ads
ކުލަ ޖެހުމުގެ ހަރަކާތަކަށް ފަހު ފޮޓޯއަކަށް ބަޔަކު ހުއްޱިގެން
ކުއްލިއަކަށް ކުލަޖެހުން ހުއްޓާލައިފިނަމަ އީދުގެ "ކުލަ ފަޑު" ވެދާނެބާ؟
ޒަމާނުންސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދުގެ މުނާސަބާތަކުގައި ފެންކުޅި ކުޅުމަކީ ފޯރިއާއެކު ކުރަމުންއަންނަ ކަމެކެވެ. މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން އީދުގައި ރައްޓެހިންނާ، އާއިލާ އަދި ގާތް ތިމާގެ މީހުންނާ އެކު ކުޅިވަރު ކުރުމާއި މަޖާ ކުރުމަކީ ބާރު އަޅާފައިވާ ކަމެކެވެ.

މިހާރުވެސް ކޮންމެ އީދެއްގައިވެސް އެ ސަގާފަތް ދަމަހައްޓަމުންދެ އެވެ. ޒަމާން ބަދަލުވެ އެތަކެއް އަހަރުތަކެއް ފާއިތުވެއްޖެ އެވެ. އެ ސަގާފަތް ތެރެއަށް މަޖާކުރުމުގެ ގޮތުން އިތުރުކަން ކަން ހިމަނަން ފަށައިފި އެވެ. އެގޮތުން ކުލަ ޖެހުމާއި މިއުޒިކް ޝޯތަކާއި ތަފާތު ނެށުމުގެ ހަރަކާތްތައް ހިމެނެ އެވެ. މިކަންކަން ހިމަނާގެން އީދުގެ އުފާފާޅުކުރުން އާންމުވެއްޖެ އެވެ. މިފަހުން އަންނަ ކޮންމެ އަހަރެއްގެ އީދުގައި މާލި ހުށަހެޅުންތަކުން ފެށިގެން ގޮސް ކުލަ ޖެހުމާއި މިއުޒިކް ޝޯތައް ވަރަށް ފުޅާ ދާއިރާއެއްގައި ޖޯޝާއެކު ކުރިއަށްގެންދެ އެވެ. މިޒަމާނުގައި މިކަންކަން ހިމަނައިގެން އީދު ފާހަގަކުރުން ވެފައި ވަނީ ދިވެހިންގެ ކަށީގައި ހިފާފައިވާ ކަމަކަށެވެ.

މިފަހަރުގެ އަލްހާ އީދުވެސް ފެށިގެން އައީ މިއުޒިކް ޝޯތައް އިންތިޒާމްކުރެވި، މާލި ހުށަހެޅުންތަކާ އެކު އެކަކު އަނަކަކު ގަޔަށް އީދުގެ ފޯރީގައި ކުލަ ޖަހަމުންނެވެ. ނަމަވެސް އެހެން އަހަރުތަކާ ތަފާތު އިތުރު ކަމެއް މިފަހަރުގެ އީދުގައި ގައިމުވެސް ފާހަގަވެގެން ދިޔަ އެވެ.

ގައުމުގެ ވެރިންނާއި ދީނީ އިލްމުވެރިން ތަކުރާރުކޮށް ނަސޭހަތްތެރިވެ އިލްތިމާސް ކުރަމުން ދިޔައީ އީދު ފާހަގަކުރުމުގައި ދިވެހި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށެވެ. 

އެގޮތުން ހައްޖު ދުވަސް ނިމި އީދު ފޯރިގަދަ ހަރަކާތަކަށް ރައްޔިތުން ތައްޔާރުވަމުން ދިއުމުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ރައްޔިތުންނަށް ދިން އެންމެ މުހިއްމު އިލްތިމާސެއް ގޮތުގައި ފާހަގަކުރެއްވީ އިސްލާމީ، އުސޫލު، އަހުލާގު ހިފަހައްޓާ ބީރަށްޓެހި ސަގާފަތްތައް އީދުގެ ތެރެއަށް ނުގެނުމަށެވެ.

"އިލްތިމާސަކީ އީދުގެ އުފާ ފައުޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓެވުމެވެ. އިސްލާމީ އަހުލާގާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި، ފުރެއްދެ ސަގާފަތްތައް އީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމެވެ"

ރައީސް މުއިއްޒުގެ އިތުރުން ބައެއް އިސް ވަޒީރުންނާ ދީނީ އިލްމުވެރިންވެސް ދިޔައީ ތަކުރާރުކޮށް އެފަދައިން ނަސޭހަތްތެރިވަމުންނެވެ. އެގޮތުން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް، އީދު ފާހަގަކުރުމުގައި އިސްލާމްދީނާއި ދިވެހީންގެ އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތައް ކުރިއަށްގެންދިއުމަށް އިލްތިމާސްކުރައްވާ ކައުންސިލްތަކަށް އެފަދަ އަމަލުތަކުން އެއްކިބާވުމަށް ގޮވާލާފައިވާއިރު އިސްލާމިކް މިނިސްޓަރު ޝަހީމްވެސް އެކަމާ ގުޅޭ ގޮތުން ބަސް ވިދާޅުވެފައިވެ އެވެ. 

ޝަހީމްގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓާއެކު އީދުގެ އުފަލުގައި މަޖާކޮށް ކުލަ ޖަހަމުން ދިޔަ އެތަކެއް ރައްޔިތުންނެއް ސިއްސުވާލި އެވެ. ބައެއް ރައްޔިތުންގެ މޫނު މަތިން ހިނިތުންގޮސް ފޮހެވި އަނދިރިކަން ވެރިވެގަނެގެން ދިޔައެވެ.


"އީދުގައި ކުލަ ޖެހުމަކީ ސަގާފަތެއް ނޫން، ދިވެހި ސަގާފަތަކީ އީދުގައި ފެން ޖެހުން" ޝަހީމް ޕޯސްޓްގައި ލިޔުއްވި އެވެ.

އީދުގެ ފޯރިގަދަ ފާހަގަކުރުންތަކުގައާއި ހަރަކާތްތަކުގައި ރައްޔިތުން ޝާމިލްވެގެން ހުއްޓާ މިނިސްޓަރު ޝަހީމްގެ އިތުރުން މަޝްހޫރު އިލްމުވެރިންނާއި އިސްވެރިން އިތުރަށް ނަސޭހަތްތެރިވާން ފެށުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ފަރާތްތަކަށާއި ސަރުކާރަށް އަމާޒުވި އެވެ. ކުލަ ޖެހުންފަދަ ބީރަށްޓެހި ސަގާފަތްތަކަށް އާދަވެފައިވާ ގިނަ ރައްޔިތުންނަށް އިހުސާސްވެގެންދިޔައީ އެމީހުންގެ އުފަލަށާއި މިނިވަންކަމަށް ހުރަސްތަކެއް އެޅިގެންދާކަހަަލަ އެވެ.

މަޝްހޫރު ދީނީ އިލްމުވެރިންކަމުގާވާ އަހުމަދު ސަމީރު އަދި އަލީ ޒައިދުވެސް ނަސޭހަތްތެރިވީ ދީނުގެ ރިވެތި އާދަކާދަ ތަކާ އެއްގޮތައް އަމަލުކުރުމަށެވެ. އެގޮތުން އީދުގެ ބޮޑު ޖަމާއަތުގައި ސަމީރު ދެއްވި ހުތުބާގައި އޭނާ ވަނީ މިހާރަކަށް އައިސް އާންމުވެފައިވާ މަންޒަރެއްކަމަށްވާ މިއުޒިކް ޝޯވްތަކުގައި ގައިގޯޅިވެ ނެށުން ފަދަ އަމަލުތަކަށް އިޝާރާތްކޮށް އެފަދަ ފާހިޝް އަމަލުތަކަށް ނޭރުމަށް ނަސޭހަތްތެރިވެފަ އެވެ.

އީދުގެ މުނާސަބާ ފާހަގަކުރުމަގައި ރައްޔިތުންގެ އުފަލަަށް ހުރަސްއަޅާ ކަމަށް ބުނެ އެންމެ ގަދަޔަށް ރައްޔިތުންނާއެއްކޮޅަށް އަޑުއުފުލަމުން ދިޔަ އެއްފަރާތަކީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރެވެ. އާޒިމާ ވިދާޅުވީ އީދުގައި އުފާފާޅުކޮށް، ކުދި ބޮޑު އެންމެން އެކުގާ ކުޅެ މަޖާކުރުމަކީ ސަގާފީ ކަމެއްކަމަށާއި އިޖްތިމާއީ ރޫހު އާލާވާކަމެއްކަމަށެވެ. 

އަދި އީދު ފާހަގަކުރަމުން ދިޔައިރު މުނާސަބާ ފާހަގަކުރަމުން ދިޔަ އުސޫލަށް ފާޑުކިޔަމުން ދިޔަ ފަރާތްތަކަަށް އިޝާރާތްކޮށް އާޒިމާ ވިދާޅުވީ އެ ފަރާތްތަކުގެ ވާހަކައިން އިހުސާސްވަނީ އީދަކީ ރާއްޖޭގެ ރައްޔިތުން އަލަށް ފާހަގަކުރަން ފެށި ކަމެއްހެންކަމަށެވެ.

"އެހެންނާ ރަނގަޅަށް އެއް ކަމެއް އެބަ ކުރެވޭ ހެއްޔެވެ. ރާއްޖެ މިހާ ބައިބައިވެ، ފިތުނަ ފަސާދަ އިތުރުވެ، ހަސަދަ ވެރިކަމާއި މާރާމާރީ އިތުރުވާ ވަގުތު ހުރިހާ ރައްޔިތުން ނިކުމެ، އެއްބައިވަންތަކަމާ އެކު ކަންތަކެއް ކުރީމާ ވާންވީ އުފާ ނޫން ހެއްޔެވެ. އަޖައިބު ހީވެޔެވެ" އާޒިމާ ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށް ވިދާޅުވި އެވެ.

ޝެއިހް ސަމީރު ވިދާޅުވިފަދައިން އީދުގެ މުނާސަބާތަކުގައި ފާހިޝްއަމަލުތަކުން ދުރުވާން ދިވެހިން މަސައްކަތްކުރަންޖެހެ އެވެ. އެފަދަ ކަަންކަމުގެ ސަބަބުން އީދުގެ ބަަރާކާތް ގެއްލިގެން ދެއެވެ. 

އަދި މިނިސްޓަރު ޝަހީމް ވިދާޅުވީ ވެސް ވަރަށްވެސް ތެދު ބަސްފުޅެކެވެ. ދިވެހީންގެ ތެރޭގައި އީދުގެ އަސްލު ސަގާފަތަކީ ފެންކުޅި ކުޅުމެވެ. ކުލަ ޖެހުމެއް ނޫނެވެ. ބައެއް މީހުން ގަބޫލު ކުރާގޮތުގައި އީދުގެ ކުލަ ޖެހުމުކީ ދިވެހީން ފަށައިގަތް ބީރަށްޓެހި ސަގާފަތެކެވެ. 

ގިނަ ރައްޔިތުން ދިވެހި ސަގާފަތަށް ލޯބި ކުރިނަަމަވެސް އީދުގައި ކުލަ ޖެހުމަކީ އެމީހުންނަށް ފަސޭހައިން އުނިކުރެވޭނެ ކަމެއް ނޫނެވެ. ކަށީގައި ހިފާފައިހުރުމުގެ ސަބަބުން އެކަން ހުއްޓާލުމަށް ނުހަނު ދަތިވާނެ އެވެ. ބީރަށްޓެހި އެހެން ގައުމެއްގެ ސަގާފަތެއް ނަމަވެސް ޒަމާނުއްސުރެއް ކުޅެމުން ދިޔަ ފެންކުޅިޔަށް ،ކުލަ ޖެހުން އިތުރުކުރުމުން އީދު ފާހަގަކުރުމަށް އިތުރު ފޯރިއާއި ހިނިތުން އިތުރުވެ އެވެ. ސަގާފަތަށް އިސްކަންދިނުމުގެ ގޮތުން ކުލަ ޖެހުން ހުއްޓާލައިފިނަމަ ރައްޔިތުންގެ މިނިވަންކަން ގެއްލުންފަދަ އެވެ. އެފަދަ ކަންކަން ކުރަން ފަސޭހައެއް ނުވާނެ އެވެ. އަދި ރައްޔިތުންގެ ހިޔާލުތަފާތުވުން އެކަމުގައި ނުހަނު ބޮޑެވެ.

"އީދު އައީ ހިނިތުންވަމުން، މާމަލުގާ ނަލަ ކުލަޖައްސަމުން" މި ލަވާގެ އެ ކަޑީގެ މާނައަކީ އީދު އައުމުން އުފަލާއި ހިނިތުންވުން އިތުރުވަމުން ދާކަމެވެ. ނަަމަވެސް ކުލަ ޖެހުން ހުއްޓާލައިފިނަމަ ގިނަ ރައްޔިތުންގެ ހިނިތުންވުން ފޮހެވިގެންދާނެ ކަމަށް ގިނަ ދިވެހިން ގަބޫލުކޮށްފި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް