މީގެ ކުރިން، ސަރުކާރުން ފީ ދައްކަމުން އަންނަނީ އިމްތިހާނު ތަކުން 60 މާކްސް އައްވުރެ މަތިން ހޯދާ ދަރިވަރުން ނަށެވެ.
އެ އުސޫލަށް ގެނެވުނު ބަދަލަކީ އޭ.އެސް އިމްތިހާނަށް ފީ ދައްކައިދިނުމުގައި ބަލާ މިންގަނޑު 60 މާކްސް، ސީ ގްރޭޑް އިން 50 މާކްސްއަށް ބަދަލު ކުރުން ކަމަށް ސާކިއުލާ ގައި ވަނީ ބުނެފަ އެވެ.
އާ އުސޫލުގައިވާ ގޮތުން އޭ ލެވެލް އިމްތިހާނަށް ސަރުކާރުން ފީ ދައްކައި ދޭނީ ގްރޭޑް 11 އާއި 12 ގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން އެކަމަށް އެދި ހުށަހަޅާ ދަރިވަރުންނަށެވެ.
އެޗްއެސްސީ އިމްތިހާނުގެ އިސްލާމާއީ ދިވެއްސަކީ އޭ ލެވެލްގެ ގުރޭޑްތަކުގައި ހުރިހާ ދަރިވަރުން ކިޔެވުމަށް މަޖުބޫރު މާއްދާތަކަކަށްވުމާއެކު ގްރޭޑް 12 ގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް އެ ދެ މާއްދާ އަށް ސަރުކާރުން ކުރިއެކޭ އެއްގޮތަށް ފީ ދައްކައި ދޭނެ އެވެ.
އެޑެކްސެލް ޖީސީއީ އޭ ލެވެލް އިމްތިހާނުގެ މާއްދާތަކަށް ސަރުކާރުން ފީ ދައްކައި ދޭނީ، ގްރޭޑް 11 ގެ 2 ސެމެސްޓަރ އިމްތިހާބުގެ ފައިނަލް ނަތީޖާ ނުވަތަ ގްރޭޑް 12 ގެ ފުރަތަމަ ސެމެސްޓަރުގެ އިމްތިހާނުން ދަށްވެގެން 40 މާކްސް ހާސިލު ކޮށްފައިވާ ގްރޭޑް 12 ގެ ދަރިވަރުންނަށެވެ.
މީގެ އިތުރުން، ގްރޭޑް 11 ގައި ކިޔާ ދަރިވަރުންގެ ތެރެއިން އޭއެސް ލެވެލްގެ މާއްދާއެއްގެ މޮޑިޔުލަރ ޔުނިޓެއްގައި ނުވަތަ ޔުނިޓްތަކެއްގައި ބައިވެރިވާން އެދޭ ދަރިވަރުންނަށް އެ މާއްދާގައި ބައިވެރިވެވޭނީ، ގްރޭޑް 11 ގެ ފުރަތަމަ ސެމެސްޓަރ އިމްތިހާނުގައި އެ މާއްދާއަކުން ދަށްވެގެން 50 މާކްސް ހާސިލު ކޮށްފައިވާނަމަ އެވެ.