ads
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މިރޭ ނ. މަނަދޫގައި ބޭއްވި ރަސްމިއްޔާތު
ދުންފަތުގެ އިސްތިއުމާލް ކުރުން ވަރަށް ބޮޑަށް އާންމުވެއްޖެ: ހެލްތު މިނިސްޓަރު
ދިވެހިންގެ ތެރޭގައި ސިނގިރޭޓު ބުއިން ނުވަތަ ޝީޝާ ބުއިން ވަރަށް ބޮޑަށް އާންމުވެއްޖެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި ކުޑަކުދިންނާއި ޒުވާން ޖީލު ދުންފަތުން ސަލާމަތް ކުރުމަށް "ދަފަރާ"ގެ ނަމުގައި ހެލްތް ޕްރޮޓަކްޝަން އެޖެންސީ، އެޗްޕީއޭއިން ހާއްސަ ކުރި ކެމްޕެއިނެއް އިފްތިތާހުކުރުމާއި އަދި ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މިރޭ ނ. މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ ޝީޝާ ބުއިމަކީ ފަހުގެ ޖީލުގެ ޒުވާން ކުދިން މިހާރު ކުރަން ފަށާފައިވާ ވަރަށް ނޭދެވޭ ކަމެއް ކަމަށާއި މުޖްތަމައުގައި ދުންފަތުގެ އިސްތިއުމާލް ކުރުން ވަރަށް ބޮޑަށް އާންމު ވެފައިވާކަމަށެވެ. އެގޮތުން ސިންގިރޭޓް ބުއިމާއި ވޭޕް ކުރުން ކުރިއަތް ވުރެއް އާންމު ވެފައިވާކަން މިނިސްޓަރު ވިދާޅުވި އެވެ. 

ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެ ޒާތުގެ ކަންކަމަކީ އިންސާނުން ހަށިގަނޑަށް ގެއްލުންވާ ކަމެެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަމަށް ހޭލުންތެރިކުރުމަށް އަބަދުވެސް އެ ވާހަކަދައްކަން ވެއްޖެކަމަށެވެ.

"ސިނގިރޭޓު ބުއިމަކީ ނުވަތަ ޝީޝާ ބުއިމަކީ މިއީ އެއްގޮތަކަށް ވެސް ހިތްވަރު ހުރި ކަމެއް ނޫން. މީ އެއްގޮތަކަށް ވެސް ގަޓު ކަމެއް ނޫން. އަމިއްލަ ނަފުސު ބިނާކުރަން، އަޅުގަނޑުމެން މުޖުތަމައު ތެރެއަށް ނިކުމެ އަޅުގަނޑުމެންނަކީ ހައިބަތު ހުރި މީހަކަށް ވާން ކުރާ މަސައްކަތް އެއީ ގަޓު މަސައްކަތަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ނުބައި ވަބާއިން ދުރުވުމަކީ ސިއްހަތަށް ކޮށްދެވޭ ފައިދާއެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އަހަރެއްގެ މައްޗަށް ސިނގިރޭޓު ގަތުމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރާކަން ރާއްޖޭގެ ހިސާބުތަކުން ދައްކާ ކަމަށެވެ.

"ފަންސާސް ބެޑުގެ ހޮސްޕިޓަލް އަޅުގަނޑުމެން ކިޔާ ކަމަށްވަންޏާ ނުވަ ހޮސްޕިޓަލް މުޅިން، ސުމަކުން ފަށައިގެން ގޮސް އެއްކޮށް ނިންމަން ނުވަތަ ހޮސްޕިޓަލް އަޅަން ބޭނުންވާ ފައިސާގެ ވާހަކަ މި ދައްކަނީ. 1.8 ބިލިއަން ރުފިޔާގެ ވާހަކަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ބެލެނިވެރިން މި ކަމާއި މެދު ވިސްނާ ފިކުރުކޮށް ދަރިން އެކަމުން ސަލާމަތްކުރަން މަސައްކަތްކުރުން މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް ބެލެނިވެރިން މިހާރަށްވުރެ ވިސްނަންޖެހޭ ކަންކަން ހުރިކަމަށެވެ.

"ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ވިސްނާލަން ޖެހޭ ކަންކަން އެބަހުރި. ދަރިން ދުވާލު ގަޑީގައި ކުރަނީ ކޮންމެ ކަމެއްތޯ، ބެލުމާއި ދަރިން އިހްތިޔާރު ކުރާ ރައްޓެހިންނަކީ ކޮންބައެއްތޯ ބަލަން އެބަޖެހޭ. ދަރިން ސުކޫލް މާހައުލުގައި ކުރަނީ ކޮންކަމެއްތޯ ބަލަން ޖެހޭ" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ ކުޑަކުދިންގެ ނިސްބަތް ވެސް އިތުރެވެ. އެގޮތުން، އެޗްޕީއޭ އިން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކުޑަކުދިންގެ 45.7 އިންސައްތަ ކުދިން ދުންފަތުގެ އިސްތިއުމާލުކުރެއެވެ.

"ދަފަރާ" ކެމްޕެއިން އަކީ ދުންފަތުގެ ވަބާއިން ކުޑަކުދިންނާއި ޒުވާން ޖީލު ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތްޔަކުގެ ތެރެއިން ބެލެނިވެރިން ބާރުވެރި ކުރުމުގެ މަގްސަދުގައި ކުރިއަތް ގެންދިޔުމަށް ނިންމާފައިވާ ކެމްޕެއިނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް