ads
ޕްރިޔަންކާ ޗޯޕްރާ.
ޕްރިޔަންކާގެ ފިލްމް "ދަ ބްލަފް"ގެ ޝޫޓިން އޮސްޓްރޭލިއާގައި ފަށައިފި
ހޮލީވުޑްގައި މިހާރު މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ތަރި ޕްރިޔަންކާ ޗޯޕްރާގެ ކުރިއަށް އޮތް ހޮލީވުޑް ފިލްމު "ދަ ބްލަފް"ގެ ޝޫޓިން އޮސްޓްރޭލިއާގައި ފަށައިފި އެވެ.

މިކަން ހާމަވީ ޕްރިޔަންކާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުންނެވެ. "ދަ ބްލަފް" ޕްރޮޑިއުސްކުރަނީ މިދިޔަ އަހަރު އެމޭޒަން ޕްރައިމްއިން ގެނެސްދިން ބަތަލާގެ ވެބް ސީރީސް "ސިޓަޑެލް"ގެ މޭސްތިރިން ކަމަށްވާ ޖޯ އާއި އެންތަނީ އެވެ.

އޭނާގެ އިންސްޓަގްރާމް ސްޓޯރީ ތަކުން ފިލްމުގެ ކްލެޕްބޯޑު ފޮޓޯއަކާއެކު ފުރަތަމަ ދުވަސް ކަމަށް ކެޕްޝަންގައި ޖަހާފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، މި ފިލްމުގައި ޕްރިޔަންކާ ކުޅޭނީ ކަނޑުފޭރޭ މީހެއް ނުވަތަ ޕައިރެޓެއްގެ ރޯލެވެ. އަދި މި ފިލްމުގައި ދައްކާނީ 19 ވަނަ ގަރުނުގައި ކެރީބިއަންގައި ހިންގާ ކަންތައްތަކެއް ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ. 

އޮސްޓްރޭލިއާގެ ހިތްގައިމު ސަރަޙައްދުތަކުގައި ޝޫޓްކުރަން ނިންމާފައިވާ މި ފިލްމުން ޕްރިޔާންކާއާ އެކު މަޝްހޫރު ޓެލެވިޒަން ސީރީސް "ދަ ބޯއީސް"ގެ އެކްޓަރު ކާލް އާބަން މުހިއްމު ރޯލުން ފެންނާނެ އެވެ. މި ފިލްމު ރިލީޒްކުރާ ދުވަހެއް އަދި އާންމެއް ނުކުރެއެވެ.

ހޮލީވުޑްގައި ޕްރިޔަންކާ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ. އެގޮތުން އޮސްކާ އެވޯޑުގައި ބައިވެރިވުމާއި ހޮލީވުޑްގެ އެންމެ މަޝްހޫރު މެގަޒިންތަކުގެ ކަވަރާއި ޓައިމް މެގަޒިންގެ ކަވަރަށް އެރުމަކީ ޕްރިޔަންކާ އަށް ބައިނަލްއަގުވާމީ ދުނިޔޭގައި ލިބުނު ކާމިޔާބީތައް ކަމުގައި ބެލެވެ އެވެ. 

އެމެރިކާގެ ޓީވީ ސިލްސިލާ "ކުއަންޓިކޯ"އިން ހުޅަނގުގެ ލޯބި ހޯދާފައިވާ ޕްރިޔަންކާ ކުޅެފައިވާ ހޮލީވުޑްގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "ވީ ކޭން ބީ ހީރޯސް"، "ބޭ ވޮޗް" އަދި މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ލަވް އަގެއިން" ފަދަ ފިލްމުތައް ހިމެނެއެވެ.

ހޮލީވުޑްގައި މިހާތަނަށް ކުރެވުނު ތަޖުރިބާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނެފައިވަނީ ހޮލީވުޑަށް އޭނާ އެޅީ ވަރަށް ވަރުގަދަ ފިޔަވަޅެއް ކަމަށާއި ބޮލީވުޑުން އާދައިގެ ބަތަލާއިން ފެންނަ ރޯލުތަކަށް ވުރެ ވަރުގަދަ ރޯލުތަކެއް ކުޅެން ބޭނުންވާތީ ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް