަހަރު ހަކުރު ބަލީގެ އެއްވެސް އަލާމާތެއް ނެތި ވެސް ހަކުރު ބަލީގެ މީހުން އުޅެ އެވެ. އެހެންވެ، މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ބައްޔެކެވެ.

your imageހަކުރު އަޅާފައި ހުންނަ ބުއިންތަކުން ހީނުކުރާ ވަރުގެ ގެއްލުން ހަށިގަނޑަށް ލިބޭ

ހަކުރު ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ބައެއް ކަންކަން: 

  • ހަކުރު އަޅައިގެން ކާބޯތަކެތި ބޭނުން ނުކުރުން
  • ދުންފަތުގެ އިސްތިއުމާލުނުކުރުން އަދި ދުންފަތުގެ ދުމުން ރައްކާތެރިވުން
  • ހަކުރު އަޅައިގެން ފޮނިކޮށްފައިވާ ފިޒީ ޑްރިންކްތަކާއި ދުރުވުން
  • ދުވާލަކު ގާތްގަނޑަކަށް 30 މިނެޓު ވަންދެން އަދި ހަފުތާއަކު މަދުވެގެން ފަސް ދުވަހު ކަސްރަތުކުރުން
  • ކެއުމުގައި ކާބޯހައިޑްރޭޓްސް (ހަނޑޫ، ފުށް، ފަލަމަޑީގެ ބާވަތްތައް) މަދުން ބޭނުންކުރުން
  • ކެއުމުގެ ވަގުތުތަކާއި ކާ މިންވަރާމެދު ސަމާލުވުން


ހަކުރުބަލިން ސަލާމަތްވުމަށް، ބޭސް ބޭނުންކުރުމާއި ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ ވަރަށް ކުރިން ފަށަންޖެހޭ މަސައްކަތެއްކަން އައިޑީއެފްގެ ހޯދުންތަކުން ހާމަވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ 420 މިލިއަން މީހުންނަށް ވުރެ ގިނަ މީހުން މި ވަގުތު ވެސް ހަކުރު ބައްޔަށް ފަރުވާ ހޯދާ ކަމަށެވެ. މާނައަކީ ދުނިޔޭގެ ކޮންމެ 10 މީހުންގެ ތެރެއިން އެކަކީ ހަކުރުބަލި ތަހައްމަލު ކުރާ މީހެއްކަމަށް ވުމެވެ. އެ ބަލި ޖެހުނު މީހުންގެ އަދަދު 1980 ވަނަ އަހަރު ފަހުން ހަތަރު ގުނަ އިތުރުވެފައިވާއިރު، މި ގަރުނު ނިމޭއިރު އެ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ބިލިއަނަކަށް އަރާނެ ކަމަށް ބުންޏެވެ.

މައުލޫމާތު: އިންޓަނޭޝަނަލް ޑައިބެޓިކްސް ފައުންޑޭޝަން (އައިޑީއެފް) / ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް) / ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް