ads
ނަދީމްގެ މަރުގެ ދައުވާލިބޭ މަފާޒް: އޭނާ އަލުން ބަންދުކުރަން ދައުލަތުން ވަނީ ހައި ކޯޓުގައި އެދިފައި
މަފާޒު މިނިވަން ވެއްޖެ، ހައްޔަރު ކުރަން ޕީޖީ އަލުން ކޯޓަށް
މުހައްމަދު މަފާޒް ހުސައިން ސަލީމް މިނިވަން ވެ، ހައްޔަރު ކުރަން ޕީޖީ އަލުން ކޯޓަށް ހިގައްޖެ އެވެ.
Advertisement

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މުހައްމަދު މަފާޒް ހުސައިން ސަލީމް މިނިވަންވުމުން، އޭނާ އަލުން ހައްޔަރު ކުރުމަށް ދައުލަތުން ހައިކޯޓުގައި އެދެފިއެވެ.

ޓާމިނަލް ކެފޭ ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މަފާޒާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

މި މައްސަލައިގައި މަފާޒްއާ ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައިވާއިރު، މަފާޒު ކުރިން ހުރީ އެހެން މައްސަލައެއްގައި ބަންދުކޮށްފައެވެ. އޭރު ކޯޓުން ކަނޑައެޅީ އެ މައްސަލައިގައި ބަންދުކޮށްފައިވާތީ، އަލުން ބަންދު ނުކުރުމަށެވެ. އެހެންނަމަވެސް އޭނާ ބަންދުން މިނިވަން ވެއްޖެނަމަ، އަލުން ބަންދާ މެދު ގޮތެއް ކަނޑައަޅަން ކޯޓުން ކުރިން އޮތީ ނިންމާފަ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ކުރިން އެހެން މައްސަލައެއްގައި ބަންދުކޮށްފައި ހުއްޓަސް، މަފާޒް މިހާރު ބަންދުން މިނިވަންވެފައިވާތީ ނަދީމްގެ މަރުގެ މައްސަލަ ނިމެންދެން އޭނާ ބަންދުކުރަން އެދޭ ކަމަށެވެ. އެއީ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ދައުލަތުން ބުންޏެވެ.

ދިގު ދެމިގެން ދިޔަ ބަހުސްތަކަށް ފަހު، އެ މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ މަފާޒް ބަންދު ކުރުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން މަޒީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ އިސް ފަނޑިޔާރު ޝަހީދެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް