"ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަކަށް ހޮވުނު މުސްތަފާ "ސީއެންއެމް" އަށް ވިދާޅުވީ ގުރުއަތުން ހޮވިގެން ދިރާގުން ގުޅި ވަގުތު އޭނާ ހުރީ ދައްތައެއްގެ ގޭގައި ކަމަށެވެ. މީގެ ކުރިން ވެސް އެކި ޕްރޮމޯޝަންތަކުގައި ބައިވެރިވެވިފައިވާ ކަމަށް މުސްތަފާ ބުނެ އެވެ. އެގޮތުން ބައިވެރިވެވުނު ގިނަ ޕްރޮމޯޝަންތަކުގައި ބައިވެރިވެވިފައި ވަނީ ތަނަކުން އެއްޗެއް ގަންނަ ގަތުމުގައި އެ ތަނަކުން އެއިރަކު ހިންގާ ޕްރޮމޯޝަނެއްގެ ތެރެއިން ކަން އޭނާ ފާހަގަކުރި އެވެ.
މުސްތަފާ ބުނި ގޮތުގައި އޭނާ ގެންގުޅެމުން އަންނަ ފޯނު ނަންބަރަކީ ރާއްޖެއަށް ޕޯސްޓްޕެއިޑް ތައާރަފު ކުރެވުނު ދުވަސްވަރު ދިރާގުން ނެގި ނަންބަރު ކަމުގަ އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ކަސްޓަމްސް އޮފިސަރެއްގެ ގޮތުގައި މުސްތަފާ މަސައްކަތް ކުރަމުން އަންނަތާ 32 އަހަރު ވަނީ ވެފަ އެވެ. ތުލުސްދޫއަށް ގޮސްފައި ވަނީ ލިބުނު އޮފް ދުވަހާ އީދާ ދިމާވުމުން ކަމަށް މުސްތަފާ ބުންޏެވެ.
މުސްތަފާ ބުނީ އޭނާއަކީ ކާރު ދުއްވާ އުޅޭ މީހެއް ނޫން ނަމަވެސް ކާރު ލައިސަންސް އޭނާ އަތުގައި އޮންނަ ކަމަށެވެ. ލައިސަންސް ނެގީ ރަށުގައި ލައިސަންސް ދޫކުރި އިރެއްގައި ކަމަށް އޭނާ ބުނެ އެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ނަސީބުވެރިޔާ އިއުލާނުކޮށްފައި ވަނީ ބޮޑު އީދުގެ މުނާސަބަތުގައި ރޭ އެ ކުންފުނިން ކުރިއަށް ގެންދިޔަ ދިރާގު އީދު ޝޯ ގަ އެވެ.
މިހާތަނަށް ރާއްޖޭގައި ހިންގި ޕްރޮމޯޝަނަކުން ލިބުނު އެންމެ އަގު ބޮޑު އިނާމުގެ ގޮތުގައި މުސްތަފާއަށް ލިބުނު ޓެސްލާ ކާރަކީ މޮޑެލް ތިނެއްގެ ހުދު ކުލައިގެ އިލެކްޓްރިކް ކާރެކެވެ. ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
"ވިން އަ ޓެސްލާ" ޕްރޮމޯޝަން ބާއްވާފައި ވަނީ ދިރާގުގެ ހިދުމަތް ބޭނުން ކުރަމުންދާ ކަސްޓަމަރުންނާއި އަލަށް އެ ކުންފުންޏާ ގުޅި، ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރި ކަސްޓަމަރުންގެ މެދުގަ އެވެ. މި ޕްރޮމޯޝަނަށް ބޮޑު ތަރުހީބު ލިބިފައިވާ ކަމަށް ދިރާގުން ބުނެފައިވެ އެވެ.
ޕްރޮމޯޝަނުގެ ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ ތިންވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް އައްޔަންކޮށްފަ އެވެ. ދިރާގުން ބުނި ގޮތުގައި ކްރޯ މޯލްޑިވްސްއިން ވަނީ ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި ގުރުވަތު ނެގި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ކަމުގަ އެވެ.